ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިދުމަތް ހޯދަމުން އަންނަ ފަސިންޖަރުންނަށް ފަސޭހަ ކުރަން، އެއާޕޯޓަށް ދާ ޓެކްސީތަކާއި ކާރުތަކަށް ޑޮމެސްޓިކް ޓާމިނަލާ ހަމައަށް މަޑުކުރެވޭ ގޮތް ހަދައިފިއެވެ.
މީގެ ކުރިން މާލެއާއި ހުޅުމާލެއިން އެއާޕޯޓަށް ދާ ޓެކްސީ މަޑުކުރަނީ އިންޓަނޭޝަނަލް ޓާމިނަލް ކައިރިއަށެވެ.
ނަމަވެސް ވީއައިއޭ ހިންގާ އެމްއޭސީއެލުން މިހާރު ވަނީ ޑޮމެސްޓިކް ޓާމިނަލްގެ އުތުރުކަންމަތިން ކާރުތަކަށް މަޑު ކުރެވޭނެ ޖާގަ ހަދައިފައެވެ. އެ ތަނަށް ފަހަރަކު ތިން ކާރަށް މަޑުކުރެވޭއިރު، ޓްރެފިކް ބަލަހައްޓަން މީހުންވެސް ތިބެއެވެ. އަދި ވީއައިޕީ ކާރުކޮޅުތަކަށްވެސް ދަތިނުވާނެ ގޮތަށް ވަނީ އިންތިޒާމުތައް ހަމަޖައްސައިފައެވެ.
އެމްއޭސީއެލުން މިއަދު ބުނީ، މި ގެނައި ބަދަލާއެކު އިންޓަނޭޝަނަލް ޓާމިނަލް ކައިރިއަށްވެސް ކާރުތަކަށް މަޑުކުރެވޭނެ ކަމަށެވެ. އަދި އެއާޕޯޓުން ޓެކްސީ ނަގަން ދާން ޖެހޭނީ މިހާރުވެސް އޮންނަ ގޮތަށް އެކަމަށް ހާއްސަ ކޮށްފައިވާ ސަރަހައްދަށެވެ.
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ ކުންފުނިން މަސައްކަތް ކުރަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން އެއާޕޯޓަށް ހިދުމަތް ހޯދުމަށް އަަންނަ ފަރާތްތަކަށް ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށް ކަމަށެވެ.
އެގޮތުން މުސްތަގުބަލުގައި ފުރާ މީހުންނަށާއި އަންނަ މީހުންނަށްވެސް ޓެކްސީގެ ހިދުމަތް ލިބޭނެ ގޮތަށް ހަދާނެ ކަމަށާއި އެ މަސައްކަތް މިހާރު ކުރިއަށްދާ މަގު ހެދުމުގެ މަސައްކަތް ނިމުމުން ފަށާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު