ކުޑަކުދީންގެ ވަރަށް ޅަ އުރުމުގައި އެކުދީންގެ ބަސް ތަރައްގީވުމުގެ މަރުހަލާ ފެށެއެވެ. ހާއްސަކޮށް އެކުދީންގެ ޢއުމުރުން ދެ އަހަރު ފުރުމާ ގާތްވަމުންދާއިރަކީ ބަސް ދަސްކުރަންފަށާ އާއްމު އުމުރެވެ. މި އުމުރުގައި އެކުދީންނާ މުޚާތަބުކުރެވޭ ބަސްތައް ދެނެގަންނާނެއެވެ. އަދި އެކުދީން ބުނަން ބޭނުންވާ ބައެއް ބަސްބަސް ބުނުމާއެކު ހަރަކާތުން ވެސް ބޭނުންވާ ކަންކަން ތައުބީރުކުރަން ފަށާނެއެވެ.

މި އުމުރުގައ އެކުދީންގެ ފަރާތުން އެދެވޭ ބައެއް ކަންކަން އެނގޭކަން އަމިއްލައަށް ދެނެގަނެ އެކަމާ އުފާވެސް ކުރާނެއެވެ. އަދި އެކުދީން ބޭނުންވާ ބައެއްކަންތައް ބުނެވެސް ހަދާނެއެވެ.

ގިނަ ކުދީން 15 މަސް ދުވަހުގެ ތެރޭގައި 1 (އެކެއް) ނުވަތަ 2 (ދޭއް) ބަސް ބުނާއިރު އަނެއްބައި ކުދީން އަށާރަ މަސް ދުވަހުގެ ތެރޭގައި 3 (ތިނެއް) ބަސް ނުވަތަ އެއަށްވުރެ ގިނަ ބަސް ބުނެއެވެ. އުމުރުން ދެއަހަރު ފުރޭއިރު އިތުރު ބަސްބަސް ދަސްކޮށް ދެ ލަފުޒުގެ ޖުމުލަ ބުނެ ހަދާނެއެވެ.

އެކުދީންގެ ފުރަތަމަ ބަސް ބުނަނީ ކޮންމެ އިރަކު ކަމުގައި ވިޔަސް ދެ އަހަރުވާއިރު ތިބާ އެކުދީންނާ މުޚާތަބުކުރާ ގިނަ ބަސްތައް އެކުދީންނަށް އެނގޭނެއެވެ. އެކުދިން ގާތު ބުނާ، އެކުދީންނަށް ކުރެވޭވަރުގެ ކަންތައް އެނގެންވެސް އެނގޭނެއެވެ. މިސާލަކަށް [މަންމައަށް ބޯޅަ އެއްލާ!] މިހެން ބުނުމުން އެކުދީން ކުރަންވީ ކޮންކަމެއްކަން އެނގޭނެއެވެ. ހަމަ އެގޮތަށް ބައެއް ތަކެތީގެ ނަން ކިޔުމުން އެތަކެއްޗަށް އިޝާރާތްކުރަން އެނގޭނެއެވެ.

އުމުރުން އެއް އަހަރު ފުރި ދެއަހަރަށްދާ ޅަކުދިން ބޭނުންވާ ކަންކަން ގިނަފަހަރަށް ތައުބީރުކުރާނީ ހަރަކާތުންނެވެ. ބޭނުންވާ އެއްޗަކަށް އިޝާރާތްކުރުމާއި، ނުވަތަ އާނއެކޭ ބުނުން ފަދަ ކަމަކުންނެވެ. ދެއަހަރު ފުރޭއިރު ކަންކަން ކޮޕީކުރަން ފަށާނެއެވެ. އަމިއްލަ ނަފްސަން ބޭނުންވާ ކަންކަން ބުނަން މަސައްކަތްކޮށް ކުޅުމަށް ލޯބިކުރާނެއެވެ.

މި ދުވަސްވަރު ދަރިފުޅުގެ ބަސްކޮށާރު ކުއްލިއަކަށް އިތުރުވާން ފަށާނެއެވެ. ނަމަވެސް އަކުރުތައް ކިޔާނީ އަދި އެންމެ ރަނގަޅަކަށް ނޫނެވެ. އުމުރުން ދެއަހަރު ފުރޭއިރު ވިސްނޭވަރު ވާނީ ބުނާއެއްޗެއްގެ ދެބައިކުޅަ އެއްބައިވަރެވެ. ނަމަވެސް ކިޔައިދޭ އެއްޗެހި އެގޮތަށް ކިޔަން މަސައްކަތްކުރާނެއެވެ.

އެއްޗެތީގެ ނަންތައް ރަނގަޅަށް ކިޔައިދޭށެވެ. ކައިރީގައި ތިބޭ މީހުން ކިޔާހާ އެއްޗެއް އެކުދީން އަޑުއަހާނެއެވެ. އަދި ހައިރާންވާހާ ގިނަ ބަސްތައް ސިކުނޑީގައި ރެކޯޑްކުރާނެ އެވެ. ޅަކުދީންގެ ބަހުރުވަ ބޭނުންކުރުމުގެ ބަދަލުގައި މީހުންނަށް ކިޔާ ނަންނަމާއި އެއްޗިއްސަށް ކިޔާ ނަންނަމުގެ ރަނގަޅު ގޮތް ދަސްކޮށްދޭށެވެ. ލަސްލަހުން ސާފުކޮށް ކިޔައިދޭށެވެ. ވީހާވެސް ސިމްޕަލްކޮށް ބަސްތައް ބޭނުންކުރާށެވެ.

ޅަކުދީން ބަސް ދަސްކުރަމުން އަންނަ ދުވަސްވަރު އެކުދީން ބޭނުން އެއްޗެއް ބުނެދޭން ބޭނުންކުރާ ހަރަކާތްތަކަކީ ވަރަށް ސަމާލުކަންދޭން ޖެހޭ ކަމެކެވެ. ކިޔާ އެއްޗިއްސަށް ޖަވާބު ދިނުމަށާއި ދައްކާ ވާހަކައިގައި ބައިވެރިވުމަށް ކުއްޖާއަށް ހިތްވަރުދޭށެވެ. މިސާލަކަށް ކުއްޖާ އައިސް އަލަމާރިއަށް އިޝާރާތްކުރުމުން [ފެން ބޯން ބޭނުން] މި ކަހަލަ ޖުމްލަތައް ބޭނުންކުރާށެވެ. ދެން ކުއްޖާ ބުނާ އެއްޗަކަށް އިންތިޒާރުކުރާށެވެ. ދެން ސުވާލުކުރާށެވެ. [ކޮންއެއްޗެއް ބޭނުމީ]. [ފެންތަ؟] [ޖޫސްތަ؟] [ޖޫސް ބޯން ދޯ]

ލަވަކިޔުމާއި ރައިމް ގޭމްތައް ކުޅުންފަދަ ކަންތައް ކުރިއަށް ގެންދާށެވެ! ކުޅިވަރު ކުޅުމަށް މި އުމުރުގައި ކުދީން ވަރަށް ލޯބިކުރާނެއެވެ. ހަމަ އެގޮތަށް ތަކެތި ދެނެގަނެ ނަންތައް ދަސްކުރުމަށް ވެސް ސަމާލުކަން ދޭނެއެވެ. މިގޮތުން ހަށިގަނޑުގެ ގުނަވަންތަކުގެ ނަންތަކާއި، ފޮޓޯއާއި ތަކެތި ދައްކައި އެއްޗެތި ދަސްކޮށްދެވޭނެވެ. މިސާލަކަށް [ކަންފަތް ކޮބާ؟] [ބޯޅަ ކޮބާ؟] [މަންމަ ކޮބާ؟]

ކުލަ ފޮޓޯ ހުންނަ ފޮތްތައް ކިޔައިދޭށެވެ. އަމިއްލައަށް ފޮތުގެ ގަނޑު އެއްލާށާއި ސޮފުހާގައި ހުންނަ އެއްޗެތި ބުނެދޭން ހިތްވަރުދޭށެވެ!

ގިނަ ކުދީންނަށް އެކުދީންގެ އުމުރާ ގުޅޭގޮތުން މިދެންނެވި ހަރުފަތްތައް ގިރާކުރެވެއެވެ. ނަމަވެސް އަންނަނިވި ކަންކަމަށް ބަލާށެވެ.

  • • ކުއްޖާގެ އުމުރުން 15 މަސްދުވަސް ވާއިރު މަންމަ ބައްޕަ ފިޔަވައި 1-2 ބަސްވަރު ބުނޭތޯ ބަލާށެވެ!
  • • 15 މަސްދުވަސް ވާއިރު ދަންނަ ތަކެތީގެ ނަންކިޔުމުން އެތަކެއްޗަށް ބަލާތޯ ބަލާށެވެ!
  • • 18 މަސްދުވަސް ވާއިރު ތިނެއް ނުވަތަ އެއަށްވުރެ ގިނަ ލަފުޒު ބުނޭތޯ ބަލާށެވެ!
  • • އުމުރުން ދެ އަހަރު ވާއިރު ސުވާލުކުރުމުން، ފޮތުން ނުވަތަ ހަށިގަނޑުން ދެ ގުނަވަނެއްގެ ނަން ދައްކަން އެނގޭތޯ ބަލާށެވެ!
  • • ދެ އަހަރު ވާއިރު ދެ ލަފުޒުގެ ޖުމުލަ ބުނޭތޯ ބަލާށެވެ! މިސާލަކަށް [ފެން ބޯން]

މިދެންނެވުނު ކަންކަން އޭގެ ވަގުތުގައި ހާސިލު ނުވާނަމަ ޑޮކްޓަރަކަށް ދައްކަންވާނެއެވެ. ޅަ އުމުރުގައި ވާހަކަދައްކަން ނުފަށާތީ ދަރިފުޅަކީ އޯޓިޒަމް ކުއްޖެއް ކަމުގައި ބައެއް މައިންބަފައިން ހީކުރެއެވެ. ޑޮކްޓަރުން ކޮންމެ ޗެކަޕެއް ހަދާއިރު އޯޓިޒަމް ކުއްޖެއްތޯ ބަލަންވެސް ޓެސްޓްކުރާނެއެވެ. ކުއްޖާއަކީ އޯޓިޒަމް ކުއްޖެއްތޯ ބަލަން 18 މަސް ދުވަސް ވުމުންނާއި 2 އަހަރު ފުރުމުން ވެސް ސްކްރީންކޮށް ބަލާނެއެވެ. ދަރިފުޅުގެ ހެދި ބޮޑުވުމާމެދު ސުވާލު އުފެދޭނަމަ ކޮންމެ އިރަކުވެސް ޑޮކްޓަރަށް ދައްކައި ޗެކްކުރެވިދާނެއެވެ.