ފަސޭހަ ރީޗާޖުގެ ވެރިޔާ، ހދ. ކުރިނބީ، އަލީ އުވައިޝް 23، އާއި އޭނާގެ ބެސްޓުފްރެންޑު ރޭ 11:30 ހާއިރު ހުޅުމާލެއިން މާލެއަށަ ދަތުރުކުރީ، އުވައިޝްގެ ސައިކަލު ކުއްޔަށް ދޫކުރާ ވިޔަފާރި، "މޮޓޯރެންޓް" އަށް ގަނެފައި ހުރި ސައިކަލެއް މާލެއަށް ގެނައުމުގެ ގޮތުންނެވެ. ދެ ސައިކަލުގައި އުވައިޝް އާއި އޭނާގެ އެކުވެރިޔާ ބުރިޖުން ފައިބައިގެން ބޮޑުތަކުރުފާނުމަގުން ހުޅަނގަށް ދުއްވާފައި ދަނިކޮށް، އެ މަގުން، ހުޅަނގުން އިރަށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް އުވައިޝް ދުއްވަން އިން ސައިކަލުގައި ޖެހި އެކްސިޑެންޓުވިއެވެ.
އެ އެކްސިޑެންޓު ހިނގީ ވިލާ ކޮލެޖު ކައިރީގައެވެ. އުވައިޝްގެ ސައިކަލުގައި ޖެހުނު ސައިކަލުގައި ތިބީ އަންހެނަކާއި ފިރިހެނެކެވެ. އެ ސައިކަލު ދުއްވަން އިނީ ފިރިހެނެކެވެ. އުވައިޝްގެ ސައިކަލުގައި އެ ސައިކަލު ޖެހުމާއެކު ދެ ސައިކަލުވެސް ދިޔައީ ވިއްސައިގެންނެވެ.
"އަހަރެން ހުރީ ތަންކޮޅެއް ކުރީގަ، އެކްސިޑެންޓުވި އަޑު އިވުމުން ފަހަތް ބަލައިލިިއިރު ވަރަށް ދުރަށް ވިއްސައިގެން ގޮސްފަ އޮތީ، އަހަރެން ބެލީ އުވައިޝް ކައިރިއަށް އަވަހަށް ދެވޭތޯ. އެވަގުތު އޭނާގެ ހޭވެސް ހުރި، ތަދުވެޔޭ ކިޔައި ކޮންމެވެސް ވަރަކަށް ވާހަކަވެސް ދެއްކި" އުވައިޝްއާ އެކު އައި އެކުވެރިޔާ "ވަން" އަށް ކިޔައިދިނެވެ.
އެކުވެރިޔާ ކިޔައިދިން ގޮތުގައި އުވައިޝް ހުރީ ހެލްމެޓް އަޅައިގެންނެވެ. އަދި ވެއްޓުނުއިރުވެސް ހެލްމެޓު ބޮލުގައި އޮތް ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެކްސިޑެންޓުގެ ސަބަބުން އުވައިޝްގެ ބޮލަށާއި ފަޔަށް ގެއްލުންތަކެއްވެފައިވާ ކަމަށް އޭނާ ބުންޏެވެ.
"ނިތްކުރި ވަރަށް ބޮޑަށް ފަޅައިގެންގޮސްފައި ހުރީ. ކަށިތައްވެސް ފެންނަން ހުރި. ދެން އަނގައިގެންވެސް ވަރަށް ގިނައިން ލޭ އައި. މޫނުވެސް އޮތީ ދުޅަވެފަ. ވާތު ފައިވެސް ފްރެކްޗާވެފަ" އެކުވެރިޔާ ކިޔައިދިނެވެ.
އެކުވެރިޔާ ކިޔައިދިން ގޮތުގައި، އުވައިޝް އާއި އެކްސިޑެންޓުވި އެހެން މީހުން ހޮސްޕިޓަލަށް ގެންދިޔައީ އެވަގުތު އެ ސަރަހައްދުގައި އޮތް ވޭނަކަށް އަރުވައިގެންނެވެ.
"އަނެއް ދެ މީހުންނަށްވެސް ވަރަށް ބޮޑަށް އަނިޔާވެފަ ހުރީ. ފިރިހެން މީހާގެ ބޮލަށް އަނިޔާތަކެއްވެ ލޭ ފައިބަމުން ދިޔަ. ދެން އަންހެން މީހާގެ މޫނުންވެސް ލޭ އައި" މަންޒަރު ދުށް މީހަކު "ވަން" އަށް ކިޔައިދިނެވެ.
އުވައިޝްއާއެކު އެ އެކްސިޑެންޓުގައި ދެން އަނިޔާވި ދެ މީހުންނަށްވެސް އައިޖީއެމްއެޗުގެ އައިސީޔޫގައި އަންނަނީ ފަރުވާދެމުންނެވެ. އޭގެ ތެރެއިން އުވައިޝް އާއި އެކްސިޑެންޓުވި އަނެއް ސައިކަލު ދުއްވަން އިން ފިރިހެން މީހާއަށް ފަރުވާދެނީ ވެންޓިލޭޓަރުގައެވެ. އެ މީހުންގެ ހާލު ސީރިއަސްކަމަށް އާއިލާއިން މައުލޫމާތު ދީފައިވެއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އަނެއް ސައިކަލު ދުއްވި ފިރިހެން މީހާގެ ސިކުނޑިއަށް ވަނީ ލޭ އެޅިފައެވެ. އަދި އޮޕަރޭޝަނެއް ކޮށްފައިވާކަންވެސް އެނގިފައިވެއެވެ.
"ހާލު އަދިވެސް ވަރަށް ސީރިއަސް. ކުރިއެރުމެއް ނުލިބޭ" މައުލޫމާތު އެނގޭ މީހަކު "ވަން" އަށް ބުންޏެވެ.
އުވައިޝް ދިރިއުޅެމުން އަންނަނީ ހުޅުމާލޭގައެވެ. ކައިވެންޏެއްވެސް ކޮށްގެން އުޅޭ އުވައިޝްއަކީ ފަސޭހަ ރީޗާޖުގެ އިތުރުން އެކި ކަހަލަގެ ވިޔަފާރި ކުރަމުން އަންނަ މީހެކެވެ. އެގޮތުން އިލެކްޓްރޯނިކް ސާމާނު ވިއްކުމުގެ ވިޔަފާރިއެއް ވެސް އޭނާ ވަނީ 2020ގައި ފަށާފަ އެވެ. އޭގެ އިތުރުން ސައިކަލު ކުއްޔަށް ދޫކުރުމުގެ ވިޔަފާރިއެއްވެސް އޭނާ ވަނީ މިފަހުން ފަށާފައެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް