ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ހިމެނިވަޑައިގަންނަވާ، މަޖިލީހުގެ ފުރަތަމަ ކޮމިޓީގެ ގޮތުގައި ގައުމީ ތަރައްގީ އާއި ތަރިކައާ ބެހޭ ކޮމިޓީގައި ހިމެނިވަޑައިގެންފިއެވެ.

މިހާރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލިސް ފެށުނީއްސުރެ ހުސްވި ނޮވެމްބަރު މަހުުގެ 13 ވަނަ ދުވަހާ ހަމައަށް މަޖިލިސް ރައީސްކަމުގެ މަގާމުގައި ހުންނެވުމުން، މިހާތަނަށް މަޖިލީހުގެ އެއްވެސް ކޮމިޓީއެއްގައި އެމަނިކުފާނު ހިމެނިވަޑައިގެންފައެއް ނުވެއެވެ. އެއީ މަޖިލިސް ގަވާއިދު އެގޮތަށް ތަން ނުދޭތީއެވެ. މަޖިލިސް ގަވާއިދު ބުނާގޮތުން މަޖިލިސް ރައީސަކަށް މަޖިލީހުގެ އެއްވެސް ކޮމިޓީއެއްގައި ހިމެނިވަޑައެއް ނުގެންނެވޭނެއެވެ.

އެމަނިކުފާނުގެ މައްޗަށް ހުށަހެޅުއްވި އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން ހުސްވި ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު މަޖިލިސް ރައީސްކަމުން އެމަނިކުފާނު ވަނީ އިސްތިއުފާ ދެއްވައިފައެވެ.

ރައީސް ނަޝީދު ގައުމީ ތަރައްގީ އާއި ތަރިކައާ ބެހޭ ކޮމިޓީގައި ހިމެނިވަޑައިގެންފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތައް އެކުލަވާލާފައިވާ ގޮތަށް އައި ބަދަލާ ގުޅިގެން އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ ދަ ޑިމޮކްރެޓްސް އިން ހުށަހެޅި ހުށަހެޅުމަކާ ގުޅިގެންނެވެ.

އެ ޕާޓީން ހުށަހެޅީ، ގައުމީ ތަރައްގީ އާއި ތަރިކައާ ބެހޭ ކޮމިޓީގައި އެ ޕާޓީގެ ފަރާތުން މިހާތަނަށް އިންނެވި، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދުގެ ބަދަލުގައި ޕާޓީގައި ނަޝީދުު ހިމެނުއްވުމަށެވެ.

މީގެ އިތުރުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބުގެ ބަދަލުގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު އިޖުތިމާއީ ކޮމިޓީގައި ހިމެނުމަށްވެސް އެ ޕާޓީން ހުށަހެޅިއެވެ. އެ ދެ ބަދަލު މަޖިލީހުގެ މިއަދުގެ ޖަލްސާއިން ވަނީ ފާސްކޮށްފައެވެ.