ހިކަނދިފަތަކީ ރާއްޖޭގައާއި ދެކުނު އޭޝިޔާގެ ވަރަށްގިނަ ގައުމުތަކުގައި ކާނާ ތައްޔާރުކުރުމުގައި ބޭނުންކުރާ ފަތެކެވެ. މި ސަރަހައްދުގެ މީހުންގެ ގާތުން ދަސްކޮށްގެން ދުނިޔޭގެ އެހެން ބައްރުތަކުގައި ވެސް މި ފަތް ބޭނުންކުރެއެވެ. ކާނާ ތައްޔާރުކުރާއިރު މި ފަތް ބޭނުންކުރަނީ ހަމައެކަނި މީރު ރަހަޖައްސާލާ އެއްޗެއްގެ ގޮތުގައެވެ.

ހިކަނދިފަތުގެ ސިއްހީ ފައިދާތަކަށްބަލާއިރު މިއީ ހަމައެކަނި ރަހަޖައްސާލަން ބޭނުންކޮށްލާފައި ދޫކޮށްލެވޭވަރަށްވުރެ އޭގެ ފައިދާ ގިނަ، ބޭނުންތެރި ފަތެކެވެ. ރީތިވުމާއި ނަލަވުމަށް ބޭނުންކުރާ ސާމާނު ތައްޔާރުކުރުމާއި ގޭތެރޭގައި އަމިއްލައަށް ތައްޔާރުކުރާ ބިއުޓީ ޕްރޮޑަކްޓްތަކުގައި ވެސް ބޭނުންކުރެވިދާނެ ފަތެކެވެ.

ހިކނދިފަތަކީ ކުދިކުދި ފަތްތަކެއް ހުންނަ މީރުވަސްދުވާ މާމެލީގެ އާއިލާގައި ހިމެނޭ ގަހެކެވެ. އޭގެ ސައިންޓިފިކް ނަމަކީ (Murraya koenigii) އެވެ. މި ގަސް ނިސްބަތްވާ އިލްމީ އާއިލާއަކީ (Rutaceae) އެވެ. މިއީ ބޭސްވެރިކަމުގައި ވެސް ބޭނުންކުރާ ގަސްގަހާގެހީގެ ތެރޭގައި ހިމެނޭ ބާވަތެކެވެ. ހިކަނދި ގަހެއްގެ އާއްމު އުސްމިނަކީ 6 ފޫޓާއި 15 ފޫޓާ ދެމެދެވެ. މި ގަސް 4 ފޫޓާއި 12 ފޫޓާ ދެމެދުގެ ސަރަހައްދަކަށް ފެތުރެއެވެ.

މި ގަހުގެ އަސްލު ބައްރަކީ ދެކުނު އޭޝިއާ އެވެ. އެންމެ ގިނައިން މި ގަސް ފެންނާނީ ސްރީލަންކާ، ބަންގްލަދޭޝް، ޗައިނާ، އިންޑިއާ، އަދި ދިވެހިރާއްޖެއިންނެވެ. މި ގަސް އެންމެ ފުރަތަމަ ފެނުނުކަމަށް ބެލެވޭ ތަންތަނުގެ ގޮތުގައި ފާހަގަ ކުރެވިފައިވަނީ ހިމާލިޔާ ސަރަހައްދާއި، ޓަމިލްނާޑޫ އާއި، ކެރެލާއާއި، އާސާމް މި ސަރަޙައްދުތަކެވެ.

ތަފާތު މޫސުން އަންނަ ގައުމުތަކުގައި ހޫނު މޫސުމާއި ރަބީއު މޫސުމުގައި މި ގަސް ބޮޑަށް ހެދެއެވެ. އަދި ޚަރީފް މޫސުމާއި ފިނި މޫސުމުގައި ކޮންމެވެސް ވަރަކަށް ފަތްތައް ފައިބައެވެ. ދިވެހިރާއްޖޭގައި މި ގަސް ބޮޑަށް ހެދެނީ ހުޅަނގު މޫސުމުގައެވެ. އިރުވައި މޫސުމުގައި ވެސް މި ގަހުން ބޭނުންވަރަކަށް ފަތްލިބެއެވެ.

ދިވެހިން އާއްމު ގޮތެއްގައި ތާޒާ ހިކަނދިފަތް ބޭނުން ކުރިއަސް ހިކި ހިކަނދިފަތްވެސް އެއީ ބޭނުންކުރެވިދާނެ އެއްޗެކެވެ. ދެވައްތަރުންވެސް ސިއްހީ ފައިދާތައް ލިބެއެވެ. އެކަން ތިރީގައިވާ މައުލޫމާތުން އެނގެއެވެ. މިތާނގައި މި ބަޔާންކުރަނީ 100 ގްރާމް ހިކަނދިފަތުން ލިބޭ ކާނާގެ ވެލިއޫތަކެވެ.

