އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗުގައި ބޮޑު ތަފާތަކުން ބޯންމައުތު ކައިރިން ބަލިވި އިރު، އެސްޓަން ވިލާއިން އާސެނަލް ބަލިކޮށްފިއެވެ.

ރޭ ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ބޯންމައުތު އަތް ދަށުވީ 3-0 ގެ ނަތީޖާއަކުންނެވެ. ޔުނައިޓެޑުން މި ސީޒަނުގައި 11 މެޗަކުން ބަލިވެފައިވާ އިރު، އެޓީމަށް މި ސީޒަނުގައި މިހާތަނަށް މޮޅުވެވުނީވެސް 11 މެޗަކުންނެވެ. އޭގެ ތެރެއިން 16 މެޗުގައި ޔުނައިޓެޑް ކޮޅަށް ވަނީ ފުރަތަމަ ގޯލު ވަދެފައެވެ. ހާއްސަކޮށް މެޗުތަކުގެ ފުރަތަމަ 30 ގަޑިއިރެއްހާއިރު ތެރޭގައި ޔުނައިޓެޑް ކޮޅަށް ގޯލު ވަންނަލަތް ގިނަކަން ފާހަގަވެއެވެ.

މިދިޔަ ހަފުތާ ތެރޭގައި ކުޅުނު މެޗުގައި މޮޅަށް ކުޅެ ޗެލްސީ ބަލިކުރި ޔުނައިޓެޑަށް، ރޭގެ މެޗު ވީ އުނދަގޫ މެޗަކަށެވެ. ފުރަތަމަ ފެށުންވެސް ގޯހެވެ. ފަސްވަނަ މިނެޓުގައި ޑޮމިނިކް ސޮލާންކޭ ވަނީ ބޯންމައުތަށް ލީޑު ނަގައިދީފައެވެ.

އެ ގޯލާއެކު ޔުނައިޓެޑުން ގޯލެއް ޖަހައި މެޗަށް އަނބުރާ ވަނުމަށް ބުރަކޮށް މަސައްކަތް ކުރި ނަމަވެސް، އެންތޮނީއާއި އަލެހާންޑްރޯ ގާނާޗޯގެ މަސައްކަތްވީ ބޭކާރެވެ. ދެވަނަ ހާފު ފެށިގެން ޔުނައިޓެޑްގެ ކުޅުން ގެއްލުނު އިރު، ފަހަތުން ހެދި ގޯސްތަކުގެ ފައިދާ ނަގައި، ބޯންމައުތުން ފަސޭހަ ގޯލުތަކެއް ޖަހައި ޔުނައިޓެޑް ލަދުގަންނަވާލިއެވެ.

ބޯންމައުތުގެ ގޯލުތައް ޖެހީ ފިލިޕް ބިލިންނާއި މާކޮސް ސެންސޭއެވެ.

ތާވަލުގެ ދެވަނައިގައި އޮތް އާސެނަލާއި ތިންވަނައިގައި އޮތް އެސްޓަން ވިލާއިން ރޭ ކުޅުނު މެޗު، ވިލާއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު އާސެނަލަށް ވަނީ އެއްވަނަ ގެއްލިފައެވެ.

މިވަގުތު އެއްވަނައިގައި 16 މެޗުން 37 ޕޮއިންޓާއެކު ލިވަޕޫލެވެ. އާސެނަލުން ދެވަނައިގައި 16 މެޗުން 36 ޕޮއިންޓާއެކު އޮތް އިރު، ވިލާ ތިންވަނައިގައި އޮތީ 16 މެޗުން 35 ޕޮއިންޓާއެކުގައެވެ.

ރޭގެ މެޗުގައި ވިލާއިން ރަނގަޅަށް ފަށައި، ފުރިހަމަ އެޓޭކެއްގައި ގޯލު ޖެހިއެވެ. ހަތްވަނަ މިނެޓުގައި ލިއޯން ބެއިލީގެ ހުރަހަކުން، އޭރިއާ ތެރެއިން ހިތްގައިމު ކޮށް އެނބުރިލާފައި ގޯލު ޖެހީ ޖޯން މެގިންނެވެ.

އޭގެ ފަހުން އާސެނަލުން ނުރައްކާކޮށް ފުރުސަތުތައް ތަނަވަސްކުރި ނަމަވެސް، ވިލާއިން ވަނީ ފަހަތަށް ފައިބާ ޑިފެސްކޮށްފައެވެ. ހާއްސަކޮށް ވިލާގެ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒް ވަނީ ރަނގަޅު ސޭވްތަކެއް ކޮށްފައެވެ. އެގޮތުން ބުކަޔޯ ސަކާއާއި ގެބްރިއަލް ޖީސަސް އަދި މާޓެން އޮޑެގާޑް ފޮނުވާލި ހަމަލާތައްވެސް އޭނާ މަތަކުރިއެވެ.