މާލޭގެ މޭޔަރުކަމަށް އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރެއްވުމަށް އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް ފޯމު ހުށަހަޅުއްވައިފިއެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ޕްރައިމަރީގައި ވާދަކުރެއްވުމަށް ފޯމު އާޒިމް ހަވާލުކުރެއްވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލްއާއެވެ.

ޕްރައިމަރީގައި ވާދަކުރެއްވުމަށް ފޯމު ހުށަހެޅުއްވުމަށްފަހު މީޑިއާތަކާ ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، އޭނާ މޭޔަރުކަމަށް އިންތިހާބުކޮށްދީފި ނަމަ، މާލެއަކީ ދިރިއުޅެން ފަސޭހަ ތަނަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކަށް ހައްލެއް ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތައް ކުރައްވާނެ ކަމަށެވެ.

އާޒިމަކީ އިނގިރޭސި ވިލާތުގެ ނޮޓިންހަމް ޔުނިވާސިޓީން މާސްޓާސް އޮފް ބިޒްނަސް އެންޑް ފައިނޭންސިން އަދި އިނގިރޭސި ވިލާތުގެ ޔުނިވާސިޓީ އޮފް އީސްޓް ލަންޑަންއިން ބެޗެލާ އޮފް އާޓްސް އިން އެކައުންޓިން އެންޑް ފައިނޭންސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

އާޒިމް ވަނީ އެސްޓީއޯއާއި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރުކަމާއި ބީއެމްއެލްގެ ސްޓްރަކްޗަރަލް ޕްރޮޑަކްޓްސްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަންވެސް ކުރައްވައިފައެވެ.

މާލޭ މޭޔަރުގެ ގޮނޑި ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި، ރާއްޖޭގެ އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސްކަމާ ހަވާލުވެ ވަޑައިގަތުމަށް މި މަހު 17 ގައި އިސްތިއުފާ ދެއްވުމުންނެވެ.

އާޒިމްގެ އިތުރުން މޭޔަރު ކަމަށް ކުރީގެ ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހުލޫފްވެސް ޝައުގުވެރިކަން ފާޅުކުރައްވައި، ކެމްޕޭން ކުރެއްވި ނަމަވެސް ފަހުން އެކަމާ ގުޅޭ ވާހަކައެއް އޭނާ ނުދައްކަވައެވެ.

އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު، އެ މަގާމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ފަރާތްތަކުގެ ތެރޭގައި ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދު އަދި މިހާރު ސިޓީ ކައުންސިލްގެ ކައުންސިލަރަކަށް ހުންނެވި މުހައްމަދު ސައިފް ފާތިހްވެސް ޝައުގުވެރިކަން ފާޅުކުރައްވައި، ގެންދަވަނީ ކެމްޕޭން ކުރައްވަމުންނެވެ.