ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފިއެވެ.
ސީއެސްސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި މިވަނީ އެ ކޮމިޝަންގެ މެމްބަރު ފާތިމަތު އާމިރާގެ ދައުރު ހަމަވުމުންނެވެ.
ރައީސް އޮފީހުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ ފޯމު ބަލައިގަންނާނީ މި މަހުގެ 18 އަދި 19 ވަނަ ދުވަހުގެ ހެނދުނު 9:30 އިން މެންދުރު 12:30 އަށް ރައީސް އޮފީހުން ކަމަށެވެ. ސީއެސްސީގެ މެންބަރުކަމަށް ކުރިމަތިލާން ހުށަހަޅަންޖެހޭ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ލިބޭނެ ކަމަށް އިއުލާނުގައި ބުންޏެވެ.
ފޯމާއެކު ކުށުގެ ރެކޯޑާއި ތައުލީމީ ސެޓްފިކެޓްތައް އަދި ސީވީ ހުށަހަޅަން ޖެހެއެވެ. އަދި މަގާމަށް ކުރިމަތިލާ ފަރާތުގެ އިގުރާރެއްވެސް ހުށަހަޅަން ޖެހެއެވެ.
ޖުމްލަ ފަސް މެމްބަރުން ތިބޭ އެ ކޮމިޝަންގައި އާމިރާގެ ދައުރު ހަމަވުމުން މިހާރު ތިއްބަވަނީ އެ ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހާއި ނައިބު ރައީސް އިބްރާހީމް ރަޝީދާއި ދެ މެންބަރުންގެ ގޮތުގައި ތިއްބެވި މުހައްމަދު ފަރުސަތާއި ފާތިމަތު ޝަރީފެވެ.
ޚަބަރު
ޚަބަރު
ޚަބަރު