ފުރަތަމަ 11 އިން ފުރުސަތު ގެއްލުނު ނަމަވެސް، ބޭނުންވަނީ އާރޮން ރަމްސްޑޭލް މަޑުކުރުވަން ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފިއެވެ.

ރަމްސްޑޭލް، 25، އާސެނަލަށް ފުރަތަމަ ގޮސް ރަނގަޅު ފޯމެއްގައި ކުޅެމުން ދިޔަ ނަމަވެސް، ޑޭވިޑް ރާޔާ ގެންދިޔަ ހިސާބުން އޭނާއަށް ފުރަތަމަ 11 ވަނަ ގެއްލިފައެވެ. އާސެނަލުން ލޯން އެއްބަސްވުމެއްގައި ބްރެންޓްފޯޑުން ރާޔާ ގެންގޮސްފައިވާ އިރު، މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުން ރަމްސްޑޭލް ފެނިގެން ދިޔައީ އެންމެ ތިން މެޗުންނެވެ.

އެންމެފަހުން ނިއުކާސަލްއިން މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި އެޓީމުގެ ގޯލްކީޕަރު ނިކް ޕޯޕަށް ބޮޑު އަނިޔާއެއްވެފައިވާ އިރު، އޭނާ އަނބުރާ ކުޅުމަށް ނުކުންނާނެ ދުވަހެއް އަދި ޔަގީނެއް ނޫނެވެ. އެހެންކަމުން ނިއުކާސަލްއިން ރަމްސްޑޭލް ގެންދަން މަސައްކަތް ކުރަމުން އަންނަކަމަށް ބައެއް މީޑިއާތައް ބުނެއެވެ.

"ރަމްސްޑޭލް މަޑުކުރުވަން އަހަރެން ބޭނުން. އަހަރެމެން އަތުގަ ވަރަށް މޮޅު ދެ ގޯލްކީޕަރުން ތިބުމުން އަހަރެން އުފާކުރަން. އަހަރެމެން މިހާރަށްވުރެ ރަނގަޅުކުރަން ބޭނުންވާ ނަމަ، ޓީމުގައި މިހާރު އޮތް ސްކޮޑަށްވެސް އިތުރު ކުޅުންތެރިން ގެންނަން ބޭނުންވޭ. އިތުރަށް ޑިޕާޓްމަންޓެއް ރަނގަޅުކުރެވޭނީ މިހާރު ތިބި ކުޅުންތެރިން މަޑުކޮށްގެން،" އާޓެޓާ ބުންޏެވެ.

އާސެނަލުން މިދިޔަ ސީޒަނުގެ ލީގަށް ވާދަކުރި އިރު، އެފަހަރު ޕްރިމިއާ ލީގުގެ ހުރިހާ މެޗެއްގައި ރަމްސްޑޭލް ވަނީ ފުލްކޮޮށް ކުޅެފައެވެ. މި ސީޒަން ފެށިއިރުވެސް އޭނާއަކީ ފުރަތަމަ ޗޮއިސް ނަމަވެސް، ހަތަރު މެޗަށްފަހު އާޓެޓާ ވަނީ ރާޔާއަށް ފުރުސަތު ދީފައެވެ.