އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލުން ކުޅުނު މެޗުގައި ވުލްވްސް ކައިރިން މޮޅުވެ، ލީގު ތާވަލުގެ އެއްވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
އާސެނަލުން މިރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ވުލްވްސް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު އާސެނަލުން ލީގު ތާވަލުގެ އެއްވަނައިގައި އޮތީ 14 މެޗުން 33 ޕޮއިންޓާއެކުގައެވެ. އެޓީމުން މިވަގުތު ހަތަރު ޕޮއިންޓެއްގެ ލީޑެއްގައި އޮތް އިރު، ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް 13 މެޗުން ލިބިފައި ވަނީ 29 ޕޮއިންޓެވެ. ތިންވަނައިގައި ލިވަޕޫލް އޮތީ 13 މެޗުން 28 ޕޮއިންޓާއެކުގައެވެ.
ލިވަޕޫލާއި މެންޗެސްޓާ ސިޓީން މި ހަފުތާގައި ކުޅޭ މެޗުތައް އޮންނާނީ މާދަމާ ރޭގައެވެ.
މިރޭ އާސެނަލުން މެޗު ފެށީ ވަރުގަދަ ކޮށެވެ. ފުރަތަމަ ކޮޅުގައި ހިތްގައިމު ޕާސްތަކާއެކު މެޗު ކޮންޓްރޯލް ކުރަމުން ގޮސް، ހަވަނަ މިނެޓުގައި އެޓީމުން ލީޑު ނެގިއެވެ. އޭރިއާ ތެރެއިން ހިތްގައިމު ޕާސްތަކެއް ޖަހައި އާސެނަލުން ލީޑު ނެގީ ބުކަޔޯ ސަކާ ޖެހި ގޯލުންނެވެ.
އޭގެ ފަހުންވެސް އާސެނަލުން މެޗު ކޮންޓްރޯލްކޮށް ކުޅެމުން ގޮސް، 13 ވަނަ މިނެޓުގައި ދެވަނަ ގޯލެއް ޖެހިއެވެ. އަރިމަތިން އެލެކްސެންޑްރާ ޒިންޗެންކޯގެ ވަން ޓޫ ޕާސްތަކަކާއެކު ތަނަވަސްކުރި ފުރުސަތުގައި މާޓެން އޮޑެގާޑް ގޯލަށް ބޯޅަ ވައްދާލީ ފަސޭހަކަމާއެކުގައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ވުލްވްސްގެ ގޯލްކީޕަރު ޖޯސޭ ސާއަށް އަނިޔާވެ އޭނާ ބަދަލުކުރަން ޖެހިފައިވާ އިރު، ދެވަނަ ހާފުގެ ކުރީކޮޅުގައިވެސް ނުރައްކާތެރި ހަމަލާތައް ތަނަވަސްކުރީ އާސެނަލުންނެވެ. ގެބްރިއަލް ޖީސަސްއާއި އެޑީ އެންކެޓިއާއަށް ފުރުސަތުތައް ލިބި ބޭކާރުވި އިރު، ލިއާންޑްރޯ ޓްރޮސާޑު ކުރިއަށް ޖެހި ފޮނުވާލި ހަމަލާ މަތަކުރީ ވުލްވްސްގެ ކީޕަރެވެ.
ވުލްވްސްއިން މެޗަށް އަނބުރާ ވަނުމަށް ކުރި މަސައްކަތުގައި 86 ވަނަ މިނެޓުގައި ގޯލެއް ޖެހިއެވެ. އެ ގޯލަކީ ޒިންޗެންކޯގެ ގޯހަކުން މަތިއެސް ކޫނިއާ ޖެހި ގޯލެކެވެ. ފަހުވަގުތު އިތުރު ގޯލަކަށް ވުލްވްސްއިން މަސައްކަތް ކުރި ނަމަވެސް އެޓީމަށް މާ ބޮޑު ކާމިޔާބީއެއް ނުލިބުނެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު