ވަރިވާން ދިޔަ އަންހެނަކަށް ގުޅައި ޒާތީ މެސެޖުތަކެއް ކުރި ކަމަށް ތުހުމަތުވާ ދެ މައްސަލައަކާ ގުޅިގެން، ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލީ އާދަމް މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވާގޮތަށް ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.
ވަރިވާން ދިޔަ އަންހެނަކަށް ގުޅައި ޒާތީ މެސެޖުތަކެއް ކުރި ކަމަށް ތުހުމަތުވާ ދެ މައްސަލައިގެ ތެރެއިން ފުރަތަމަ މައްސަލައިގައި އަލީ އާދަމް މަގާމުން ވަކިކުރަން ނިންމައި އެ މައްސަލަ ޖޭއެސްސީން މަޖިލީހަށް ފޮނުވީ، މި އަހަރުގެ ޖުލައި މަހުގެ 23 ގައެވެ.
"އަލީ އާދަމް، ދައާވާގައި ހިމެނޭ ހަސްމަކަށް ގުޅައި މެސެޖުކޮށް، ހުށަހަޅާފައިވާ މައްސަލައާ ގުޅޭ ގޮތުން ޝަރީއަތުގެ ބޭރުން އެކި ވާހަކަތައް ދައްކައި، ރަހުމަތްތެރިކަން ބާއްވަން ހުށަހަޅައި، ދެމަފިރިކަމުގެ ގުޅުމުގެ ޒާތީ މައުލޫމާތު އަހައި، މި ނޫންވެސް ޒާތީ އެކި މެސެޖުތައްކޮށް، ކުރާ މެސެޖުތައް ޑިލީޓްކޮށްފައި ބެހެއްޓުމަށް އެދި މެޖިސްޓްރޭޓް އަލީ އާދަމް މުވާސަލާތު ކޮށްފައިވާކަން، ތަހުގީގަށް ލިބިފައިވާ ސްކްރީންޝޮޓްތަކުންނާއި ބަޔާންތަކުން އަދި އިސް މެޖިސްޓްރޭޓް އަލީ އާދަމްގެ އިއުތިރާފުން ސާބިތުވާތީއާއި އިސް މެޖިސްޓްރޭޓް އަލީ އާދަމް ކޮށްފައިވާ މެސެޖުތައް ހުރި ގޮތަށް ބަލާއިރު، އިސް މެޖިސްޓްރޭޓް އަލީ އާދަމް މަސައްކަތްކޮށްފައި ވަނީ ނުނިޔަތެއްގައި ނުރަނގަޅު މަގުސަދެއް އޮވެގެންކަން ސާބިތުވޭ،" ޖޭއެސްސީން މަޖިލީހަށް ފޮނުވި ފުރަތަމަ މައްސަލައިގައި ބުނެފައިވެއެވެ.
މި އަހަރުގެ އޮކްޓޯބަރު މަހުގެ 26ގައި ޖޭއެސްސީން މަޖިލީހަށް ފޮނުވި މައްސަލައިގައިވެސް ބުނެފައި ވަނީ، ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވާން ހުށަހެޅި މީހަކަށް ގުޅައި، މެސެޖުކޮށް، ޝަރީއަތުގެ ބޭރުން އެކި ވާހަކަތައް ދައްކައި ހެދިކަން ހެކިތަކުންނާއި އަލީ އާދަމްގެ އިއުތިރާފުން ސާބިތުވާ ކަމަށެވެ. އަދި އެ މެސެޖުތަކަށް ބަލާއިރު، އަލީ އާދަމް މަސައްކަތް ކޮށްފައިވަނީ ނުނިޔަތެއްގައި ނުބައި މަގުސަދެއް އޮވެގެންކަން ސަބިތުވާ ކަމަށްވެސް ބުނެފައިވެއެވެ.
މި ދެ މައްސަލަ މަޖިލީހަށް ފޮނުވުމުން އެ މައްސަލަތަކާ ގުޅިގެން މެޖިސްޓްރޭޓް މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމީ އިޖުރާއަތްތަކާ އެއްގޮތަށްތޯ ބަލައި ދިރާސާ ކުރުމަށް އެ މައްސަލަ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވިއެވެ.
