ލިވަޕޫލްގެ ކެމަރޫން ޑިފެންޑަރު ޖޯލް މަޓިޕްގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާގެ ސަބަބުން އޭނާއަށް ސީޒަން އެއްކޮށް ގެއްލޭނެ ކަމަށް ބެލެވިއްޖެއެވެ.
މި ހަފުތާ ޕްރިމިއާ ލީގުގައި ލިވަޕޫލުން ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗުގައި މަޓިޕަށް އަނިޔާވެގެން ބާލަން ޖެހިފައި ވަނީ މެޗުގެ 20 ވަނަ މިނެޓުގައެވެ. އެންފީލްޑްގައި ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ 4-3 ގެ ނަތީޖާއަކުންނެވެ.
މަޓިޕްގެ އަނިޔާއާ ގުޅޭގޮތުން ކޯޗު ޔާގަން ކްލޮޕް އިތުރަށް ވާހަކަ ދެއްކީ، ރޭ ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށް ކުޅެ މޮޅުވު މެޗަށްފަހުއެވެ. ރޭ ލިވަޕޫލް މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗަށްފަހު ކްލޮޕް ބުނީ މަޓިޕަށް ދިމާވީ ނަސީބު ދެރަކޮށް ކަމަށާއި ސާޖަރީއަކަށް ދާން ވިސްނާފައިވާ ކަމަށެވެ. އަދި އަނިޔާއަކީ އޭސީއެލް އަނިޔާއެއްކަމުން ސީޒަނުގެ ބާކީ ބައިގައި މަޓިޕް ދެން ކުޅޭނެ ކަމަށް ނުބެލެވޭ ކަމަށްވެސް ކްލޮޕް ރޭ ބުންޏެވެ.
އުމުރުން 32 އަހަރުގެ މަޓިޕް މީގެ ހަތް އަހަރު ކުރިން ލިވަޕޫލާ ގުޅުނީ ޖަރުމަނުގެ ޝާލްކޭއިންނެވެ. އެފަހުން ލިވަޕޫލް ޖާޒީގައި އޭނާ ވަނީ 201 މެޗު ކުޅެ، 11 ގޯލު ޖަހައިދީފައެވެ. މަޓިޕަކީ މި ފަހުން ލިވަޕޫލުން ހޯދި ކާމިޔާބީތަކުގައި މުހިއްމު ރޯލެއް އަދާކުރި ޑިފެންޑަރެކެވެ.
މަޓިޕް މި ސީޒަނަށްފަހު ލިވަޕޫލް ދޫކޮށްލާނެ ކަމަށް ކުރިން އޮތީ ވާހަކަ ދެކެވިފައެވެ. މިހާރު އޭނާ ހުރީ އެއްބަސްވުމުގެ ފަހު އަހަރުގައެވެ.
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް