އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލުން ލުޓޮން ބަލިކޮށްފިއެވެ.
ލުޓޮންގެ ދަނޑުގައި އާސެނަލުން ރޭ ކުޅުނު ފޯރިގަދަ މެޗު އެޓީމުން ކާމިޔާބުކުރީ 4-3 ގެ ނަތީޖާއަކުންނެވެ. މެޗުން އާސެނަލް މޮޅުކޮށްދިން ގޯލު، އެންމެފަހު މިނެޓުގައި ޖަހައިދިނީ މި ސީޒަނަށް ބޮޑު އަގުގައި އެޓީމަށް ގެންދިޔަ އިންގްލެންޑް މިޑްފީލްޑަރު ޑެކްލަން ރައިސްއެވެ.
ރޭގެ ނަތީޖާއާ އެކު އާސެނަލަށް ވަނީ ތާވަލުގެ އެއްވަނައިގައި އަނެއްކާވެސް ފަސް ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. އެޓީމަށް 15 މެޗުން 36 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި ލިވަޕޫލް އޮތީ 14 މެޗުން 31 ޕޮއިންޓާއެކުގައެވެ. ތިންވަނައިގައި މެންޗެސްޓާ ސިޓީ އޮތީ 14 މެޗުން 30 ޕޮއިންޓާއެކުގައެވެ. އެސްޓޮން ވިލާއިންވެސް ގަދަ ހަތަރެއްގެ ތެރޭގައި ހިފަހައްޓަމުންދާ އިރު، އެޓީމަށް ވަނީ 14 މެޗުން 29 ޕޮއިންޓް ލިބިފައެވެ.
ރޭގެ މެޗުގެ 20 ވަނަ މިނެޓުގައި އާސެނަލްގެ ގެބްރިއަލް މާޓިނެލީ އެޓީމަށް ލީޑު ނަގައިދިނެވެ. އަރިމަތިން ބުކަޔޯ ސަކާގެ މަސައްކަތުން ހުރަސްކޮށްލި ބޯޅަ، އޭރިއާ ތެރެއިން މާޓިނެލީ ގޯލަށް ވައްދާލައި އެޓީމަށް ލީޑު ނަގައިދިން ނަމަވެސް، 25 ވަނަ މިނެޓުގައި ލުޓޮންއިން އެއްވަރު ކުރިއެވެ.
ޑިފެންސިވް ރަނގަޅު ފޯމެއްގައި އޮތް އާސެނަލް ކޮޅަށް އެ ގޯލު ޖެހީ ގެބްރިއަލް އޯޝޯއެވެ. ފުރަތަމަ ހާފުގެ ފަހުކޮޅުގައި އާސެނަލުން ކުޅުން ރަނގަޅުކޮށް، ހާފު ނިމުމުގެ ކުރިން ގެބްރިއަލް ޖީސަސްގެ ގޯލުން އާސެނަލް ދެވަނަ ފަހަރަށް ލީޑު ނެގިއެވެ.
އެ ލީޑުވެސް ދަމަހައްޓައި ލެވޭނެ ގޮތެއް ނުވިއެވެ. ދެވަނަ ހާފު ފެށިގެން ފުލުފުލުގައި އާސެނަލް ކޮޅަށް، ލުޓޮންއިން ދެ ގޯލު ޖެހިއެވެ. އެ ގޯލުތައް ޖެހީ އެލީޖާ އަޑެބަޔޯ އާއި ރޮސް ބާކްލޭއެވެ. ދެވަނަ ހާފުގެ ފެށުން އަވަސްކޮށް، ފޯރިގަދަކޮށް ފެނުނު އިރު، ލުޓޮންގެ ތިންވަނަ ގޯލެއް ތިން މިނެޓް ފަހުން، 60 ވަނަ މިނެޓުގައި ކައި ހަވާޓްސް ވަނީ އާސެނަލަށް އެއްވަރުކޮށްދީފައެވެ.
މެޗު އެއްވަރުވާން ދަނިކޮށް، އިތުރު ވަގުތުގައި އާސެނަލުން ޕްރެޝަރު ބޮޑުކޮށްލައި، ގޯލަކަށް މަސައްކަތް ކުރިއެވެ. އެ މަސައްކަތް ކާމިޔާބުވީ މެޗުގެ 97 ވަނަ މިނެޓުގައެވެ. އިތުރު ވަގުތަށް ދެއްކި ހަ މިނެޓްގެ ކުޅުން ހަމަވެގެން ރެފްރީ މެޗު ނިންމާލަން ތައްޔާރުވެފައި ވަނިކޮށް، ރައިސް ގޯލު ޖެހީ ކޯނަރަކުންނެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު