އެމެރިކާގެ އެފް-16 ފައިޓާ ޖެޓެއް ދެކުނު ކޮރެއާއަށް ވެއްޓިއްޖެއެވެ.

ދެކުނު ކޮރެއާގައި ކުރިޔަށް ދިޔަ ތަމްރީނު ތަކެއްގައި ބައިވެރިވި އެފް-16 ފައިޓާ ޖެޓު ވެއްޓިފައިވާއިރު އެއިން އެވަގުތު ދަތުރުކުރީ ޕައިލެޓް އެކަނި ކަމަށާއި ޕައިލެޓު ވަނީ ޖެޓު ވެއްޓުމުގެ ކުރިން އިމަޖެންސީ އެސްކޭޕް ބޭނުންކޮށްގެން ސަލާމަތްވެފައި ކަމަށް އޮފިޝަލުން ބުނެއެވެ.

ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގެ ދެކުނުން 178 ކިލޯމީޓަރު ދުރުގައި އޮންނަ ގުންސަންގައި ހުންނަ އެއާ ބޭސް އިން ފުރި އެޖެޓު ވެއްޓިފައި ވަނީ އެ ސަރަހައްދުގެ މޫދަށް ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.

ދެކުނު ކޮރެއާގައި އެމެރިކާގެ 28،500 ސިފައިން ބޭސް ވެގެން ތިބެއެވެ. އަދި ކޮރެއާ ވެފައިވަނީ އެމެރިކާއަށް މިލިޓަރީގޮތުން ގިނަ އެހީތަކެއްވާ ބައިވެރިޔަކަށެވެ.

މިދިޔަ ހަފުތާގައި އެމެރިކާގެ ހެލިކޮޕްޓަރެއް ޖަޕާނު ކަނޑަށްވެސް ވެއްޓިފައިވެއެވެ. އެ ހާދިސާގައި އެމެރިކާގެ 8 ސިފައިން މަރުވެފައިވާއިރު ވެއްޓިފައިވާ ހެލިކޮޕްޓަރުގެ މަރުކާގެ ހުރިހާ އުޅަނދެއް ދުއްވުން ވަނީ ވަގުތީގޮތުން މަނާކޮށްފައެވެ.