އެންޑްރޮއިޑް ގެންގުޅޭ މީހުންނަކީ އައިފޯނު ގެންގުޅޭ މީހުންނަށްވުރެ ތެދުވެރި އަދި އިތުބާރު ކުރެވޭ ބައެއް ކަމަށް ފަހުގެ ދިރާސާއަކުން ދައްކައިފި އެވެ. މި ހޯދުން ކުރިއަށްގެންދިޔަ ޔުނިވަސިޓީ އޮފް ލިންކަން، ލަންކަސްޓާ ޔުނިވަސިޓީ، އަދި ޔުނިވަސިޓީ އޮފް ހަޓްފޯޑްޝަޔާގެ ދިރާސާވެރީން، 500 އަށްވުރެ ގިނަ ބައިވެރީންނާއެކު ކުރި މި ދިރާސާގެ ނަތީޖާ އައިގޮތުން ވަނީ ގިނަ ބަޔަކަށް ހައިރާންކަން ލިބިފައެވެ. މި ދިރާސާގައި ވަނީ އަމިއްލަ ނަފުސާއި ސްމާޓްފޯނާ މެދު ދެކޭ ގޮތާ ބެހޭ ގިނަ ސުވާލުތަކަކަށް ޖަވާބު ދީފަ އެވެ.

ހަގީގަތުގައި ތިބާގެ ކިބައިގައި ތެދުވެރިކަން އަދި ވަފާތެރިކަން ބޮޑަށް އަށަގަންނަ ސަބަބުތަކުގެ ތެރޭގައި މާބޮޑު ތަނަވަސްކަމެއް ނެތުމާއި، ދިރިއުޅުމުގެ ނިކަމެތިކަމުގެ ހާލަތާއި އަދި ލިބޭ މިންވަރުގެ ދަރަޖަތައް އެކުވެއެވެ. އިހުލާސްތެރިކަމާއި ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ވަފާތެރިކަމާއި ތެދުބަހުން ވާހަކަ ދެއްކުން ހިމެނިގެން މީހާގެ ޝަހުސިއްޔަތުގެ މިންގަނޑުތައް ކަނޑައެޅެއެވެ. މި ހުރިހާ ސަބަބުތަކެއް ހިމަނައިގެން ކުރިއަށް ގެންދިޔަ މި ދިރާސާގެ ނަތީޖާއިން ސާފުވާ ގޮތުގައި އައިފޯނު ގެންގުޅޭ މީހުންނަށްވުރެ އެންޑްރޮއިޑް ފޯނު ބޭނުންކުރާ މީހުންގެ ވަފާތެރިކަމާއި ތެދުވެރިކަން މާ ބޮޑެވެ.

ދިރާސާ ކުރި ފަރާތްތަކުން ފާހަގަކުރާ ގޮތުގައި އައިފޯން ބޭނުންކުރާ މީހުން އެ މީހުންގެ އަތުގައި އައިފޯނެއް އޮތުމުން އެ އައިފޯނުގެ ސަބަބުން ތިމާއަކީ މަތީ މީހެއް ކަމަށް (ސްޓޭޓަސް ސިމްބަލްއެއްގެ) ގޮތުގައި ދެކޭއިރު، އައިފޯނުގެ ގެންގުޅޭ މީހުންގެ ޖަޒުބާތީ މިންވަރު މަތިވެ، އެ މީހުންނަކީ އެންޑްރޮއިޑްގެ އަގުހެޔޮ ފޯނުތައް ގެންގުޅޭ މީހުންނާ އަޅައި ކިޔޭނެ ބައެއް ނޫންކަމަށް ދެކެއެވެ. ހަމަ މިފަދައިން، އެންޑްރޮއިޑް ފޯނު ބޭނުންކުރާ މީހުން، މުއްސަނދިކަމާއި އިޖުތިމާއީ ހައިސިއްޔަތަށް ބަހައްޓާ ޝައުގުވެރިކަން އައިފޯނު ގެންގުޅޭ މީހުންނަށްވުރެ ކުޑަކަމަށް މި ދިރާސާއިން ދައްކައެވެ. އެންޑްރޮއިޑް ފޯނު ގެންގުޅޭ ގިނަ މީހުން އައިފޯނަކީ މާ މޮޅު އެއްޗެއް ކަމުގައި ނުދެކެއެވެ. އެންޑްރޮއިޑް ފޯނު ގެންގުޅޭ މީހުންގެ ތެދުވެރިކަން ބޮޑުކަމާއި އެމީހުންގެ ބޮޑާކަން ކުޑަ ކަމަށްވެސް މި ދިރާސާއިން ދައްކައެވެ. އެމީހުންނަކީ މާ މަތީ ބައެއް ކަމަށް އަމިއްލަޔަށް ނުދެކޭ، ކަމަށް އެއްބަސްވެއެވެ.

ސައިބަސައިކޮލޮޖީ، ބިހޭވިއަރ، އެންޑް ސޯޝަލް ނެޓްވޯކިން ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާއިން ދައްކާ ގޮތުގައި އައިފޯން ބޭނުންކުރާ މީހުންނަށް އެމީހުންގެ އަމިއްލަ ފައިދާއަށް އެކިއެކި ގަވާއިދުތައް ވެސް މުގުރައެވެ. އަދި އެމީހުންގެ އަތުގައި އޮތް އައިފޯނަކީ މާ އަގުބޮޑު އަދި އޭގެ އަގުވެއްޓިގެން ނުދާ އެއްޗެއްގެ ގޮތުގައި ދެކެއެވެ. އަދި އެ ފޯނުގެ ޝަޚުސިއްޔަތު ދައްކައިގެން ކިބުރުވެރިކަމާއި ބޮޑާކަން ހާމަކުރެއެވެ.

އެންޑްރޮއިޑް ފޯނު ގެންގުޅޭ މީހުން ވެސް އަމިއްލަ ފައިދާއަށް ކަންކަން ކުރާ ކަމަށާއި އެހެން ނަމަވެސް އެމީހުންނަކީ ނިސްބަތުން މާ ގިނަ ބައެއް ނޫންކަމަށް މި ދިރާސާއިން ހާމަވެއެވެ.

މި އާދަޔާ ހިލާފު ހޯދުންތަކަށް ބިނާކޮށް، ދިރާސާވެރިން ވަނީ މީހުން ގެންގުޅޭ އެކިއެކި ސްމާޓްފޯނުތަކާ ގުޅުވައި މީހުންގެ ތެދުވެރިކަން އަދި ވަފާތެރިކަން ލަފާކުރުމުގެ މަގުސަދުގައި ކޮމްޕިއުޓަރު ޕްރޮގްރާމެއް ފަރުމާކޮށްފައެވެ. މި އެޕްލިކޭޝަނުން މީހާގެ ތެދުވެރިކަން ދެނެގަނެވޭ މިންވަރު 70 ޕަސެންޓް ރަނގަޅުކަން ވެސް ވަނީ ހޯދިފައެވެ.