ދޮގުގެ މައްޗަށް ދޮގު ހަދަމުން ހަދަމުން ގޮސް، މިއަދު ހުރިހާ ދޮގެއް ފަޅާ އަރަމުންދާ ކަމަށް ވިދާޅުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އާދަމް އާޒިމާއި މާލޭ ސިޓީ ކައުންސިލުގެ ހުސްވެފައިވާ ތިން ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް އެމްޑީޕީގެ ސޯސަން ޖަގަހައިގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ފައްޔާޒް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ދެއްކި ހުރިހާ ވާހަކައެއްގެ ހަގީގަތެއް މިހާރު ހާމަވަމުންދާ ކަމަށެވެ.
"އަޅުގަނޑުމެންނަށް މިބޭފުޅުންގެ ނިޔަތް ވަރަށް ބޮޑަށް ވެސް ސާފު. ދޮގުގެ މައްޗަށް ދޮގު ހަދަމުން ހަދަމުން އައިސް، މިއަދު ހުރިހާ ދޮގެއް އެދަނީ ފަޅާ އަރަމުން. ރިޔާސީ އިންތިހާބުގައި ވީ ވައުދެއް ވިއްޔާވީ އަޅުގަނޑުމެންގެ ރައީސް، ރައީސް ސޯލިހު އަޅުގަނޑުމެންގެ ސަރުކާރުގައި ކުރައްވަން ފައްޓަވާފައި ހުރި ކޮންމެވެސް ކަމެއްގެ މައްޗަށް ކުޑަކުޑަ އެއްޗެއް އިތުރުކޮށްލުން. ދެން ވީ ހުރިހާ ވައުދަކީ ރޯ ބުހުތާނު ދޮގުކަން މިއަދު އަޅުގަނޑުމެންނަށް ފެނިގެން އެދަނީ،" ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ ރާއްޖޭގައި އިންޑިއާގެ އެތައް ހާސް ސިފައިންނެއް ތިބި ކަމަށްބުނެ ވެސް ވާހަކަތައް ދައްކަމުންދިޔަ ކަމަށާއި ޗާގޯސްގެ ވާހަކަތައް ވެސް ދައްކަމުންދިޔަ ކަމަށެވެ. އަދި ވައުދުވި ގޮތަށް ރާއްޖެއަށް ޗާގޯސް ހޯދައިދޭން ޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
"ކޮބާތޯ އެތައް ހާސް އިންޑިއާ ސިފައިންތައް. ކޮބާ ޗާގޯސް، ޗާގޯސްއަކީ އަޅުގަނޑުމެން ކުރިން ދަންނަ ތަނެއް ވެސް ނޫން، އަޑުވެސް އަހާ ތަނެއް ނޫން. އެކަމަކު ބޮޑު ފިތުނައަކާއި ދޮގުވެރިކަމެއްގެ ތެރޭގައި އަޅުގަނޑުމެންގެ ރާއްޖޭގެ ކަނޑުގެ ބައެއް ވިއްކާލީއޭ ކިޔައިގެން ދޮގު ހަދައިގެން ދެއްކި ވާހަކަ، ކޮބާތޯ އެ ޗާގޯސް. ޗާގޯސް ހޯދަން ޖެހޭނެ، މި ސަރުކާރުން ޗާގޯސް މި ދިވެހިރާއްޖޭގެ މިލްކިއްޔާތަކަށް ހަދަން ޖެހޭނީ. އެ ވައުދުގެ މަތީގައި އެބޭފުޅުން ވެރިކަމަށް އައިސް އެ ތިބީ،" ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ ބޯހިޔާވަހިކަމަށް ދީފައިވާ ބިންތަކާއި ފުލެޓުތައް އަތުނުލުމަށާއި ވަޒީފާތަކުން މީހުން ވަކި ނުކުރާނެ ކަމަށް ވެސް ވައުދުވެފައިވާ ކަމަށާއި ނަމަވެސް މިހާރު ވަޒީފާތަކުން މީހުން ވަކިކުރަން ފަށާފައިވާ ކަމަށެވެ. މިހާރު 900 މީހުން ވަޒީފާތަކުން ވަކިކޮށްފައިވާ އިރު، މި ހަފުތާގައި އިތުރު 900 މީހުން ވަޒީފާތަކުން ވަކިކުރަން ނިންމާފައިވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ސަރުކާރުގެ އެސްއޯއީތައް މެދުވެރިކޮށް ވަޒީފާ އުފެއްދީ ސަބަބަކާ ހެދި. އެއީ އެ ކުދިކުދި އިގުސާދުތަކުގައި ވަރުގަދަ އިގުތިސާދުތަކަކަށް ހަދައި، އެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް އާމްދަނީއެއް ހޯދޭނެ ގޮތް ހޯދައިދިނުމަށް. މިއަދު ކޮންމެ ރަށަކުން ކަނޑާލާފައި އެއްލައިލާ 50 މީހުން، 100 މީހުން އެ މުޅި ރަށުގެ އިގުތިސާދު ހަލާކުވެގެންދާނެ، އެތައް އާއިލާއެއް ބިކަވެގެންދާނެ. މި ބޭފުޅުން ވެސް ކުރަންވީ ކަމަކީ އަޅުގަނޑުމެން ވެސް ކޮށްފައި ހުރި ރަނގަޅު ކަންތައްތައް ކުރިއަށްގެންދަންވީ. އެކަމަކު ކިހިނެއްތޯ އެކަން ވާނީ، އެބޭފުޅުންނަށޭ ސިޔާސީ ވަޒީފާ ދޭން ޖެހެނީ. ވިދާޅުވި ސިޔާސީ ވަޒީފާގެ ޖުމުލަ 700 އަށްވުރެ އިތުރެއް ނުކުރާނަމޭ. މިހާރު ވެސް އަޅުގަނޑަކަށް ނޭނގޭ އަރައިގެން ދިޔަ ހިސާބެއް،" ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް އިތުރަށް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ސިޔާސީ ވަޒީފާތަކަށް އައްޔަންކުރި ބޭފުޅުން ފެންވަރެއް ނެތޭ ބުނާ އިރުގައި، ޑެޕިއުޓީ މިނިސްޓަރުންނަށާއި ސްޓޭޓް މިނިސްޓަރުންނަށާއި ކުންފުނިތަކުގެ ވެރިންނަށް ޑޮކްޓަރުންތަކެއް އައްޔަންކުރުމުން ފެންވަރު ހުންނާނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް، އެ ބޭފުޅުން ވެގެންދިޔައީ ސިޔާސީ އުރަތްޕަތެއް ނެތް ތަނުގައި ކަންކުރާނެ ގާބިލުކަމެއް ވެސް ނެތް ބޭފުޅުންނަށް ކަމަށެވެ. އަދި ސިޔާސީ ވަޒީފާތައް ދިނީ ވެރިކަން ހޯދުމަށް މަސައްކަތްކުރި ބޭފުޅުން އެއްފަރާތްކޮށް އާއިލާގެ ބޭފުޅުންނަށް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު