ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީން ވާދަކުރާ ކެންޑިޑޭޓުން ކަނޑައަޅަން މި މަހު 23 ގައި ބާއްވާ ޕްރައިމަރީއަށް މިއަދު ފުރުސަތު ހުޅުވާލައިފިއެވެ.

ސަރުކާރު ހިންގާ ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައ ބުނީ، އެ ކޯލިޝަންގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަކުރަން ޝައުގުވެރިވާ މީހުންނަށް އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ފޯމު ހުށަހެޅޭނެ ކަމަށެވެ.

އެ ބަޔާނުގައި ބުނީ، ޕްރައިމަރީތައް އޮންނާނީ މި މަހުގެ 23 ވަނަ ދުވަހުގެ ހެނދުނު 10:00 އަކުން ހަވީރު 4:00 އަކަށް ކަމަށެވެ. އަދި ޕްރައިމަރީ ބާއްވާ ދާއިރާތައް ކަނޑައަޅާނީ ފޯމު ތަރުތީބުން ކަމަށްވެސް ބުންޏެވެ.

ޕްރައިމަރީއަށް ކުރިމަތިލެވޭނީ އަދި ޕްރައިމަރީގައި ވޯޓު ދެވޭނީ މި މަހުގެ މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ޕާޓީއާ ގުޅޭ މެންބަރުންނަށް އެކަންޏެވެ.

ބަޔާނުގައި ބުނީ، އެ ކޯލިޝަންގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަކުރެވޭނީ ގާނޫނު އަސާސީގައި ބަޔާންކުރާ އިންތިހާބީ ޝަތުރުތައް ފުރިހަމަވާ މެންބަރުންނާއި ޕާޓީން އެއްވެސް ފިޔަވަޅެއް އަޅައިފައިނުވާ މެންބަރުންނަށް ކަމަށެވެ.