މާލޭގެ ރައްޔިތުން މޭޔަރު ކަމަށް ބޭނުންވަނީ އެމްޓީސީސީގެ ކުރީގެ އެމްޑީ އާދަމް އާޒިމް ކަހަލަ ކަންތައްތައް ކުރެވޭނެކަން ސާބިތުކޮށްދެއްވާފައި ހުންނެވި ބޭފުޅަކު ގެންނަން ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އާޒިމްގެ ކެމްޕެއިން ޓީމުން ވަނީ، ޝާހިދު އާޒިމަށް ތާއީދުކުރައްވައި ވާހަކަ ދައްކަވާ ވީޑިއޯއެއް އާއްމުކޮށްފައެވެ.
"އަޅުގަނޑުމެން މާލޭގެ ރައްޔިތުން ބޭނުންވަނީ އާޒިމް ކަހަލަ ކަންތައްތައް ކުރެވޭ، ފާޑުވެރި، ތާރީހުގައި ކަންތައްތައް ކުރެވޭކަން ސާބިތުކޮށްދެއްވާފައި ހުންނެވި ބޭފުޅެއް މޭޔަރަށް އިންތިހާބު ކުރަން،" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ، މާލޭ ރައްޔިތުންގެ ދަތިތަކަށް ހައްލެއް ގެންނަން ޖެހޭ ކަމަށާއި އެކަން ކުރެވޭނީ އާޒިމަށް ކަމަށެވެ.
ޝާހިދު އިތުރަށް ވިދާޅުވީ މާލޭގެ ރައްޔިތުން އާޒިމަށް ވަރަށް ބޯކޮށް ވޯޓު ދޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.
އާޒިމަކީ އިނގިރޭސި ވިލާތުގެ ނޮޓިންހަމް ޔުނިވާސިޓީން މާސްޓާސް އޮފް ބިޒްނަސް އެންޑް ފައިނޭންސިން އަދި އިނގިރޭސި ވިލާތުގެ ޔުނިވާސިޓީ އޮފް އީސްޓް ލަންޑަންއިން ބެޗެލާ އޮފް އާޓްސް އިން އެކައުންޓިން އެންޑް ފައިނޭންސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
އާޒިމް ވަނީ އެސްޓީއޯ އާއި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރުކަމާއި ބީއެމްއެލްގެ ސްޓްރަކްޗަރަލް ޕްރޮޑަކްޓްސްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަންވެސް ކުރައްވައިފައެވެ.
މާލޭ މޭޔަރުގެ ގޮނޑި ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި، ރާއްޖޭގެ އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސްކަމާ ހަވާލުވެ ވަޑައިގަތުމަށް މި މަހު 17 ގައި އިސްތިއުފާ ދެއްވުމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު