ވަރިވާން ދިޔަ އަންހެނަކަށް ގުޅައި ޒާތީ މެސެޖުތަކެއް ކުރި ކަމަށް ތުހުމަތުވާ ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލީ އާދަމް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވި މައްސަލައިގައި ޖަވާބުދާރީވާން ޖުޑީޝަރީ ކޮމިޓީއަށް އޭނާ ހާޒިރުކުރި ބައްދަލުވުން ސިއްރު ކޮށްފިއެވެ.
ޖަވާބުދާރީވާން އޭނާއަށް ދިން ތިންވަނަ ފުރުސަތު، އަދި އެންމެ ފަހު ފުރުސަތުގައި، މިއަދު 10:00 ގައި ބޭއްވި ޖުޑިޝަރީ ކޮމިޓީގެ ބއްދަލުވުން ކުރިއށްގެންދާނީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ކަން އެ ބައްދަލުވުން ފައްޓަވަމުން ކޮމިޓީގެ މުގައްރިރު މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އިއުލާން ކުރެއްވިއެވެ.
އެ މައްސަލައިގައި ޖަވާބުދާރީވާން މީގެ ކުރީން އޭނާއަށް ދިން ފުރުސަތުގައި މަޖިލީހަށް ހާޒިރު ނުވުމުން، ފަހު ފުރުސަތުގެ ގޮތުގައި އޭނާއަށް އިތުރު ފުރުސަތެއް ދޭން ކޮމިޓީން ނިންމީ މިމަހު 27 ގައެވެ.
މިހާތަނަށް ފަނޑިޔާރުކަމުން ވަކި ކުރަން މަޖިލީހަށް ފޮނުއްވި ބޭފުޅުންގެ ތެރެއިން ޖަވާބުދާރީވުމުގެ ފުރުސަތެއް ދޭން ނިންމީވެސް ހަމަ އެކަނި އަލީ އާދަމް އަށެވެ.
އަލީ އާދަމް މަޖިލީހަށް ހާޒިރުނުވި މައްސަލައިގައި ޖުޑީޝަރީ ކޮމިޓީގެ މުގައްރިރު މީގެ ކުރީން ވިދާޅުވީ މެޖިސްޓްރޭޓް ޖަވާބުދާރީވާން ތިން ދުވަހުގެ ފުރުސަތެއް ދިނުމަށް ނިންމައި އެކަން އެންގުމުން، މައްސަލަ އިތުރަށް ދިރާސާކޮށް ވަކީލަކާއެކު މައްސަލައަށް ޖަވާބުދާރީވުމަށް ޓަކައި މިމަހު 27 ވަނަ ދުވަހާ ހަމައަށް ފުރުސަތު އިތުރުކޮށްދިނުމަށް މެޖިސްޓްރޭޓް އެދިވަޑައިގެންނެވި ކަމަށެވެ. ނަމަވެސް ޖަވާބުދާރީވުމަށް އެދުވަހުވެސް މެޖިސްޓްރޭޓް މަޖިލީހަށް ހާޒިރުވެވަޑައިނުގެންނެވިކަމަށް ވިދާޅުވިއެވެ.
މެޖިސްޓްރޭޓްގެ އިތުރު ސިޓީއެއް އެދުވަހު ކޮމިޓީއަށް ލިބުނު ކަމަށާއި، ޖަވާބުދާރީވާން ތައްޔާރުވެވަޑައިގެންނެވިފައި ނުވާތީ ޖަވާބުދާރީވާން އިތުރު ފުރުސަތެއް ދެއްވުމަށް އެ ސީޓީގައި އޭނާ އެދިވަޑައިގެންފައިވާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ފަހު ފުރުސަތުގެ ގޮތުގައި މިއަދާއި ހަމައަށް އިތުރު ފުރުސަތެއް ދިނުމަށް އެދުވަހު ކޮމިޓީން ނިންމީ، އެ މައްސަލައަށް ބަހުސް ކުރުމަށްފަހުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު