ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ މިކްސްޑް ޔޫސް ރެޒިޑެންޝަލް ކޮމްޕްލެކްސް، ކޭ-ޕާކް ފްލެޓުތައް މަކަރާއި ހީލަތުން ވިއްކި މައްސަލައިގައި ތުހުމަތުވާ އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ގެ ޕެންޓްހައުސްގެ އަގު 7.8 މިލިއަން ރުފިޔާއަށް އަރާ ކަމަށާއި އެތަނުން ފެނުނު ބައެއް މުދަލުގެ އަގު ހަތް މިލިއަން ރުފިޔާއަށް އަރާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ އެ މައްސަލައިގައި ސައްހަ ނޫން މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ އާއި ޓެކުމުގެ ކުށުގެ ދައުވާ އާއި މަނީލޯންޑްރިން ކުރުމުގެ ކުށުގެ ދައުވާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން މި މައްސަލައިގައި މަންޑޭގެ އިތުރުން އިތުރު ދެ މީހަކަށްވެސް ދައުވާ ކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އޭގެން ކޮންމެ މީހެއްގެ މައްޗަށް 225 އެއްހާ ދައުވާ ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެއީ މައްސަލައިގައި އަނިޔާ ލިބުނު މީހުންގެ ވަކިވަކި ދައުވާ ކުރާތީ ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ މި މައްސަލައިގައި މަންޑޭ ގަނެފައިވާ އެފް ޑަބްލިޔު ކޮންސްޓްރަކްޝަންގެ ޕެންޓްހައުސްއެއް އެއް އަހަރު ދުވަހުގެ މުއްދަތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އެއީ މަނީލޯންޑްރިންގެ ފައިސާއިން ގަނެފައި ހުރި އެޕާޓްމެންޓެއް ކަމަށް ބެލެވޭ ކަމަށް ޝަމީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ފެންނަން ހުރި ލިޔުންތަކުން ކޭޕާކްގެ ދެ އެޕާޓްމެންޓެއް ހަތަރު މީހުންނަށް ވިއްކާފައި އެ ލިބުނު ލާރިން އެފްޑަބްލިޔު ކޮންސްޓްރަކްޝަންގެ ޕެންޓްހައުސެއް ހުރީ ގަނެފައި. އެ ޕެންޓްހައުސް އަޅުގަނޑުމެން ދައުލަތުގެ ބެލުމުގެ ދަށަށް މި ގެނައީ. އެއަމަލާ ގުޅިގެން މަނީލޯންޑްރިންގެ ދައުވާއެއް އަޅުގަނޑުމެން ކޯޓަށް މި ހުށަހަޅަނީ،" ޝަމީމް ވިދާޅުވިއެވެ.

"އެ އެޕާޓްމެންޓް އަޅުގަނޑުމެން ބަލައި ފާސްކުރި އިރު، އެ އެޕާޓްމެންޓްގެ އަގަކީ އޭރު 7.8 މިލިއަން ރުފިޔާ ވަރު. އެ އެޕާޓްމެންޓް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އެތަނުގައި ހުރި މުދާ ބަލައި ފާސްކުރި އިރުގައި ގާތްގަނޑަކަށް ހަތް މިލިއަން ރުފިޔާގެ މުދާ އެތަނުގައި އެބަހުރި. 200 ވަރަކަށް ސެންޓް ފުޅި އެބަހުރި ނުކަނޑާ. ލަގްޒަރީ ހޭންޑްބޭގާއި 90،00 ރުފިޔާ، 40،000 ރުފިޔާ، 50،000 ރުފިޔާގެ އަތް ދަބަސް އެބަހުރި. ދެން ގަހަނާ 10،000 ޑޮލަރު 25،000 ޑޮލަރުގެ ގަހަނާ އެބަހުރި،" ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އެތަނުގައި ހުރި މުދަލާއި އެ އެޕާޓްމެންޓް ގަންނަން ހޭދަވި ފައިސާ އެއްކޮށްލުމުން، ދައުލަތުގެ ބައެއް އިދާރާތަކުގެ އަހަރެއްގެ ބަޖެޓަށްވުރެ ބޮޑު ކަމަށެވެ. އެކަން ކޮށްފައިވަނީ އެކި މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނަގައިގެން ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.