ޔޫއެފާގެ ރައީސްގެ މަގާމުގައި މިހާރު ހުންނެވި އެލެކްސެންޑާ ޗެފެރިން، ދައުރު ނިމުމުން ވެސް "ގަދަބާރުން" މަގާމުގައި ދެމިހުންނެވުމަށް މަސައްކަތްކުރައްވަމުންދާ ކަމަށް ބައެއް އެކްސްކޯ މެމްބަރުން ތުހުމަތުކޮށްފިއެވެ.
ޔޫއެފާގެ ރައީސް ޗެފެރިން ޔޫއެފާ ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވީ 2016 ވަނަ އަހަރުއެވެ. އޭނާގެ ކުރިން ޔޫއެފާ ރައީސްކަމުގައި ހުންނެވި މިޝޭލް ޕްލެޓިނީގެ ކޮރަޕްޝަން ބޮޑުވެގެން ޔޫއެފާއިން ބޮޑެތި ދަތިތަކަކާ ކުރިމަތިވެފައިވާ އިރު، ޗެފެރިން އުސޫލަށް ގެނައި އެއް ބަދަލަކީ ތިން ދައުރަށްވުރެ އިތުރަށް، އެކްސްކޯގައި އެއްވެސް މެމްބަރަކަށް ނީނދެވޭނެ ކަމަށް ގެނައި ބަދަލެވެ. އެ އުސޫލުގައި ރައީސްގެ ދައުރުވެސް އިސްތިސްނާއެއް ނުވެއެވެ. ޗެފެރިން ހަދާފައި އޮތް އުސޫލުން، އޭނާއަށްވެސް ތިން ދައުރު ފުރިހަމަކޮށް، ހަތަރުވަނަ ދައުރަކަށް ޔޫއެފާ ރައީސް ކަމަށް ކުރިމައްޗެއް ނުލެވޭނެއެވެ.
ޔޫއެފާގެ ރައިސް ޗެފެރިން، އޭނާގެ އާ ދައުރަށް މިއަހަރު އިންތިހާބުވެވަޑައިގެންފައިވާ އިރު، އެ މަގާމަށް އޭނާ އިންތިހާބުވެވަޑައިގެންނެވީ ވާދަވެރިއެއް ނެތިއެވެ. 2027 ވަނަ އަހަރު ސްލޮވޭނިއާގެ ޗެފެރިންގެ ދައުރު ހަމަވާ އިރު، އޭނާއަށް ތާއީދު ކުރާ އެކްސްކޯ މެމްބަރުން ވަނީ ޗެފެރިން ވެރިކަމަށް އަރައި ހެދި އުސޫލު އުވާލަން ވޯޓު ހޯދުމަށް މަސައްކަތް ފަށައިފައެވެ. އޭރުން 2027 ވަނަ އަހަރު ޔޫއެފާ ރައީސް ކަމަށް ކުރިމަތިލައި، ޗެފެރިން ހަތަރުވަނަ ދައުރަކަށް ވެރިކަން ދަންމާލެވޭނެއެވެ.
ޗެފެރިންގެ ފަރާތުން ދައުރު އިތުރުކުރައްވަން ކުރައްވާ މަސައްކަތަށް ބައެއް އެކްސްކޯ މެމްބަރުން ވަނީ ދެކޮޅު ހަދައިފައެވެ. އެގޮތުން ދެކޮޅަށް މަސައްކަތް ކުރުމުގައި އެންމެ އިސްކޮށް ހުންނެވީ މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ޗީފް އެގްޒެކެޓިވް، ޑޭވިޑް ގިލްއެވެ.
ޔޫއެފާގެ އެކްސްކޯގައި ހިމެނޭ ގިލް ވިދާޅުވެފައިވަނީ ޗެފެރިން މަސައްކަތްކުރައްވަނީ ޔޫއެފާގެ ތެރޭގައި ޑިމޮކްރަސީގެ އުސޫލު ފުނޑާލުމަށް ކަމަށާއި، އެކަމަށް ޖާގަ ދޭން އެކްސްކޯގެ ގިނަ މެމްބަރުންވެސް ބޭނުންނުވާ ކަމަށެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި ގިލް ވަނީ އެކްސްކޯ ބައްދަލުވުމެއްގައި އެކަމާ ރުޅި އައިސް، އެއްޗެހިވެސް ގޮވައިފައެވެ.
ޔޫއެފާ
ޔޫއެފާ
ޔޫއެފާ
ޔޫއެފާ