ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގެ މިނިސްޓަރުކަމުގެ މަގާމުގެ ހުވައިކުރެއްވުމުގެ ކުރިން ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދާއި ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. މަރިޔަމް މާރިޔާގެ އަތުގައި އޮތް ބޭރު ގައުމެއްގެ ރަށްވެހިކަން ދޫކޮށްލައްވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މުގައްރިރު، މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ވިދާޅުވެއްޖެއެވެ.
ބޭރު ގައުމެއްގެ ރަށްވެހިކަން އޮތް ކަމަށްބުނެ، ރައީސް މުއިއްޒުގެ ކެބިނެޓުގެ ބައެއް މިނިސްޓަރުންނަށް ވަނީ ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ.
ނަމަވެސް ކެބިނެޓްގެ ވަޒީރުންނަށް ރުހުން ދިނުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި މިއަދު ކުރިއަށްދިޔަ ބަހުސްގައި، ވަޒީރުންގެ މަޖިލީހާ ބެހޭގޮތުން ކޮމިޓީއަށް މައުލޫމާތުދެއްވަމުން އެ ކޮމިޓީގެ މުގައްރިރު ފަލާހު ވިދާޅުވީ، ދެ ވަޒީރެއްގެ ބޭރު ގައުމެއްގެ ސިޓިޒަންޝިޕް އޮތްކަން ފާހަގަވެގެން އެ ކަމާބެހޭ މައުލޫމާތު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ކޮމިޓީން ލިޔުނު ކަމަށެވެ.
އެކަމާ ބެހޭގޮތުން ރައީސް އޮފީހުން ކޮމިޓީއަށް ފޮނުވި މައުލޫމާތުތަކަށް ބަލާ އިރު، މިނިސްޓަރު ހައިދަރަށް ރާއްޖޭގެ އިތުރުން އިނގިރޭސިވިލާތުގެ ރަށްވެހިކަން އަދި މިނިސްޓަރު މާރިޔާއަށް ނިއުޒީލެންޑްގެ ރަށްވެހިކަން މީގެކުރިން އޮތް ކަމަށެވެ. ނަމަވެސް ވަޒީރުކަމުގެ ހުވައިކުރެއްވުމުގެ ކުރިން އެބޭފުޅުންގެ ބޭރު ގައުމުގެ ރަށްވެހިކަން ދޫކޮށްލައްވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެގޮތުން މިނިސްޓަރު ހައިދަރު ރަށްވެހިކަން ދޫކޮށްލައްވާފައިވަނީ މިދިޔަ އޮކްޓުބަރު މަހުގެ 15ގައި ކަމަށާއި، މާރިޔާ ނިއުޒިލެންޑްގެ ރަށްވެހިކަން ދޫކޮށްލައްވާފައިވަނީ އޮކްޓޯބަރު 31ގައި ކަމަށްވެސް ފަލާހު ވިދާޅުވިއެވެ. އެހެންކަމުން ގާނޫނުއަސާސީގައި ބުނާ ޝަރުތު ރައީސް މުއިއްޒު އެކުލަވައިލެއްވި ކެބިނެޓުގެ 22 މެންބަރުންގެ ހަމަވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ގާނޫނުއަސާސީގެ 130 ވަނަ މާއްދާގައި ވޒީރުންގެ ކިބައިގައި ހުރުން ލާޒިމުވާ ޝަރުތުތައް ހިމަނާފައިވާ އިރު، އޭގެ ތެރެއިން އެއް ޝަރުތަކީ ދިވެހި ރައްތިޔަކަށް ވުމާއެކު ބޭރު ގައުމެއްގެ ރައްޔިތަކަށް ނުވުމެވެ.
އެހެންކަމުން ގާނޫނުއަސާސީއާއި ގާނޫނުތަކުގައި ބުނާ ޝަރުތުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރެއްވި ވަޒީރުންގެ ހަމަވާ ކަމަށް ކަނޑައަޅައި، މަޖިލިސް ތަޅުމުގައި ވަކިވަކިން ވޯޓަށް އަހައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ދިނުމަށް މަޖިލިސް ތަޅުމަށް ފޮނުވުމަށް މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މިއަދު ވަނީ ފާސްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު