ވިނަރެސް ފްލެޓުގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރަން ސަރުކާރުން ނިންމައިފިއެވެ.

މިއަދުގެ ވަޒީރުންގެ ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ވިނަރެސް ފްލެޓުތަކުގެ ޑައުންޕޭމަންޓާއި ކުލީގެ އަގު ކުޑަކުރުމަކީ އެމަނިކުފާނުގެ ވައުދެއް ކަމަށެވެ. އަދި މިއަދު އެ އަގުތައް ކުޑަކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"މިހާރު ޑައުންޕޭމަންޓަށް ދައްކާ އަދަދުން 50 ޕަސެންޓް ކުޑަކޮށްދޭންށާއި، މަހުން މަހަށް ދައްކާ އަދަދު އެވަރެޖުކޮށް 4200 ރުފިޔާ އުނިވާ ގޮތަށް، މިހާރު ދައްކާވަރުން 4200 ރުފިޔާ އުނިވާނެ،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ ހިޔާ ފުލެޓުތަކުގެ ފިނިޝިންއަށް ދިޔަ ހަރަދު، ފްލެޓުތަކުގެ ވެރިންނަށް އަނބުރާ ދިނުމުގެ ގޮތުން ފްލެޓުތަކުގެ އަގުން، ދެ ލައްކަ ރުފިޔާ އުނިކުރަން ނިންމަވައިފައެވެ.

"މިހާރު މި ދައްކަނީ 5300 ރުފިޔާ، ކުރިއަށް އޮތް ހަތް އަހަރު ދުވަހަށް ދެން ދައްކަންޖެހޭނީ މަހަކު 3،984 ރުފިޔާ. 3،984 ރުފިޔާއަށް ކުޑަ ވަނީ ހިޔާ ފުލެޓުތަކުގެ އަގު ކުރިއަށް އޮތް ހަތް އަހަރު ދުވަހަށް، މިހާރު އޮތް އެގުރިމެންޓަށް އަންނާނެ ބަދަލެއް އައިސް މުއްދަތަށް ބަދަލެއް ނައިސް،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް މުއިއްޒު ވަނީ ހިޔާ ފުލެޓުތަކުގެ ފިނިޝަން މަސައްކަތަށް ކުރަން ޖެހުނު ހަރަދުތަކަށް، ފުލެޓުތަކުގެ ވެރިންނަށް ބަދަލެއްގެ ގޮތުގައި 200،000 ރުފިޔާ ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

އޭގެ އިތުރުން ރައީސް ވަނީ ރަށްރަށުގައި އިމާރާތްކޮށްފައިވާ ރޯހައުސްތަކާއި ފުލެޓުތަކާއި ގެދޮރުވެރިކަމުގެ ހައުސިން ޔުނިޓުތަކަށް ކޮންމެ މަހަކު ދައްކަންޖެހޭ ކުލި ވެސް ކުޑަކުރައްވައިފައެވެ. އެގޮތުން އެ އަ އަގު ކުޑަކުރެއްވީ 3330 ރުފިޔާއަށެވެ.