ފަސް އަހަރު ތެރޭ 1000 ފަގީރުން ހިލޭ ހައްޖަށް ފޮނުވަން ނިންމަވާފައިވާ ކަމަށާއި އެގޮތުން އަންނަ އަހަރު 50 ފަގީރަކު ހިލޭ ހައްޖަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިއަދު ރައީސް އޮފީހުގައި އެ މަނިކުފާނުގެ ކެބިނެޓާއެކު ބައްދަލުވުމެއް ބާއްވަވައިފައެވެ. އެ ބައްދަލުވުމުގައި ނިންމި ކަންކަމުގެ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ފަސް އަހަރުގެ ތެރޭގައި 1،000 ފަގީރުން، ހިލޭ ހައްޖަށް ފޮނުވުމަށް ކެބިނެޓުން ރަސްމީކޮށް ފާސްކޮށްފައިވާ ކަމަށެވެ.
"މިއަހަރު ދެން އެންމެ ފުރަތަމަ ހައްޖަށް ދާ މީހުންގެ ތެރޭގަ 50 މީހުން އެގޮތަށް ހިލޭ ހައްޖަށް ފޮނުވާނެ. ދެން އެކި އަހަރު އެކި އަދަދުތައް، ކުރިއަށް އޮތް އަހަރަށް އެއަށްވުރެ މާގިނަ ކުރެވޭނެ އިރާދަކުރެއްވިއްޔާ. ޖުމުލަކޮށް ފަސް އަހަރަށް 1،000 މީހުން ހަމަކުރާނެ،" ރައީސް ވިދާޅުވިއެވެ.
އެ މަނިިކުފާނު ވިދާޅުވީ ފަގީރުންގެ ގޮތުގައި ހައްޖަށް ފޮނުވާނީ ފަގީރުންގެ ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ މީހުންގެ ތެރެއިން ކަނޑައަޅާ މީހުން ކަމަށެވެ. އަދި ހިލޭ ހައްޖަށް މީހުން ފޮނުވުމާ ގުޅޭ އުސޫލެއް ކުރިއަށްއޮތް ތަނުގައި އެކުލަވާލާއި ގެޒެޓް ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ފަގީރުންގެ ދަފުތަރުގެ ތެރެއިން ހައްޖަށް ގެންދާނެ މީހުން ކަނޑައަޅާނީ ހާމަކަން ބޮޑު ގޮތެއްގައި ގުރުއަތު ނަގައިގެން ކަމަށާއި ގުރުއަތު ނެގުމާއި އިލެކްޓްރޯނިކް އެއްވެސް އާލާތެއް ބޭނުން ނުކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަމާޒަކީ ފަގީރުން ހިލޭ ހައްޖަށް ފޮނުވުމަކީ ފަސް އަހަރުގެ ކަމަކަށް ނަހަދައި، ދާއިމީ ގޮތެއްގައި އެކަން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު