ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ވަގުތީ ގޮތުން ސިޔާސީ މައިދާނުން ދުރަށް ޖެހިވަޑައިގެންފިއެވެ.

ނަޝީދު މިރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެ ބަޔާނުގެ ބޭނުމަކީ އެ މަނިކުފާނު އަހަރުތަކެއް ވަންދެން ސިޔާސީ މައިދާނާ ދުރަށް ޖެހިވަޑައިގަންނަވާކަން ހާމަކޮށް ނެރޭ ބަޔާނެއް ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރައްވާނެކަން ކުރިން ދަންނަވާފައިވާނެ ކަމަށާއި އެ މަނިކުފާނު މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި މައްޗަންގޮޅި މެދުދާއިރާގެ މެމްބަރުންނަށް ހާއްސަ ޝުކުރެއް އަދާކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުގެ ސިޔާސީ މަސައްކަތުގައި އަޅުގަނޑު އެންމެ ބޮޑަށް މަސައްކަތްކުރީ، ގިނަ ޕާޓީ އެކުލެވޭ ވެރިކަމުގެ ނިޒާމެއް ފައްކާކުރުމުގެ މަސައްކަތެވެ. ދިވެހިރާއްޖެއަކީ އިސްލާމީ މަތިވެރި އުސޫލުތައް ހިފަހައްޓައި، އިންސާނީ ހައްގުތައް އިހުތިރާމުކުރާ އަދި ރައްޔިތުންނަށް ދުލާއި ގަލަމުގެ މިނިވަންކަން ކަށަވަރު ކުރެވިފައިވާ ތަނަކަށް ރާއްޖެ ހެދުމުގެ މަސައްކަތެވެ. އަޅުގަނޑު ދެކޭ ގޮތުގައި މިކަންކަން މިހާރު ވަނީ ކުރިއަށް ވުރެ ބޮޑަށް އަށަގެންފައެވެ..،" ނަޝީދު ވިދާޅުވިއެވެ.

ސިޔާސީ މަސައްކަތުގައި އެ މަނިކުފާނަށް ވަނީ ނުހަނު އަނިޔާތަކާއި ހިތާމެވެރިކަން ކުރިމަތިވެފައި ކަމަށް ނަޝީދު ވިދާޅުވިއެވެ. އެގޮތުން ޖަލުގައި އެތަކެއް ފަހަރު ބަންދުރެ އަނިޔާ ލިބުމުގެ ސަބަބުން އާއިލާއާ ދުރުގައި އުޅެން ޖެހުމުގެ ސަބަބުން ޒަވާޖީ ހަޔާތް އެއްކޮށް ބަރުބާދުވެފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެ މަނިކުފާނަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ސަބަބުން މަރުގެ ތުންފަންމައްޗަށް ގޮސްފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އެހެންނަމަވެސް މި މަސައްކަތުގައި އަޅުގަނޑަށް ނުހަނު އުފާވެރިކަމާއި ހިތްހަމަޖެހުންވެސް ލިބިފައިވެއެވެ. އަޅުގަނޑުގެ ބޮލުގައި އެޅިދިޔަ ކޮންމެ ވަޅިއެއް ވަނީ މާފައްޗަށް ބަދަލުވެފައެވެ. މިކަމަށްޓަކައި އަޅުގަނޑު މާތް ރަސްކަލާނގެއަށް އިންތިހާއަށް ކުށްތަންވަމެވެ. ޝުކުރު ދަންނަވަމެވެ.،" ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވައިގެން އެ މަނިކުފާނު ވަނީ ރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރައްވާފައި ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ރާއްޖޭގެ ރައީސްކަމުގެ މަގާމުގައި އަޅުގަނޑު އެންމެ ބޮޑަށް ކުރުމަށް މަސައްކަތް ކުރީ ރާއްޖޭގެ ރައްޔިތުންނަށް އިޖުތިމާއީ ރައްކާތެރިކަން ހޯދައިދިނުމުގެ ނިޒާމެއް ގާއިމުކުރުމާއި އަދި ރާއްޖޭގައި ޓެކްސްގެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތެވެ. އަޅުގަނޑު ދެކޭ ގޮތުގައި މި ދެ ކަންތައް ވެސް ވަނީ ކޮންމެވެސް މިންވަރަކަށް ފުރިހަމަވެފައެވެ. ދައުލަތުގެ ހަރަދަށް ޒިންމާވުމާއި އަދި ވެރިންގެ ހިޔާނާތްތެރިކަމުން ރާއްޖެ މިންޖުކުރުމަށް ކުރި އުންމީދު ހަގީގަތަކަށް އަދި ބަދަލުނުވާކަމީ ބޮޑު ހިތާމައެކެވެ. އަޅުގަނޑުގެ އުންމީދަކީ ދިވެހި ސަރުކާރާއި ވެރިން ޖަވާބުދާރީ ކުރުމުގެ މަސައްކަތް އަންނަން އޮތް ޖީލުތަކުގެ މީސްތަކުން ކުރުމެވެ.،" ނަޝީދު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ރާއްޖެއަކީ ނާޒުކު ތިމާވެއްޓެއް އޮތް ގައުމެއް ކަމަށެވެ. ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް މަޖިލީހުން ގާނޫނުތައް ފާސްކޮށްފައިވުމަކީ އެ މަނިކުފާނު އުފާވާކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އެހެންނަމަވެސް ތަރައްގީގެ ނަމުގައި ފަރުތަކާއި ތިމާވެއްޓަށް ގެއްލުންދެނިވި ކަންކަން ހިނގާކަމީ ލިބޭ ވަރަށް ދެރައެކެވެ.،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެ މަނިކުފާނު އުންމީދު ކުރައްވަނީ އެފަދަ ކަންކަން އިސްލާހުވުމަށް ކަމަށެވެ.

ރާއްޖެއާއި އިތުރު 11 ގައުމަކުން 2008 ވަނަ އަަހަރު އުފެއްދި ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) މިހާރު ވަނީ 68 ގައުމު އިތުރުވެފައި ކަމަށާއި އަދި މިހާރު ސީވީއެފް ވަނީ އިންޓަ ގަވަމެންޓް ޖަމާއަތަކަށް ބަދަލުވެފައި ކަމަށް ނަޝީދު ވިދާޅުވިއެވެ. އެންމެ ފަހުން ބޭއްވި އދ.ގެ ތިމާވެށީގެ ކޮންފަރެންސްގައި، ސީވީއެފްގެ ރިޔާސަތު ބެލެހެއްޓެވީ ގާނާގެ ރައީސް ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އެ މަނިކުފާނު ވަނީ އަޅުގަނޑު އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލްކަން ކުރުމަށް މިޖަމާއަތުގެ މެމްބަރު ގައުމުތަކުން އެދޭކަމަށް ވިދާޅުވެފައެވެ. އަޅުގަނޑު އެކަން ގަބޫލު ކުރާކަމުގައި އެ ޖަމާއަތުގައި ބުނެފީމެވެ.،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ސީވީއެފްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުރެގެން، ރާއްޖެއަށް ހިދުމަތް ކޮށްދިނުމުގެ ފުރުސަތު އެ މަނިކުފާނަށް އިންތިހާއަށް ތަނަވަސްވާނެ ކަމަށެވެ. އެހެންކަމުން އަންނަ ޖެނުއަރީ މަހުން ފެށިގެން ސީވީއެފުގެ ސެކްރެޓަރީ ޖެނެރަލްގެ ވަޒީފާ އަދާކުރައްވަން ފައްޓަވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.