ވޭތުވެދިޔަ ހަ އަހަރު ދުވަހުގެ ތެރޭގައި، ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު 31 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ފައިސާ މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފައިވާ ކަމަށް ބުނެފިއެވެ.

މި ފައިސާއާބެހޭ ތަފްސީލު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާމަކޮށްފައި ވަނީ، އެކަމާބެހޭގޮތުން މާފަންނު މެދު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ރަޝީދު (ބޮނޑެ)، ކުރީގެ މިނިސްޓާ އޮފް ޑިފެންސް މާރިޔާ އަހުމަދު ދީދީއާ މީގެ އަހަރެއްހާ ދުވަސްކުރިން ލިއުމުން ޖަވާބު ހޯއްދެވުމަށް ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބުގެ ތެރެއިންނެވެ.

އެސުވާލުތަކަށް މިނިސްޓަރު ދެއްވި ޖަވާބު އޭރު މަޖިލީހަށް ފޮނުއްވާފައިވީ ނަމަވެސް މަޖިލިސް ޖަލްސާއަށް އިއްވާފައެއް ނުވެއެވެ. މަޖިލިސް ގަވާއިދުގެ ތެރެއިން އެ ޖަވާބުތައް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފައެވެ.

ބޮނޑެ މިނިސްޓަރާ ސުވާލު ކުރައްވާފައި ވަނީ، މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ގަވާއިދާ ހިލާފަށް އެކި ފަރާތްތަކުން ބޭރުކުރަން އުޅެނިކޮށް އެކި ފަހަރުމަތިން ގިނަ އަދަދެއްގެ ފައިސާ އަތުލާފައިވާ އިރު، އެ ފައިސާގެ ތަފްސީލްތައް ހޯއްދެވުމަށެވެ.

އެ ސުވާލަށް މިނިސްޓަރު ލިއުމުން ދެއްވި ޖަވާބުގައި ވިދާޅުވެފައި ވަނީ، ރާއްޖެ އަންނަ މީހަކަށް ގެންދެވޭނެ ނަގުދު ފައިސާގެ އަދަދާއި ރާއްޖޭން ބޭރަށްދާ މީހަކަށް ގެންދެވޭނެ ނަގުދު ފައިސާގެ އަދަދު މަރުކަޒީ ބޭންކު އެމްއެމްއޭއިން ކަނޑައަޅާފައިވާ ކަމަށެވެ.

އެހެންކަމުން އެމްއެމްއޭއިން ކަނޑައަޅާފައިވާ އަދަދަށްވާ ރުފިޔާ ނުވަތަ އެއަދަދަށްވާ ބޭރުފައިސާ އަދި އެއަށްވުރެ މަތީ އަދަދެއްގެ ނަގުދު ފައިސާ ރާއްޖޭން އެތެރެކޮށް ނުވަތަ ބޭރު ކުރާނަމަ އެ އަދަދު ކަސްޓަމްސް އަށް ރިޕޯޓް ކުރަންވާނެ ކަމަށް ގަވާއިދުގައި ބުނެފައިވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ނަމަވެސް އެގޮތަށް ރިޕޯޓް ނުކޮށް ބޭރުކުރާ ނުވަތަ އެތެރެކުރާ އެއްވެސް ބާވަތެއްގެ ނަގުދު ފައިސާ އަކީ މަނީލޯންޑަރިން ނުވަތަ ޓެރަރިޒަމަށް ފައިނޭސް ކުރުމުގެ އަމަލާ ގުޅުން ހުރި ކަމަށް ޝައްކު ކުރެވިގެން ހިފެހެއްޓުމުގެ ބާރު ކަސްޓަމްސްއަށް ލިބިފައިވާ ތަކެތި ކަމަށެވެ.

އެގޮތުގެމަތިން ރާއްޖޭން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ ފައިސާ އަތުލައިގެންފައިވާ ކަމަށާއި އިތުރު ތަހުގީގު ކުރުމަށް އެހުރިހާ ފައިސާ ފުލުހުންނާ ހަވާލު ކޮށްފައިވާ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އެގޮތަށް މިނިސްޓާރު ދެއްވާފައިވާ ފައިސާގެ ތަފްސީލްތަކަށް ބަލާއިރު، އެންމެ ގިނަފައިސާ ހިފެހައްޓާފައިވާ ކަމަށް ދައްކަނީ 2018 ވަނަ އަހަރު އެވެ. އެއަހަރު 17،324371.68 ރުފިޔާ ހިފަހައްޓާފައިވާ ކަމަށް ދައްކާއިރު، ދެވަނައަށް އެންމެ ގިނަ ފައިސާ ހިފަހައްޓާފައި ވަނީ 2017ގަ އެވެ. އެއީ ޖުމްލަ 5،157934.02 ރުފިޔާ އެވެ.