ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިން ޕްރޮގްރާމުގެ ދަށުން ފްލެޓާއި ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލި ގެދޮރުވެރިން ޕޯޓަލްއަށް މިއަދު އެކްސެސް ލިބިފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

ކުރީގެ ސަރުކާރުން ދޫކޮށްފައިވާ ފްލެޓް ލިސްޓަށް، ސިސްޓަމަށް އެކްސަސްވެގެން ބައެއް ބަދަލު ގެނަސްފައިވާ ކަމަށް ބުނެ ކުރާ ތުހުމަތުތައް އޭސީސީން ތަހުގީގު ކުރަމުން އަންނައިރު، އެ ކޮމިޝަންގެ ރައީސް އާދަމް ޝާމިލް މީގެ ކުރިން ވިދާޅުވެފައި ވަނީ އެ މައްސަލައިގެ ތަހުގީގު ހުއްޓިފައި އޮތީ، މިނިސްޓްރީން ޕޯޓަލްގެ އެކްސެސް ނުލިބިގެން ކަމަށެވެ.

ޕޯޓަލްގެ އެކްސެސް އޭސީސީއަށް ދީފައިވާ ކަމަށް 27 ނޮވެމްބަރުގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވި ނަމަވެސް ފްލެޓް މައްސަލައިގައި މިދިޔަ ހަފުތާގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އޭރު އެހެން ވިދާޅުވެވުނީ އޮޅުމަކުން ކަމަށެވެ.

ޕޯޓަލަށް ނުވަދެވުނު ނަމަވެސް އޭސީސީން މީގެ ކުރިން ބުނެފައިވަނީ، ދެ ފަރާތަކުން ޕޯޓަލަށް ވަދެ މީހުންނަށް ލިބިފައިވާ ޕޮއިންޓް ބަދަލުކުރުމުގެ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން މިދިޔަ ހަފުތާގައި ބޭއްވި މަޖިލިސް ކޮމިޓީގައި ވާހަކަދައްވަމުން ފްލެޓް ދިނުމުގެ ކަންތައްތަކުގައި އޭރުގެ ސަރުކާރުގައި އެންމެ އިސްކޮށް އުޅުއްވި، ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ގެދޮރުވެރިޔާ ކޮމިޓީގެ އޭރުގެ ޗެއާ އަކުރަމް ކަމާލުއްދީން ވަނީ ސުވާލު އުފައްދަވައިފައެވެ.

އޭނާ ވިދާޅުވީ، ޕޯޓަލަށް އެކްސެސް ނުވެ، ފްލެޓް ލިސްޓަށް ބަދަލު ގެނަސްފައިވާ ކަމަށް އޭސީސީއަކަށް ނުބުނެވޭނެ ކަމަށެވެ. ޕޯޓަލްގެ ތެރެއިން މާކްސް ބަދަލު ކޮށްފައިވާ ކަމަށް އޭސީސީން ބުނާއިރު، ޕޯޓަލްއަށް އެކްސެސް ނުވެ އެކަން ބެލޭނެ ގޮތެއް ނޯންނާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ފްލެޓް މާކްސްއާ ގުޅޭ ގޮތުން އޭސީސީއަށް މިހާތަނަށް ދީފައިވާ މައުލޫމާތުތަކަކީ އެ ބޭފުޅުން ދެއްވި މައުލޫމާތުތަކެއް ކަަމަށާއި އެއަށް ބަދަލު ގެނަސްފައިނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އޭސީސީން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިއުލާން ކުރި 4000 ފުލެޓާ ގުޅިގެން އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައިގެ ތަހުގީގުގެ ބޭނުމަށް ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް, ހައުސިން މިނިސްޓްރީން އެ ކޮމިޝަނަށް މިހާރު ދީފައިވާ ކަމަށެވެ.

އެކްސެސް ދިނުމާއެކު މައްސަލައިގެ ތަހުގީގުގައި އިތުރަށް ބަލައި ފުރިހަމަކުރަން ކުރަންޖެހޭ ކަންކަން ފަށައިގެން ކުރިއަށް ގެންދާ ކަމަަށްވެސް ބުންޏެވެ.