ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މާލޭ ރައްވެހިންނަށް ގޯތި ދޭން ހުޅުވާލި "ބިންވެރިޔާ" ސްކީމްގެ ދަށުން ގޯއްޗަށް ކުރިމަތިލި މީހެއްގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް އޭރުގެ ހައުސިން މިނިސްޓްރީން ނިންމީ ގޯސްކޮށް ކަމަށް ކަނޑައަޅައި، އެ މީހާގެ ޝަރުތު ހަމަވާ ކަމަށް ނިންމައި އޭނާއަށް ގޯތި ދިނުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ ކ. މާލެ/ ދަފްތަރު ނަންބަރު: 234, ފާތިމަތު އަހުމަދުގެ ފަރާތުން، އޭރުގެ ހައުސިން މިނިސްޓްރީގެ މައްޗަށް ސިވިލް ކޯޓުގައި ކުރި ދައުވާއެކެވެ.
އެ ދައުވާގައި ބުނެފައި ވަނީ، ގޯޗަށް އެދި ފޯމު ހުށަހެޅުމުން، ނެރުނު ވަގުތީ ލިސްޓުގައި އޭނާގެ ޝަރުތު ފުރިހަމަނުވާ ކަމަށް ކަނޑައަޅާފައިވާތީ، އޭނާގެ މާލޭގެ ރަށްވެހިންގެ ރަޖިސްޓްރީއާއި އުފަން ދުވަހުގެ ސެޓްފިކެޓް ހުށަހެޅުމުންވެސް، މިނިސްޓްރީގެ ނިންމުން ނަފީކުރާފަދަ އެއްވެސް ލިޔުމެއް ހުށަހަޅާފައިނުވާ ކަމަށް ނިންމައި ދާއިމީ ލިސްޓުގައިވެސް އޭނާގެ ޝަރުތު ފުރިހަމަނުވާ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.
އެހެންކަމުން ޑީޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގައި ހުރި އޭނާގެ މައުލޫމާތު ސައްހަކަމަށް ގަބޫލު ނުކުރެވޭތީ، ސިވިލް ކޯޓުގައި އޭނާ ދައުވާކުރީ އައިޑީކާޑު ސައްހަ ކުރުމަށާއި ހައުސިން މިނިސްޓްރީގެ ނިންމުމުގެ ސަބަބުން ގެއްލިގެންދާ ހައްގުތައް ހޯދައިދިނުމަށް އެދިއެވެ.
އެގޮތުން ބޯހިޔާވަހިކަމުން އޭނާ މަހުރޫމް ކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ރިއާޔަތްކޮށް ބިންވެރިޔާ ސްކީމަށް އޭނާގެ ޝަރުތު ފުރިހަމަވާ ކަމަށް ކަނޑައަޅައި އޭނާއަށް ހައްގުވާ ގޯތި ލިބޭނެ ގޮތް ހަދައިދިނުމަށް އޭނާ ކޯޓގައި އެދުނެވެ.
ނަމަވެސް ދައުލަތުން ވަނީ މި ދައުވާއަށް އިންކާރުކޮށްފައެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ އޭނާގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ކަނޑައަޅާފައި ވަނީ ބިންވެރިޔާ ސްކީމުގެ ދަށުން މާލޭ ސަރަހައްދުން ބަންޑާރަ ގޯތި ދިނުމުގެ އުސޫލާ އެއްގޮތަށް ކަމަށްވާތީއެވެ.
މި މައްސަލަ ބެއްލެވުމަށްފަހު، ސިވިލް ކޯޓުގެ ގާޒީ ފައިސަލް އާދަމް ކުރެއްވި ހުކުމުގައި ވަނީ، ވަގުތީ ލިސްޓުގައި އޭނާގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ކަނޑައަޅާފައިވާތީ، އޭނާގެ މާލޭ ރަށްވެހިންގެ ރަޖިސްޓްރީއާއި އުފަން ދުވަހުގެ ސެޓްފިކެޓް ހުށަހެޅުމުންވެސް، މިނިސްޓްރީގެ ނިންމުން ނަފީކުރާފަދަ އެއްވެސް ލިޔުމެއް ހުށަހަޅާފައިނުވާ ކަމަށް ނިންމައި ދާއިމީ ލިސްޓުގައިވެސް އޭނާގެ ޝަރުތު ފުރިހަމަނުވާ ކަމަށް ނިންމާފައިވާ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅާ ކަމަށެވެ.
އަދި މާލޭގެ ރައްވެއްސަކަށްވާތީ ފާތިމަތު އަހުމަދަކީވެސް ބިންވެރިޔާ ސްކީމުގެ ދަށުން ޝަރުތު ފުރިހަމަވާ ފަރާތެއް ކަމަށް ބަލައިގެން، އެ ސްކީމުގެ ދަށުން ޝަރުތު ފުރިހަމަވާ އެހެން ފަރާތްތަކާ ގޯތި ހަވާލުކުރުމަށް ކަނޑައަޅާފައިވާ އިޖުރާއަތުގެ ތެރެއިން އޭނާއަށްވެސް ހައްގުވާ މިންވަރު ލިބިދެވޭ ގޮތަށް އިންތިޒާމްތައް ހަމަޖެއްސުމަށް ދިވެހި ދައުލަތަށް އެކަން އަންގައި ހުކުމްކުރާ ކަމަށްވެސް އެ ހުކުމުގައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު