މާލޭގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.

ފުލުހުން ބުނީ ރޭ 11:36 ހާއިރު އެ އެކްސިޑެންޓު ހިނގީ ވިލާ ކޮލެޖް ކައިރީގައި ކަމަށެވެ. އަނިޔާ ވެފައި ވަނީ ދެ ފިރިހެނުންނާއި އަންހެނަކަށް ކަމަށާއި، އެ ތިން މީހުންނަށް ވެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށް ބުންޏެވެ.

އެ އެކްސިޑެންޓުގައި އަނިޔާވި ތިން މީހުންގެ ހާލުވެސް ސީރިއަސް ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ. އެކަމާ ގުޅިގެން އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ އެ ތިން މީހުންނަށްވެސް ފަރުވާ ދެނީ އައިސީޔޫގައި ކަމަށާއި، ދެ މީހަކު ތިބީ ރެޑް ޒޯންގައި ކަމަށެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓުގައި ހިމެނޭ ދެ ސައިކަލަށްވެސް އެކި ވަރުގެ ގެއްލުން ވެފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބަލަމުން އަންނަ ކަމަށް ބުންޏެވެ.