ނިއުޓްރިޝަނަލް ވެލިއޫ ރޯ ހިކަދިފަތް ހިކި ހިކަނދިފަތް

ޕްރޮޓީން (ގްރާމް) 6 12

ކާރބޯހައިޑްރޭޓްސް (ގްރާމް) 18.7 64.31

ފެޓް (ގްރާމް) 1 5.4

ވިޓަމިން ސީ (މިލިގްރާމް) 4 4

ކެރޮޓީން (މައިކްރޯގްރާމް) 7560 5292

ކެލްސިއަމް (މިލިގްރާމް) 830 2040

ދަނގަޑު (މިލިގްރާމް) 0.93 12

މި ޓޭބަލަށް ބަލާއިރު ހިކި ހިކަނދިފަތުން ލިބޭ ފައިދާ ރޯ ހިކަނދިފަތުން ލިބޭ ފައިދާއަށްވުރެ ބޮޑުކަމަށް ހީވިޔަސް ހިކި ހިކަނދިފަތުގެ 100 ގްރާމްގައި ރޯ ހިކަނދިފަތުގެ 100 ގްރާމަށްވުރެ މާގިނަ ފަތް ހުންނާނެއެވެ.

• ލޭގެ ޕްރެޝަރު ދަށްކޮށްދިނުން

• ބެކްޓީރިއާއިން ޖެހޭ ބަލިތައް މަދުކޮށްދިނުން

• ވައިރަސްތަކުން ޖެހޭ ބަލިތައް މަދުކޮށްދިނުން

• ފަންގަލްތަކުން ޖެހޭ ބަލިތައް މަދުކޮށްދިނުން

• ބޭރަށް ހިންގުމާއި ބަނޑު ދިޔާވުމަށް ފަރުވާލިބުން

• ބަނޑު ހަރުވުމަށް ފަރުވާލިބުން

• ފާރު ހިކުމަށް ފަރުވާލިބުން

• ކެންސަރު ބަލިން ދުރުކޮށްދިނުމަށް އެހީތެރިވުން

• ހަކުރުބައްޔާ ދުރުހެލިކުރުމަށް މަސައްކަތްކުރާ އެއްޗަކަށްވުން

• މަސަލްސްތަކަށް ލިބޭ ގެއްލުން ފޫބެއްދުމަށް އެހީތެރިވެދިނުމާއި ދުޅަ ތިރިކޮށްދިނުމަށް އެހީވުން

• އެންޓި އޮކްސިޑެންޓެއްގެ ވަޒީފާ އަދާކުރުން

• ކޮލެސްޓްރޯލް ދަށްކޮށްދިނުން

• މޭ އެންދުމުގެ މައްސަލަ ލުއިކޮށްދިނުން

• އެކިވައްތަރުގެ ޓިއުމަރުތައް އުފެދުން މަދުކުރުމަށް އެހީތެރިވުން

ހިކަނދިފަތުގެ މުހިންމު ބޭނުންތަކާ ގުޅޭގޮތުން ތަފާތު ގިނަ ދިރާސާތަކެއް ހެދިފައިވެއެވެ. މި ފަދަ ދިރާސާތަކުގައި ހިކަނދިފަތުގެ ސިއްހީ ފައިދާތައް ބަޔާންކޮށްފައިވެއެވެ. ތިރީގައި މިވަނީ މިފަދަ ބައެއް ފައިދާތަކެވެ.

މަތީގައި ބަޔާންކުރެވުނު ލިސްޓްގެ އިތުރުން ކުޑަ ތަފްސީލަކާއެކު މި ބަލައިލަނީ ލޭގައި ހުންނަ ހަކުރު (blood sugar) މެނޭޖްކުރުމުގައި ހިކަނދިފަތުން ލިބޭ ފައިދާގެ މައްޗަށެވެ. މިގޮތުން 2012 ވަނަ އަހަރު ހެދި ދިރާސާއެއްގައި ހިކަނދިފަތުގެ ދިޔައިން ތައްޔާރުކޮށްފައިވާ ބޭހެއް ޖަނަވާރުތަކަށް ދީގެން އެ ޖަނަވާރުތަކުގެ ލޭގައި ހުންނަ ހަކުރުގެ މިންވަރު މަދުކުރެވިފައިވާކަން އެނގުނެވެ. އެއީ އިންސުލީން ދީގެންވެސް އުފައްދާ ކަހަލަ އަސަރެއް އެސޮރުމެންގެ ލެއިން ފެނިފައިވާތީއެވެ. އެއީ ޕެންކްރިއޭޓިކް އިންސުލިންއަކުން ނުވަތަ އެންޒީމެއްގެ ސަބަބުން ބައެއް ސެލްތައް މެނޭޖްކުރާ ގޮތަށެވެ. މިއިން އެނގެނީ ހިކަނދިފަތަކީ ހަކުރުބަލީގެ މީހުންނަށް ފަރުވާކުރެވިދާނެ އެއްޗެއްކަމެވެ.

ހަކުރު ބައްޔަކީ އިންސާނުންގެ ގިނަ ބަޔަކަށް ޖެހޭ ބައްޔެކެވެ. އެ ބަލި ޑައިގްނޯސް ކުރެވެން ވެސް ޖެހޭނީ މުނާސިބު ގޮތަކަށެވެ. ދެންނެވުނު ދިރާސާތަކަކީ އިންސާނުން ބޭނުންކޮށްގެން ހެދިފައިވާ ދިރާސާތަކެއް ނޫނެވެ. މިއިން ލިބިދާނެ ހަގީގީ ނަތީޖާ ދެނެގަތުމަށް އެކަށީގެންވާ އަދަދެއްގެ އިންސާނުން ބޭނުންކޮށްގެން ގަބޫލުކުރެވޭ މުއްދަތެއް އޭގައި ހޭދަކޮށްފައިވާ ދިރާސާތަކަކަށް ވާންޖެހެއެވެ. ވީމާ ފަރުވާއަކަށް ހިކަނދިފަތް ބޭނުންކުރާނަމަ އަމިއްލައަށް ބޭނުންކުރުމުގެ ބަދަލުގައި ޑޮކްޓަރަކާ މަޝްވަރާކުރުން ބޭނުންވާނެއެވެ.

ހިކަނދިފަތާއި ހިކަނދިފަތުން ނެގޭ ތެޔޮ ބޭނުންކޮށްގެން ހަށިގަނޑުގެ ގެއްލުންވެފައިވާ ސެލްތަކަށް ފަރުވާކުރެވެއެވެ. ހަންގަނޑު ހަލާކުވެގެންނާއި ފިހިގެންނާއި ކުދި ޒަހަމްތަކަށް ފަރުވާއެއްގެ ގޮތުގައި ހިކަނދިފަތް ބޭނުންކުރެވިދާނެއެވެ. ހިކަނދިފަތުގެ އެސެންޝިއަލް އޮއިލް ބޭނުންކޮށްގެ ހަދާ ކްރީމް އާއި ސަންސްކްރީންއަކީ ހަންގަނޑު ހިމާޔަތްކުރުމަށް ބޭނުންކުރެވިދާނެ އެއްޗެކެވެ. ހަމުގެ ކުލަ ރީތިވުމަށާއި އޮފްދާރުކަން ގެނެސްދިނުމަށްވެސް ހިކަނދިފަތް ބޭނުންކޮށްގެން ނެގޭ ތެޔޮ ބޭނުންކުރެވިދާނެއެވެ. ހަން ކުރަކިވުމާއި އެކި ޒާތްޒާތުގެ ބިއްސަށްވެސް ހިކަނދިފަތު ތެލުން ފަރުވާ ކުރެވެއެވެ.

ނަމަވެސް މިކަންކަމަކީ އިތުރު ދިރާސާތަކަށް ބޭނުންވާ ކަންކަމަށްވާތީ، ފަރުވާއެއްގެ ގޮތުން ޑޮކްޓަރަކު ލިޔެދީފައިވާ އެއްވެސް ބޭހެއް ނުވަތަ ކްރީމެއް ވިޔަސް އަމިއްލައަށް ހުއްޓާލުމަކީ ބުއްދިވެރިގޮތެއް ނޫނެވެ. އެކަހަލަ ކަމަކަށް ޑޮކްޓަރުގެ ލަފާ ބޭނުންވާނެއެވެ.

ހިކަނދިފަތް ބޭނުންކުރެވިދާނެ އެއްގޮތަކީ ޒަމާނުންސުރެ ކެއްކުމުގައި ބޭނުންކުރާގޮތަށް ބޭނުންކުރުމެވެ. ފަރުވާއެއްގެ ގޮތުގައި ހިކަނދިފަތް ބޭނުންކުރެވިދާނެ އެހެން ގޮތްގޮތަކީ، ހިކަނދިފަތުގައި ޖޫސް ހަދައިގެން ބުއިމެވެ. މިގޮތަށް ހަމައެކަނި ފަތުގައި ޖޫސް ހަދައިގެން ބުއިން އުނދަގޫވާނަމަ އެ ޖޫހަށް ލުނބޯހުތްފަދަ އެއްޗެއް އިތުރުކޮށްގެން ބޮވިދާނެއެވެ.

މީގެ އިތުރުން ފަތް ބޭނުންކުރެވިދާނެ އަނެއް ގޮތަކީ ސަޓަނީގައި ބޭނުންކުރުމެވެ. މިގޮތަށް ސަޓަނި ހެދުމުގައި ފަތް ގިނައިން އެޅުމާއި ނޭޅުމާއި ފިޔާ ފަދަ އެއްޗެއް އިތުރުކުރުމާއި ސަޓަނި ހަދާ އެހެން ފަތެއް އިތުރު ކުރުމަކީ އެމީހަކު ރަހަބަލައިގެން ބޭނުންގޮތަކަށް ކުރެވިދާނެކަމެކެވެ.