އެ މައްސަލަ ކޮމިޓީން ދިރާސާ ކުރަމުން ގެންދިޔައިރު، ޖަވާބުދާރީވުމަށް އަލީ އާދަމަށް ފުރުސަތު ދިނެވެ. ކޮމިޓީގައިވެސް އޭނާ ތުހުމަތުތަކަށް އިންކާރުކޮށްފައެއް ނުވެއެވެ. އަދި އަންހެނަކަށް މެޖެސުތަކެއް ކުރި ކަމަށްވެސް އިއުތިރާފުވެވަޑައިގަތެވެ. ނަމަވެސް ޖޭއެސްސީން އެކަމުގެ ތަހުގީގު ގެންދިޔަ ގޮތާމެދު އޭނާ ވަނީ ޝަކުވާތަކެއް ކޮށްފައެވެ. އެ އަމަލުތަކަކީ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރާވަރުގެ އަމަލުތަކެއް ކަމާމެދު ސުވާލު އުފައްދައި، މަގާމުން ވަކިކުރުމުގެ ބަދަލުގައި ސުލޫކީ އެހެން ފިޔަވަޅެއް އެޅިދާނެ ކަމަށްވެސް ފާހަގަކުރެއްވިއެވެ.
މި މައްސަލައިގެ ދިރާސާ ކުރުމަށްފަހު، މި މަހު ނުވަވަނަ ދުވަހު ކޮމިޓީން ފާސްކުރީ، މެޖިސްޓްރޭޓަށް ތުހުމަތުކުރާ ދެ މައްސަލައާ ގުޅިގެން އޭނާ މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމާފައި ވަނީ ގާނޫނުއަސާސީއާއި ޖޭއެސްސީގެ ގާނޫނާއި އެފަދަ މައްސަަލަތައް ބެލުމަށް، އެ ކޮމިޝަނުން ކަނޑައަޅާފައިވާ އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
ވީމާ އެ ދެ މައްސަލައާ ގުޅިގެން އަލީ އާދަމް ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމާ ގުޅޭ ގޮތުން ޖޭއެސްސީން ފޮނުވާފައިވާ ދެ މައްސަލައަށް ކޮމިޓީން ނިންމާފައިވާ ގޮތުގެ މައްޗަށް ރިއާޔަތްކޮށްދެއްވައި މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތަކަށް މަޖިލިސް ތަޅުމުން އެ މައްސަލަ ނިންމައިދިނުމަށް ވެސް ކޮމިޓީން އެދިފައިވެއެވެ.
ކޮމިޓީން ފޮނުވި އެ ރިޕޯޓަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓަށް އެހުމުން މެޖިސްޓްރޭޓްކަމުގެ މަގާމުން އަލީ އާދަމް ވަކިކުރީ، އެ ވަގުތު ޖަލްސާގައި ތިއްބެވި 51 މެންބަރުންގެ ތެރެއިން 46 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އޭނާ މަގާމުން ވަކިކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ.
ގާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ށ)ގައި ބުނަނީ، ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ފަނޑިޔާރުކަމުގެ މަގާމަށް އެ މީހަކު ގާބިލު ނޫން ކަމަށް ނުވަތަ އެ މަގާމާ އެކަށީގެންނުވާ ފަދަ އަމަލެއް އެ ފަނޑިޔާރަކު ކޮށްފައިވާ ކަމަށް ޖޭއެސްސީއަށް ގަބޫލުކުރެވިގެން އެ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ފާސްވުމުން ކަމަށެވެ.
ގާނޫނުއަސާސީގެ 154 ވަނަ މާއްދާގެ ދަށުން އެފަދަ މައްސަލައެއް މަޖިލީހަށް ފޮނުވުމުން، މަޖިލިސް ޖަލްސާގައި އެކަން އިއުލާންކޮށް އެ މައްސަލަ އިތުރަށް ދިރާސާކުރަން މަޖިލިސް ގަވާއިގެ ދަށުން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވަންޖެހެއެވެ.
މަޖިލިސް ގަވާއިދު ބުނާ ގޮތުން ގާނޫނު އަސާސީގެ 154 ވަނަ މާއްދާގެ (ށ)ގެ ދަށުން ފަނޑިޔާރުން ވަކި ކުރުމަށް ޖޭއެސްސީއަށް ގަބޫލުކުރެވިގެން ފަނޑިޔާރުން މަގާމުން ވަކިކުރުމަށްޓަކައި ހުށަހަޅާ މައްސަލަތައް ދިރާސާކޮށް ރައްޔިތުންގެ މަޖިލީހުން ރިއާޔަތް ކޮށްދިނުމަށް އެދި ހުށަހެޅުމަކީ ޖުޑީޝަރީ ކޮމިޓީގެ މަސްއޫޫލިއްޔަތެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު