ތުރުކީގެ ފުޓުބޯޅަ ކްލަބެއްގެ ރައީސް ދަނޑު މައްޗަށް އަރައި ރެފްރީއަށް ހަމަލާ ދިނުމުގެ މައްސަލައިގައި، އެގައުމުގެ ފުޓުބޯޅަ ލީގުތައް މެދުކަނޑާލައިފިއެވެ.

ތުރުކީގެ ފުރަތަމަ ޑިވިޝަނުގެ ކްލަބެއް ކަމަށް އެމްކޭއީ އަންކަރަގޫސޫއާއި ސޭކޫރް ރިޒެސްޕޯ ވާދަކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމުނު އިރު، އެ މެޗުގައި ރިޒެސްޕޯ އެއްވަރުކުރީ ފަހު މިނެޓުގައެވެ. މެޗުގެ ފަހު މިނެޓުގައި ގޯލު ޖެހުމާއެކު އަންކަރަގޫސޫގެ ރައީސް، ފާރޫގް ކޯސާ ދަނޑު މައްޗަށް އަރައި، ރެފްރީ ހަލީލް އުމުތު މޫނުމަތީގައި ޖެހިއެވެ.

ފާރޫގު ޖެހިލެއް ބާރުކަމުން ރެފްރީ ހަލީލް ބިންމައްޗަށް ވެއްޓުމުން، އޭނާ ވަނީ ފައިންވެސް ރެފްރީ ގައިގައި ތަޅައިގަނެފައެވެ.

އެ މައްސަލައާ ގުޅިގެން ތުރުކީ ފުޓުބޯޅަ އެސޯސިއޭޝަނުގެ ރައީސް މެހްމަތު ބުޔުކެކްސީ ވިދާޅުވީ، މިވަގުތުން ފެށިގެން ތުރުކީ ހުރިހާ ލީގެއްގެ މެޗުތައް ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ. އަދި އެ ހާދިސާއަކީ ތުރުކީ ފުޓުބޯޅައަށް ބޮޑު ލަދެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހަބަރުތައް ބުނެފައިވާ ގޮތުގައި ރެފްރީ ހަލީލް، ބިންމައްޗަށް ވެއްޓުނު ގަޑީ އަންކަރަގޫސޫ ރައީސްގެ އިތުރުންވެސް ބައެއް މީހުން ވަނީ އޭނާއަށް ހަމަލާ ދީފައެވެ. ރެފްރީގެ މޭ މަތީގައި ކަހަލަ ގޮތަކަށް ފައިން ޖެހުމުގެ ސަބަބުން، ކަށިތަކުގައި ރެނދުލާފައިވާ ކަމަށްވެސް ނޫސްތައް ބުނެއެވެ.

އެ މައްސަލައިގައި އަންކަރަގޫސޫގެ ރައީސް ފާރޫގާއެކު އިތުރު ބަޔަކު ހައްޔަރު ކޮށްފައިވާ އިރު، ރައީސް ރަސެޕް ތައްޔިބު އުރުދުގާންވެސް ވަނީ އެ ހާދިސާ ކުށްވެރިކުރައްވައި ކުޅިވަރުގެ ރޫހު ހިފަހައްޓަން ގޮވާލައްވައިފައެވެ.

ރެފްރީ ހަލީލަކީ ޔޫއެފާ އެލީޓް ރެފްރީންގެ ޕެނަލްގައި ހިމެނޭ ތަޖުރިބާކާރު ރެފްރީއެކެވެ. އޭނާ ވަނީ ފީފާގެ ގިނަ މެޗުތަކެއްގައިވެސް ރެފްރީކަން ކޮށްފައެވެ. ރެފްރީ ހަލީލަށް ދިން ހަމަލާއާ ގުޅިގެން ތުރުކީގެ ރެފްރީންގެ ޖަމިއްޔާއިން ވަނީ އެއްވެސް ރެފްރީއަކު މެޗުތަކަށް ނާރަން ގޮވާލައި، ބޮއިކޮޓް ކޮށްފައެވެ. އަދި ސަލާމަތާ ރައްކާތެރިކަން ޔަގީން ނުވަނީސް ފުޓުބޯޅަ ނުފެށޭނެ ކަމަށްވެސް ރެފްރީންގެ ޖަމިއްޔާއިން ބުނެފައިވެއެވެ.