ތުރުކީގެ ފުޓުބޯޅަ ކްލަބެއްގެ ރައީސް ދަނޑު މައްޗަށް އަރައި ރެފްރީއަށް ހަމަލާ ދިން މައްސަލައިގައި އެ ކްލަބުގެ ރައީސް ހައްޔަރުކޮށްފިއެވެ.
ތުރުކީގެ ފުރަތަމަ ޑިވިޝަނުގެ ކްލަބެއް ކަމަށް އެމްކޭއީ އަންކަރަގޫސޫއާއި ސޭކޫރް ރިޒެސްޕޯ ވާދަކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމުނު އިރު، އެ މެޗުގައި ރިޒެސްޕޯ އެއްވަރުކުރީ ފަހު މިނެޓުގައެވެ. މެޗުގެ ފަހު މިނެޓުގައި ގޯލު ޖެހުމާއެކު އަންކަރަގޫސޫގެ ރައީސް، ފާރޫގް ކޯސާ ދަނޑު މައްޗަށް އަރައި، ރެފްރީ ހަލީލް އުމުތު މޫނުމަތީގައި ޖެހިއެވެ.
އެ މައްސަލައިގައި ތުރުކީގެ ޖަސްޓިސް މިނިސްޓަރު ވިދާޅުވެފައި ވަނީ ރަސްމީކޮށް ތިން މީހަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށާއި، އޭގެ ތެރެއިން އެކަކީ ކްލަބު ރައީސް ފާރޫގު ކަމަށެވެ.
ތުރުކީގައި ރެފްރީއަށް ހަމަލާދިން މައްސަލައިގައި އެގައުމުގެ ރެފްރީން ފުޓުބޯޅަ ބޮއިކޮޓް ކުރުމާއެކު މިހާރު އޮތީ ލީގުތައް ހުއްޓިފައެވެ. އެ މައްސަލައިގައި ތުރުކީގެ ރައީސް ރަސެޕް ތައްޔިބު އުރުދުގާންވެސް ވަނީ ވާހަކަ ދައްކަވައިފައެވެ. އަދި މިއަދު ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ރެފްރީންނަށް އިންސާފު ހޯދައިދޭން ގޮވާލައްވައިފައެވެ.
ރެފްރީ ހަލީލަކީ ޔޫއެފާ އެލީޓް ރެފްރީންގެ ޕެނަލްގައި ހިމެނޭ ތަޖުރިބާކާރު ރެފްރީއެކެވެ. އޭނާ ވަނީ ފީފާގެ ގިނަ މެޗުތަކެއްގައިވެސް ރެފްރީކަން ކޮށްފައެވެ.
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު