މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންޒީރުކުރަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސިޔާސީ ހަރަކާތްތަކުގައި އުޅުއްވުން މަނާކޮށްފައި ވަނިކޮށް، އެ މަނިކުފާނު އިސްވެ ހުންނަވާ އުފައްދަވާ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އަށް ސޮއިކުރައްވުމަށް އެ ޕާޓީގެ އޮފީހަށް ރޭ ވަޑައިގެން، ހަފުލާގައި ބައިވެރިވެވަޑައިގެން މައްސަލަ ބަލަމުންދާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ، ޕީއެންއެފްގެ އޮފީހަށް ރައީސް ޔާމީން ވަޑައިގެން މައްސަލަ އެ ސާވިސްއިން ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 64 ވަނަ މާއްދާގެ ދަށުން ގައިދީންނަށް އާއްމު މެންބަރެއްގެ ގޮތުގައި ޕާޓީއަކާ ގުޅުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސްކަމަށް އިންތިހާބުވެވަޑައިގަތުމަށް ފަހު، އެ މަނިކުފާނުގެ އެދިވަޑައިގަތުމަށް ރައީސް ޔާމީން ގެކޮޅަށް ބަދަލުކުރެއްވީ މިދިޔަ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހުއެވެ. ގެއަށް ބަދަލުކުރެއްވި ފަހުން ޔާމީނަށް ވަނީ، ސިއްހީ ކަންކަމަށް ބޭރަށް ނުކުމެ އުޅުމުގެ ލުއިތަކެއް ދީފައެވެ. އެ ލުއިތައް ލިބިވަޑައިގަތްފަހުން ޕީޕީއެމްގެ އޮފީހަށް ވަޑައިގެން ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ޔާމީން ގެންދެވީ ސިޔާސީ ހަރަކާތްތައް ހިންގަވަމުންނެވެ.

ނަމަވެސް އެއީ، ޖަލުތަކާއި ޕެރޯލްގެ ގާނޫނާ ހިލާފު ކަމަކަށް ވުމުން ކަރެކްޝަންސް އިން އޮތީ އިގުރާރާ ހިލާފުވާނަމަ ލުއިތައް އުވާލާނެ ކަމުގެ އިންޒާރު ދީފައެވެ. އެ އިންޒާރާއެކު ސިޔާސީ ކަންކަމުން ދުރުގައި ހުންނެވުމަށްފަހު، ރޭގެ ވަގުތެއްގައި ޔާމީން ވަނީ ޕީއެންއެފްގެ އޮފީހަށް ވަޑައިގެން އެ ޕާޓީއަށް ސޮއިކުރައްވައި ބައެއް މެންބަރުންގެ ފޯމާ ހަވާލުވެވަޑައިގެންފައެވެ.