ރަށްރަށުގައި ހަދާފައިވާ ސޯޝަލް ހައުސިންތަކުގެ ކުލި 5،000 ރުފިޔާއިން 3،330 ރުފިޔާއަށް ކުޑަކުރަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުއިއްޒު މިއަދު ވަނީ ރައީސް އޮފީހުގައި އެ މަނިކުފާނުގެ ކެބިނެޓާއެކު ބައްދަލުވުމެއް ބާއްވަވައިފައެވެ. އެ ބައްދަލުވުމުގައި ނިންމި ކަންކަމުގެ މައުލޫމާތު ހާމަކުރެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މަނިކުފާނު ވިދާޅުވީ ކެބިނެޓް ބައްދަލުވުމުގައި ގެދޮރުވެރިކަމާ ގުޅޭގޮތުން ތިން ނިންމުމެއް ނިންމާފައިވާ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ ރަށްރަށުގެ ސޯޝަލް ހައުސިންތައް ދޫކޮށްފައިވަނީ ބޮޑު އަގުގައި ކަމަށެވެ. އެ އަގުތައް ކުޑަކުރުމަކީ އެ މަނިކުފާނުގެ ރިޔާސީ ވައުދުފުޅެއް ކަމަށް ރައީސް ވިދާޅުވިއެވެ.
"އެހެންވީމާ އެގޮތަށް ހުށަހެޅުނު ޕޭޕަރަށް މަޝްވަރާކޮށްފަ އަޅުގަނޑު މި ނިންމީ ހުރިހާ ރަށެއްގެވެސް އަޅާފައިހުރި ގެދޮރުވެރިކަމުގެ ހައުސިން ޔުނިޓުތައް މި ދެންނެވި ގޮތަށް 5،000 ރުފިޔާއަށް ނޫނިއްޔާ އެކި އަގުތަކަށް ބޮޑުކޮށްފަ ހުރި ޔުނިޓުތައް އަގު 3،330 ރުފިޔާއަށް ކުޑަކުރާ ގޮތަށް. 3،330 ރުފިޔާއަށް ކުޑަކުރާ ގޮތަށް ހަމަ މިހާރުވެސް އެ އޮންނަ މުއްދަތު 20 އަހަރުގެ ތެރޭގަ، މާނައަކީ ވަރަށް ބޮޑުތަނުން ޑިސްކައުންޓު އެ ލިބެނީ،" ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެހެންކަމުން މިހާރު 4،000 ރުފިޔާ އަދި 5،000 ރުފިޔާއަށް ދޫކޮށްފައިވާ ހައުސިން ޔުނިޓުތަކުގެ އަގު 3،330 ރުފިޔާއަށް ކުޑަވާނެ ކަމަށެވެ.
ވަރަށް ކުރިން ރަށްރަށުގައި ވަނީ 2،500 ރުފިޔާއަށް ހައުސިން ޔުނިޓު ދޫކޮށްފައި ކަމަށާއި އެތަންނަށް ދައްކަން ޖެހޭނީ ހަމަ އެ އަގު ކަމަށް ރައީސް ވިދާޅުވިއެވެ. މިހާރު ރަށްރަށުގައި ހުރި އެއްވެސް ހައުސިން ޔުނިޓެއްގެ އަގު 3،330 ރުފިޔާއަށްވުރެ ބޮޑުނުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ކެބިނެޓް ބައްދަލުވުމުގައި ހިޔާ ފުލެޓުގެ އަގުވެސް ކުޑަކުރަން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން ދެން ހިޔާ ފުލެޓަށް ކުލީގެ ގޮތުގައި ދައްކަން ޖެހޭނީ 3،984 ރުފިޔާ ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު