އުމުރުން 37 އަހަރުގެ ޖަރުމަނު ގޯލްކީޕަރު މެނުއަލް ނޯޔާ، ބަޔާން މިއުނިކާއެކު ހަދާފައިވާ އެއްބަސްވުން 2025 ވަނަ އަހަރާ ހަމައަށް އާކޮށްފިއެވެ.

މި ސީޒަނުގެ ނިޔަލަށް ނޯޔާގެ އެއްބަސްވުން ހަމަވާން އޮއްވައި، އާ އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފައި ވަނީ އަނިޔާއިން ރަނގަޅުވެ، އެނބުރި އައިތާ ކުޑަ ދުވަސްކޮޅެއް ތެރޭގައެވެ. ނޯޔާ އޮކްޓޯބަރު މަހު ފިޓް ވެފައި ވަނީ 10 މަހުގެ އަނިޔާއަކަށް ފަހުއެވެ. ނޯޔާއަށް އަނިޔާވީ ސްކީ ކުރަން ގޮސް އުޅުމުގެ ތެރޭގައެވެ.

ދެހާސް ސާދަ ވަނަ އަހަރު ޖަރުމަނު ގައުމީ ޓީމާއެކު ވޯލްޑް ކަޕް ކާމިޔާބު ކުރި ނޯޔާ އިއްޔެ ބުނީ ބަޔާނާއެކު މަޑުކުރުމަކީ ލިބޭ ބޮޑު އުފަލެއް ކަމަށާއި އަނިޔާއިން ރަނގަޅުވެ މިހާރު ހުރީ ވަރަށް ފިޓްކޮށް ކަމަށެވެ.

ނޯޔާ އިތުރަށް ބުނީ ބަޔާނާއެކު އިތުރު ކާމިޔާބީތައް ހޯދުމަކީ ބޭނުންވާ ކަމެއް ކަމަށާއި 2025 ވަނަ އަހަރު ބަޔާން ދަނޑުގައި އޮންނަ ޗެމްޕިއަންސް ލީގު ފައިނަލް ކާމިޔާބުކުރުމަކީވެސް އެންމެ ބޮޑު އެއް ހުވަފެން ކަމަށެވެ. ބަޔާނުން އަމިއްލަ ދަނޑުގައި މީގެ ކުރިން 2012 ވަނަ އަހަރު ފައިނަލުގައި ކުޅެ ޗެލްސީ ކައިރިންވީ ބައްޔެވެ. އެމެޗުގައި ނޯޔާ ކުޅުނެވެ.

ބަޔާނަށް 500 މެޗު ހަމަކުރުމުގެ މިސްރާބުގައި ނޯޔާ ހުރި އިރު، އޭނާ މިހާތަނަށް ވަނީ އެ ކްލަބާއެކު 11 ލީގު ތަށި ހޯދައިފައެވެ.

ނޯޔާގެ އިތުރުން ބަޔާންގައި ދެން މިހާރު ހުރި ސީނިއާ އަނެއް ގޯލްކީޕަރު ސްވެން އުލްރިޗެވެ. ނޯޔާއަށް އަނިޔާވެފައި ހުރި އިރު، ރަނގަޅަށް ކުޅެ އުލްރިޗްވެސް ވަނީ 2025 ވަނަ އަހަރާ ހަމައަށް އެއްބަސްވުން އާކޮށްފައެވެ.