ފޮރިން ސެކްރެެޓަރީގެ މަގާމަށް ފާތިމަތު އިނާޔާ އައްޔަންކޮށްފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެ މަގާމަށް އިނާޔާ އައްޔަންކުރައްވައި ފަތްކޮޅު ހަވާލުކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ.

އިނާޔާ ފޮރިން ސެކްރެޓަރީގެ މަގާމަށް އައްޔަނުކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި އެންމެ ފަހުން އޭނާ ހުންނެވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ކަމަށް ބުންޏެވެ.

މިއީ ރާއްޖޭގެ ފޮރިން ސެކްރެޓަރީގެ މަގާމަށް އަންހެނަކު އައްޔަންކުރި ފުރަތަމަ ފަހަރެވެ. ރައީސް އޮފީހުން ބުނީ އަންހެނުން ބާރުވެރިކުރުވައި ހަމަހަމަ ފުރުސަތު ހޯދައިދިނުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށެވެ.