އިޒްރޭލުން، ޕަލަސްތީނުގެ ގާޒާއަށް، ދެމުންގެންދާ ހަމަލާތައް ހުއްޓުވުމަށް އދ. ގެ ސެކިއުރިޓީ ކައުންސިލަށް ހުށަހެޅި ގަރާރު، އެމެރިކާއިން ވީޓޯ ކުރުމުން، އެކަމުގެ ކަންބޮޑުވުން ރާއްޖެއިން ފާޅުކޮށްފިއެވެ.

ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވަނީ މިއަދު، އެމެރިކާއިން ރާއްޖެއަށް ކަނޑަޅާފައިވާ ސަފީރު އެޗްއީ ހޫގޯ ޔޮންއާ ވަނީ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުކުރެއްވުމުގައި ޒަމީރު ވަނީ، ރާއްޖެއާއި އެމެރިކާއާ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވައިފައެވެ. އެގޮތުން ވިޔަފާރީ އަދި ދިފާއީ ގުޅުން ބަދަހިކުރަން މަޝްވަރާ ކުރެވުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަދި ވާނީ ގާޒާއަށް ދެމުންގެންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ޔުއެންއެސްސީއަށް ހުށަހެޅި ގަރާރު ވީޓޯ ކުރުމުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައި" ޒަމީރު ވިދާޅުވިއެވެ.

އެ ގަރާރަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން، ޔޫއެންއެސްސީއަށް ހުށަހެޅި ގަރާރެކެވެ. ޔޫއެންއެސްސީގެ 15 މެމްބަރު ގައުމުތަކުގެ ތެރެއިން 13 ގައުމަކުން ވަނީ އެ ގަރާރަށް ތާއީދުކޮށްފައެވެ.

ޔޫއޭއީގެ އެ ގަރާރާ ދެކޮޅަށް ވޯޓު ދިނީ އެމެރިކާއިން އެކަންޏެވެ. އެ ގަރާރަށް ވޯޓު ނެގި އިރު، އިނގިރޭސިވިލާތުން ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ.