ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ހުރިހާ މެޗަކާއި ގައުމީ ޓީމުގެ މެޗުތައްވެސް ކުޅެން އޮތް ހަމައެކަނި ދަނޑު، ގައުމީ ފުޓުބޯޅަ ސްޓޭޑިއަމް ވީރާނާވެފައިވާތާ ދުވަސްތަކެއް ވެއްޖެއެވެ. 2019 ވަނަ އަހަރު ގަލޮޅު ދަނޑުގެ ދެކުނު ފަރާތް (ސަހާރާ ފަޅި) އަދި އިރުމަތީ ފަރާތުގެ (ބޮޑުގޭޓް ފަޅި) ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް ޕްލޭނިން މިނިސްޓްރީން އަންގާފައިވާތީ އެ ދެ ފަރާތް ބަންދުކުރި ގޮތަށް، ކިރިޔާވެސް ބޭނުންކުރީ ސާފް ޗެމްޕިއަންޝިޕް 2021 ގައެވެ. އެއީ އެ ނޫން ގޮތެއް ނެތިގެންނެވެ.

ދަނޑުގެ ވިނަގަނޑުގެ މައްސަލަތައް ޖެހި، އަބަދުހެން އެ ޝަކުވާވެސް ސީޒަން ތެރެއިން ޓީމުތަކުން ކުރެއެވެ. އަދި ދަނޑު އިމާރާތުގައި މީޑިއާއަށް ހާއްސަ ސަރަހައްދުތައްވެސް، ދެފަޅިން އޮތީ ވީރާނާވެފައެވެ. މިހާރަކަށް އައިސް ދަނޑުގެ ކަރަންޓް މައްސަލަތައްވެސް ގިނަކަން ފާހަގެވެގެންދާ އިރު، އަބަދުހެން ލައިޓްތައް ނިވިގެން މަސައްކަތްތަކެއް ކުރަން ޖެހެއެވެ.

އެ ހާލަތުގައި ދަނޑު އޮއްވައި، 2021 ވަނަ އަހަރު، ދަނޑު ހަދަން ފެށޭނެހެން ހީވެސް ވިއެވެ. ކުރީގެ މިނިސްޓަރު އަހުމަދު މަހްލޫފް ވަނީ ދަނޑުގެ ކުރެހުމެއްވެސް ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވައިފައެވެ. ދަނޑު ހަދަން ފެށުމާއެކު، ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ފުޓުބޯޅަ ހުޅުމާލެއަށް ބަދަލުރަން ނިންމި ހިސާބަކަށްވެސް ދިޔައެވެ. އެހެން ނަމަވެސް، އެ ކުރެހުމުގައި ކުލައެއް ނުޖެހުނެވެ. ހުރިހާ ކަމެއް ނިމިފައި ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި ނަމަވެސް، މަހްލޫފަށްވެސް އެ މަސައްކަތް ނުފެއްޓެވުނެވެ.

ސާފް ޗެމްޕިއަންޝިޕްގެ ތެރެއިން ސޯޝަލް ސެންޓަރު ކައިރީގައި ހުންނަވައި މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އޭރުގެ ޔޫތު މިނިސްޓަރު މަހުލޫފް ވިދާޅުވީ އިންޑިއާ އިން ދޭ 40 މިލިއަން ޑޮލަރުގެ ލޯން އެހީއެއްގެ ތެރެއިން ގަލޮޅު ތަރައްގީ ކުރުމަށް ގާތްގަނޑަކަށް 25 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 380 މިލިއަން ރުފިޔާ) ހަމަޖެހިފައިވާ ކަމަށެވެ. އެއަހަރު ދަނޑު ތަރައްގީ ކުރަން 55 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސައި، 2023 ވަނަ އަހަރު ބަޖެޓަށްވެސް 10 މިލިއަން ރުފިޔާގެ ބަޖެޓެއް ގައުމީ ދަނޑު ތަރައްގީކުރަން ހަމަޖެއްސިއެވެ. އެ މަސައްކަތް އިންޑިއާގެ އެހީގައި ކުރިއަށް ގެންދަން ކުރި މަސައްކަތް އެވަރުންވެސް ވީ ނާކާމިޔާބެވެ.

ދާދިފަހުން މިހާރުގެ ކުޅިވަރާ ބެހޭ ވަޒީރު، އަބްދުﷲ ރާފިއު (ރާއްޕެ) އާ "ވަން ސްޕޯޓްސް" އިން ވަނީ ގައުމީ ދަނޑުގެ ޕްލޭނާ ގުޅޭ ގޮތުން ސުވާލުކޮށްފައެވެ. އެ ސުވާލުގެ ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މިހާރު ކުރިއަށްދަނީ ކުރިން އެ މަސައްކަތް ކުރަން ކޮށްފައިވާ ކަންކަން ބަލައި، ރިވިއު ކުރުގެ މަސައްކަތް ކަމަށެވެ.

"މިހާރު މިދަނީ އެކަމަށް ވެފައި ހުރި އެއްބަސްވުންތަކާއި އަންޑަސްޓޭންޑިންތައް ރިވިއުކުރަމުން. ރިވިއުކުރުމަށްފަހުގައި ކަންނޭގެ އެންމެ އެކަށީގެންވާނީ. އެއީ ކުރީގައި މުއާމަލާތްތަކެއް ކުރެވިފައި އެބަހުރި، އެ މުއާމަލާތްތައް ކިހާ ހިސާބަކަށްތޯ ކުރެވިފައި ހުރީ. ކިހިނެތްތޯ އަޅުގަނޑުމެންނަށް ކުރިއަށް ދެވޭނީ. މިހާރު އޮތް ގޮތް ނޫން އެހެން ގޮތެއް އޮތްތޯވެސް ބަލާފައި، ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ އެ މަސައްކަތްތައް ކުރިއަށް ގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ގައުމީ ދަނޑުގެ މަސައްކަތްތަކަށް ވިސްނުމެއް ގެންގުޅުއްވާ ކަމަށާއި އެ ވިސްނުމުން ޑީވިއޭޓްވާ ގޮތަކަށް ކަންކަން ރޭވިފައި ހުރި ނަމަވެސް، އިތުރު ގޮތެއް ހޯދަންވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.

"މިހާރު ވާހަކަ ދެކެވިފައި ހުރި ފަރާތްތަކާ އަލުން ވާހަކަ ދައްކައި، އެ މީހުންގެ ވިސްނުންހުރީ އަޅުގަނޑުމެންގެ ވިސްނުމާ އެއްގޮތަކަށްތޯ ބަލާނަން. އަޅުގަނޑުމެން ޕްލޭނުން އެމީހުންގެ ވިސްނުން ޑީވިއޭޓްވަމުންދާނަމަ، ބަލާނަން އިތުރު އޮޕްޝަނެއް ހޯދޭތޯ،" ރާފިއު ވިދާޅުވިއެވެ.

ދިވެހި ފުޓުބޯޅަ ދުވަހަކު ނުދާހާ ބޮޑަށް ދަށަށް ގޮސްފައި މިއޮތް ހާލަތުގައި، ފުޓުބޯޅައަށް މިނިސްޓްރީ އާއި އެހެން ސްޓޭކް ހޯލަޑަރުން ކުރަން ޖެހޭ މަސައްކަތްވެސް ބޮޑެވެ. ހާއްސަކޮށް އެފްއޭއެމްގެ މުޅިން އިނދަޖެހި، އެތަކެއް ތުހުމަތުތަކެއްގެ ތެރެއަށް ވެއްޓިފައި އޮތް އޮތުންވެސް ނިމެން ޖެހެއެވެ. އެއާއެކު ބިނާކުރަނިވި، ވިސްނުންތަކެއް އަންނަން ޖެހެއެވެ. އޭގެ ތެރެއިން ގައުމީ ދަނޑު ތަރައްގީ ކުރުންވެސް މުހިއްމެވެ.