އޭއެފްސީ ކަޕް ގްރޫޕް ޑީގައި އިއްޔެ އަމިއްލަ ދަނޑުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް، ގްރޫޕްގެ އެެއްވަނައަށް ޖެހިލެވުނު ނަމަވެސް އަދި ކޮލިފިކޭޝަން ޔަގީންކޮށްގެން ތިބެވެން ނެތް ކަމަށް ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްގެ ކޯޗު އޮސްކާ ބްރޫޒޯން ބުނެފިއެވެ.

ބަޝުންދަރާ ސްޓޭޑިއަމްގައި އިއްޔެ ރާއްޖޭގެ މާޒިޔާ ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. އަދި ރޭ އޮޑިޝާއިން ރަށުން ބޭރުގައި މޯހަން ބަގާން ބަލިކުރީ 5-2 ގެ ނަތީޖާއަކުންނެވެ. އިއްޔެގެ ނަތީޖާއާއެކު މާޒިޔާ ވަނީ ކަޓައިފައެވެ. އެއީ ފަސް މެޗުން ލިބުނު ތިން ޕޮއިންޓާއެކު ތާވަލުގެ ފުލުގައި އޮތުމުންނެވެ.

އެއްވަނައިގައި މިވަގުތު ބަޝުންދަރާ ކިންގްސް އޮތީ ފަސް މެޗުން 10 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮޑިޝާ ފަސް މެޗުން ނުވަ ޕޮއިންޓާއެކު އޮތް އިރު، މޯހަން ބަގާން ތިންވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓާއެކުގައެވެ. ކޮންމެ ޓީމަކަށްވެސް ބާކީ މެޗެއް އޮތް އިރު، މާޒިޔާއަށް ދެން އޮތީ މާލޭގައި މޯހަން ބަގާނާ ދެކޮޅަށް ކުޅޭ މެޗެވެ.

މޯހަން ބަގާނަށް އަނެއް ބުރުގެ ފުރުސަތު އުނދަގޫކޮށް އޮތް އިރު، އޮޑިޝާ އާއި ބަޝުންދަރާ ކުޅޭ ފަހު މެޗު ވާނީ މުހިއްމު މެޗަކަށެވެ.

ރޭގެ މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއެކު ރާއްޖޭގެ ލީގު ކާމިޔާބުކުރި އޮސްކާ ބުނީ އެއްވަނައިގައި އޮތުމަކީ ރަނގަޅު ކަމެއް ނަމަވެސް މިހާ ހިސާބުން ހުއްޓާލައިގެން ތިބެވެން ނެތް ކަމަށެވެ.

"ރަނގަޅު ކަމެއް އަހަރެމެން މިވަގުތު އެއްވަނައިގައި އޮތުމަކީ. އަހަރެމެންނަށް ފަހި ގޮތަކަށް އެހެން މެޗުތަކުގެ ނަތީޖާތައް ނުކުތުމަކީ އެދޭނެ ގޮތް. ފަހު މެޗު އުނދަގޫވާނެކަން ޔަގީން. އަހަރެމެންނަށް އަދިވެސް ރަނގަޅުކުރަން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި. މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ރަނގަޅު ކުރަން ޖެހޭ އެތައް ކަމެއް ފެނިގެން ގޮސްފި،" އޮސްކާ ބުންޏެވެ.

މާޒިޔާ މެޗުގައި ގޯލު ޖެހުމަށް ދަތިތަކެއް ދިމާވިކަން ފާހަގަކުރަމުން ތަޖުރިބާކާރު ކޯޗު އޮސްކާ ބުނީ އޭއެފްސީ ކަޕްގައި މިހާތަނަށް ކުޅުނު ހުރިހާ މެޗެއްގައިވެސް ކޮޅަށް މާ ފަސޭހައިން ގޯލު ވަނުމަކީ އުނދަގޫވި ކަމެއް ކަމަށެވެ.

"އަހަރެމެންނަށް މެޗު ވަރަށް އުނދަގޫ. ހާއްސަކޮށް ފުރަތަމަ ހާފު އުނދަގޫ. ދެން ދެވަނަ ހާފަށް ނުކުމެވެސް ފުރަތަމަ އުނދަގޫވި. އެކަމަކު ރަނގަޅަށް ހުރަސްތައް ނަގައި ފުލް ސްޓޭޑިއަމްއާއެކު އަހަރެމެންނަށް ނަތީޖާ ނެރެވުނު. ގާތްގަނޑަކަށް 10 ވަރަކަށް އޯޕަން ފުރުސަތު ތަނަވަސްކުރެވި ދެ ގޯލު ޖެހުމަކީ ހިތްހަމަ ޖެހުމެއް. މެޗުގެ އޮއިވަރު ބަދަލުކޮށްލެވުނީ ފުރަތަމަ ގޯލާ ހަމައިން،" އޮސްކާ ބުންޏެވެ.