މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި މާފަންނު ފިހާރައެއްގެ ތެރޭގައި ވަޅި ހަރައި ސ. ހިތަދޫ/ އިޒުމީރު، މުހައްމަދު އަހުމަދުދީދީ (ނައުއްޓެ) މަރާލި މައްސަލައިގައި ދެ މީހަކަށް ދައުވާކޮށްފިއެވެ.

މި މައްސަލައިގައި ދައުވާކޮށްފައި ވަނީ ސ. މަރަދޫފޭދޫ/ ރަށްދެބައިގެ، އިބްރާހީމް ފައިހް ނިޒާމާއި ތ. ގާދިއްފުށި/ ގުލޭނޫރައްމާގެ، ސިރުހާން އަލީގެ މައްޗަށެވެ. އެ ދެ މީހުންގެ މައްޗަށްވެސް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. އެ މީހުންގެ މައްޗަށް އަންނާނެ އަދަބަކީ މަރުގެ އަދަބެވެ.

ނައުއްޓެއަށް ހަމަލާދީފައި ވަނީ 24 ފެބްރުއަރީ 2023 ވަނަ ދުވަހު 21:30 ހާއިރު ކ. މާލެ، މާފަންނު މުރަނގަ މަގުގައި ހުންނަ "ކްލާސާ" ފިހާރަ ތެރޭގައެވެ. އޭނާ މަރުވެފައިވަނީ ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ، އޭނާގެ މަރުގެ މައްސަލައިގައި ފައިހްއާއި ސިރުހާންގެ މައްޗަށް ދައުވާ އުފުލައި މިދިޔަ މަހުގެ 30 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފައިވާ ކަމަށެވެ.