ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެހީގައި އިމާދުއްދީން ސްކޫލުގައި ތެރަޕީ ރޫމެއް ގާއިމުކޮށްފިއެވެ.

މުޖުތަމައަށް އެހީވުމަށް ބީއެމްއެލުން ކުރާ އިންވެސްޓްމަންޓުގެ ދަށުން، އެ ތެރަޕީ ރޫމް ގާއިމުކޮށްފައިވަނީ އިމާދުއްދީން ސްކޫލުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ ތެރެއިން އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ހާއްސަކޮށްގެންނެވެ.

ބީއެމްއެލުން މިއަދު ބުނީ އެ ތެރަޕީ ރޫމް ފަރުމާކޮށްފައިވަނީ އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިން، އެ ކުދިންގެ ގާބިލުކަން އިތުރުކޮށް، ސްޕީޗް ތެރަޕީ އާއި އޮކިއުޕޭޝަނަލް ތެރަޕީވެސް ދިނުމަށް ހާއްސަ ބައެއް ހިމަނައިގެން ކަމަށާއި އޭގެ އިތުރުން އެ ތެރަޕީ ރޫމުން ސެންސަރީ އެކްޓިވިޓީތަކާއި ކައުންސިލިން ދިނުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ. އަދި އިމާދުއްދީންގެ ޖުވެލް ސެންޓަރުގެ 130 އަށްވުރެ ގިނަ ދަރިވަރުން އެ ތެރަޕީ ރޫމް ބޭނުންކުރަމުންދާނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

ބީއެމްއެލުން އަބަދުވެސް އަންނަނީ، ހިލޭސާބަހަށް ކުރާ މަސައްކަތްތަކާއި، ތައުލީމާއި، ކުޅިވަރު އަދި ތިމާވެއްޓާ ގުޅުންހުރި ޕްރޮޖެކްޓުތަކަށް އިންވެސްޓް ކުރަމުންނެވެ. އޭގެ ތެރެއިން ތައުލީމީ ދާއިރާ އަކީ ބީއެމްއެލުން ހާއްސަކަމެއްދޭ މުހިންމު ދާއިރެއެކެވެ.

ފާއިތުވި ހަތަރު އަހަރުގައި ބޭންކުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ 40 ސްކޫލަކަށް ސްޕެޝަލް އެޑިއުކޭޝަން ނީޑް ކްލާސްތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ކިޔެވުމަށް ބޭނުންވާ އާލާތްތައް ހަދިޔާކޮށްފައެވެ. އޭގެ އިތުރުން އެ ބޭންކުން ވަނީ އަތޮޅުތެރޭގެ ސްކޫލުތަކުގެ ކޮމްޕިއުޓަރު ލެބް ތަރައްގީކުރުމަށްވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ.