(24 ނޮވެމްބަރު 2023)
ކާއިނާތުގެ ޚާލިޤުގެ ފުރަމާނަ އަމުރުފުޅު އައުމާއެކު އެބޭކަލުން ވިދާޅުވާންޖެހެނީ މިދަންނަވާ ފަދައިންނެވެ. ޝައްކެއްނެތެވެ. އީމާންކަމާއި ޔަޤީންކަމުގެ އަހުލުވެރީން ފިޔަވައި އެހެންމީހުންނަށް އެ އަމުރުފުޅަށް ބޯލެނބުންވާނީ ބުރަކަމެއް ކަމުގައެވެ. އީމާންކަމުގެ އަހުލުވެރީން ފިޔަވައި އެހެންމީހުނަށް އެ އަމުރުފުޅުގެ އަޑުއިވޭއިރަށް ހަޅޭފަޅޭލަވާން ފަށާނެއެވެ. މަގުތަކާއި ގޯޅިގޯޅީގައި ހޯބޯލަވާނެއެވެ. އީމާންކަން ބަލިކަށި މީހުންވެސް ބޯއަނބުރައިގަންނާނެއެވެ. ޤިބްލަ ބަދަލުކުރެއްވުމުގެ އަމުރުފުޅު އައުމާއެކު ކަންވެފައިވަނީ އެގޮތަށެވެ.
މުޝްރިކުން ބުންޏެވެ. "ނިކަން ދެކެބަލާށެވެ! މިހާރު އެތިބަގެން ވިސްނުން ހަމަޔަކަށް އެޅެނީއެވެ. އަހަރެމެންގެ ޤިބުލަ ޚިޔާރުކޮށްފޫއެވެ. ދެން ފެންނާނީ މަޑުމަޑުން އަހަރެމެންގެ ދީނަށްވެސް އެނބުރި ރުޖޫޢަވާތަނެވެ."
ޔަހޫދީން ބުނީ ކީކޭކަމަށްތޯއެވެ؟ "ނިކަން ބަލައިބަލާށެވެ! އިސްލާމްދީނުގެ ދާޢީ އަހަރެމެންނާ ޚިލާފުވެވަޑައިގެންނެވުމުގެ ޖޯޝުގައި ނަބީބޭކަލުންގެ ޤިބުލަވެސް ދޫކޮށްލައްވައިފިއެވެ."
ނިފާގުގެ ބަލިމީހުން ވާހަކަ ދެއްކިއެވެ. "މިހިރަވާ ގޮތްގޮތެއް ނޭނގެއެވެ. محـمّــد ގެފާނުގެ (صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ) ޙަޤީޤީ ޤިބްލައަކީ ކޮންފަރާތެއް ބާވައެވެ؟ އެންމެކުރީގެ ޤިބްލައަކީ ޙައްޤު ޤިބްލަ ކަމުގައިވާނަމަ އެ ޤިބްލަ ދޫކޮށްލެއްވީ ކީއްވެގެންބާވައެވެ؟ ދެވަނަ ޤިބްލަ ރަނގަޅުކަމުގައިވާނަމަ ކުރީން އެތިބީ ބާޠިލު ގޮތުގައިތާއެވެ! ޤިބްލަވެސް މިވީ ކުޅޭ ކުޅިވަރަކަށެވެ. ހިތްޕުޅަށްއެރި ކޮންމެ ފަރާތަކަށް ކުރިމަތިލައްވަނީއެވެ. މުސްލިމުންގެ މުޅި ދީނަކީވެސް محـمّــد ގެފާނު (صـلّـــــى اللّــــه عــلـيــــه وسـلّـــــم) ބޭނުންފުޅު ގޮތަކަށް ކުޅުއްވާ ކުޅިވަރެކެވެ."
އީމާންކަމާއި ޔަޤީންކަމުގެ ރޫޙުން މުއްސަނދިވެވަޑައިގެންފައި ތިއްބެވި ބޭކަލުން ވިދާޅުވިއެވެ. އަޅުގަނޑުމެންނަށްއައި އަމުރުފުޅުގެ އަޑު އަހައިފީމުއެވެ. އެ އަމުރުފުޅަށް ކިޔަމަންވެއްޖައީމުއެވެ. އަޅުގަނޑުމެން އީމާންވެއްޖައީމުއެވެ. މިހުރިހައި އަމުރުފުޅުތަކެއްވެސް މިއަންނަނީ އަޅުގަނޑުމެން ހައްދަވައި ގެންގުޅުއްވާ ރަސްވަންތަ ރައްބުގެ ޙަޟުރަތުންނެވެ. (ޒާދުލްމަޢާދު، ޖިލްދު 2، 58، 57)
އާދެ، މިއީ އީމާންކަމުގެ އަހުލުވެރީން ދެއްވާ ޖަވާބެވެ. އެބޭކަލުންވަނީ ޕްރޮޕަގެންޑާގެ ވަރުގަދަ ޠޫފާނެއްގައި ހައްޔަރުވެވަޑައިގެންފައެވެ. ހަތަރުފަރާތުންވެސް އޮއްސަނީ ސުވާލުތަކެވެ. ހުޅުވައިލަނީ ބަހުސުތަކެވެ. މަލާމާތާއި އަނގަގޮއްވުމުގެ ވިހަ ތީރުތައް އޮއްސަމުން ގެންދިޔައީ ސުމާރެއް ބަލައިފައެއް ނޫނެވެ. މަޖްލިސްތަކުގައި ބަހުގެ ޙަމަލަތަކެވެ. މަގުތަކާއި ގޯޅިގޯޅީގައި ހޯބޯލަވަމުން ދަނީއެވެ. މިއީ އިންޤިލާބީ ތަޙްރީކުތަކުގެ އާދައެވެ. އިންޤިލާބީ ކޮންމެ ބޮޑު ބަދަލަކާއެކު ފެންނަ މަންޒަރެކެވެ. މީސްތަކުންގެ ޚިޔާލީ ދޭވަތާތަކުގެ ބުދުތައް މުގުރައިލެވޭ ކޮންމެފަހަރަކު މިބާވަތުގެ ހަޅޭފަޅޭކުގެ ޠޫފާންތައް އުފެދެއެވެ. އެކަމާހުރެ ތަޙްރީކުތަކުގެ މެމްބަރުންގެ ހާސްކަމާއި ކަންބޮޑުވުމުގައި ވަރަށްގިނަފަހަރު ރުޅިގަދަވާތަންވެސް އާދެއެވެ.
އެހެންކަމުން އިސްލާމީ ތަޙްރީކުގެ މެންބަރުންނަށް ދުރާލައި ނަސޭހަތް ލިބިވަޑައިގެންފައިވަނީ ކެތްތެރިވެވަޑައިގެންނެވުމާއި ނަމާދުކުރެއްވުމުގެ "ކަނޑަށްގަދަ" ނައުފަހަރުގައި އެނބުރޭ އޮއިވަރު ކަޑައްތުކުރެއްވުމަށެވެ. އިދިކޮޅު ޕްރޮޕަގެންޑާ ކުރާ މީހުންނާ ބެހޭގޮތުން މަޢުލޫމާތު އެރުވިފައިވަނީ އެބައިމީހުންގެ މަޤްޞަދަކީ ފަހަރެއްގައިވެސް ޙައްޤު ހޯދުމެއް ނޫންކަމެވެ. ކިތަންމެ ވަރުގަދަ ދަލީލުތަކެއް ދެއްކެވިކަމުގައިވިޔަސް އެބައިމީހުން ޤަބޫލެއް ނުކުރާނެކަމުގައެވެ. އެބައިމީހުންގެ ސުވާލުތަކުގެ ބޭނުމަކީ ޙައްޤު ހޯދުމުގެ ބަދަލުގައި މުސްލިމުންގެ އަނގަ ބަންދުކޮށް އީމާންކަމުގެ އަހުލުވެރީން އެބޭކަލުންގެ އުސޫލު ދޫކޮށްލައްވައި ގުޖަޑު އުފައްދާ މީހުންނަކީ މުރީދުންކަމުގައި ނުބައްލަވާހައި ހިނދަކު އެބައިމީހުންގެ ރުހުން ލިބިވަޑައިނުގަންނަވާނެ ކަމުގައެވެ.
ޔަހޫދީންގެ ވާހަކަ އުފައްދާ މީހުންގެ ވާހަކަތަކުގެ ޖަވާބުގައި އިސްލާމީ ތަޙްރީކުގެ ފަރާތުންވަނީ ޙުއްޖަތް ޤާއިމުކުރަމްށަޓަކައި ނުހަނު ސާބިތުކަމާއި ހަރުދަނާކަމާއެކު ވާހަކަ ދައްކަވައިފައެވެ. ޢާންމު ޢަރަބީންގެ ކުރިމައްޗަށް ހުށަހެޅުއްވީ كــعـــبـــة ގެ ޢަޡަމަތްތެރިކަމެވެ. آل عـمـــــران ســورة ގައި އެ މައުޟޫޢު ވަނީ ނުހަނު ޞަރީޙުކޮށް ބަޔާންކުރައްވައިފައެވެ.
"ކަލޭގެފާނު ވިދާޅުވާށެވެ. اللّــــه ވަޙީކުރެއްވީ ތެދުބަސްފުޅެވެ. ފަހެ، ބާޠިލުމަގުން އެއްކިބާވެ ޙައްޤުގެ މަގަށް ތަބަޢަވެގެންވާ إبــــراهــيـــــم ގެފާނުގެ ދީނަށް ތިޔަބައިމީހުން ތަބަޢަވާށެވެ. އަދި އެކަލޭގެފާނު މުޝްރިކުންގެ ތެރެޔަކުން ވެވަޑައިގެން ނުވެއެވެ. ހަމަކަށަވަރުން، މީސްތަކުންނަށްޓަކައި ފުރަތަމަ ލެއްވި (އަޅުކަމުގެ) ގެޔަކީ، މައްކާގައިވާ ގެފުޅުކަން ކަށަވަރެވެ. ބަރަކާތް ލައްވައިފައިވާ ތަނެއްގެ ގޮތުގައެވެ. އަދި ޢާލަމްތަކަށް ތެދުމަގެއް ކަމުގައެވެ. ފާޅުވެގެންވާ ހެކިތައް އެތާނގައިވެއެވެ. إبــــراهــيـــــم ގެފާނު ހުންނެވިތަން (އޭގެތެރެއިން) ވެއެވެ. އެތަނަށް (އެބަހީ: ގެފުޅުގެ ޙަރަމްފުޅަށް) ވަދެއްޖެ މީހާއީ އަމާންކަން ލިބިގެންވާ މީހަކު ކަމުގައިވިއެވެ. އެކަމަށް މަގެއްފެނި ކުޅަދާނަވެއްޖެމީހާ، އެ ގެފުޅަށް ޤަޞްދުކޮށްގެން ދިޔުމީ، (އެބަހީ: ޙައްޖުވުމަކީ) اللّــــه އަށްޓަކައި މީސްތަކުންގެ މައްޗަށްއޮތް ވާޖިބެކެވެ. (އެކަމާމެދު) ދެކޮޅުހަދައިފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން اللّــــه އީ އެންމެހައި ޢާލަމްތަކާ ނުލައްވައި ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ." (آل عـمـــــران: 97-95)
ބައިތުލްމަޤްދިސާ ބެހޭގޮތުން ޚުދު ބައިބަލުން ސާބިތުވާގޮތުގައި ســليمــان عـلــيـــه الـسّــــلام ބައިތުލްމަޤްދިސާއި (ހައިކަލް ސުލައިމާނީ) ބިނާކުރެއްވީ مـــوســى ގެފާނަށްފަހުވެސް ހަތަރުސަތޭކަ ފަންސާއަހަރު ފަހުންނެވެ. މާތް اللّــــه އަށް އަޅުކަންކުރާ މީހުންގެ ޤިބްލައެއްކަމުގައި އެތަންވީ ســليمــان ގެފާނުގެ ދައުރުގައެވެ. އެއާޚިލާފަށް ތާރީޚީގޮތުންނާއި ދީނީގޮތުން އެއްބަސްވެވިފައިވާ މުއްތަފަޤު އަދި މުތަވާތިރު ރިވާޔަތްތަކުން ސާބިތުވާގޮތުގައި كــعـــبـــة ބިނާކުރެއްވީ إبــــراهــيـــــم عـلــيـــه الـسّــــلام އެވެ. إبــــراهــيـــــم ގެފާނު އުޅުއްވީ مـــوســى عـلــيـــه الـسّــــلام ގެވެސް އަށްސަތޭކަ ނުވަތަ ނުވަސަތޭކަ އަހަރު ކުރިންނެވެ. ޒަމާނުގެގޮތުން كــعـــبـــة ގެ ދޮށިކަމުގެ އިތުރަށް އެމާހޫލަކީ ދީނުގެ ވަރަށް ޚާއްޞަ މުޤައްދަސް ނިޝާންތަކެއްވެސް އެކުލެވޭ މާހޫލެކެވެ. ދީނުގެ ވަރަށް މުހިންމު ޝިޢާރުތަކެއްވަނީ ބައްކާގެ ވާދީއާ ގުޅިފައެވެ. އިލާހީ ދީނުގެ އަގުމަގު ނުކުރެވޭފަދަ ރިވާޔަތްތަކެއް އެބިމުގައި ވިދައި ބަބުޅަމުންދެއެވެ. ހެޔޮކަމުގެ ދިދައުފުލާ މިއްލަތުގެ ތާރީޚުގެ އެތަކެއް ބިންގާތަކެއް އެޅިފައިވަނީ އެތާނގައެވެ. إبــــراهــيـــــم عـلــيـــه الـسّــــلام އަޅުކަން ކުރެއްވިތަން ވަނީ އެތާނގައެވެ. އެތާނގައިވާ ފެންއާރަކީ ތައުހީދުގެ އަހުލުވެރީންގެ އެތައް މިލިޔަން ބަޔަކު މިއަދުވެސް ކަރުހިއްކުންފިލުވަމުންގެންދާ ފެންއާރެވެ. އެތާނގައިވާ އަޅުކަންކުރުމުގެ ގެޔަކީ އިލާހީ ޙަޟުރަތުގައި މަޤްބޫލުކަން ލިބިގެންވާ އަޅުކަމުގެ މަރުކަޒެއްކަމީ ކީރިތި ޤުރްއާނުގެ ސަނަދުން ސާބިތުވެފައިވާ ކަމެކެވެ.
ގަހެއް ރުކެއް އިންސާނީ އާބާދީއެއްނެތް އެބިމުގައި ބިނާކުރެވުނު އެ ޢިމާރާތް ބިނާކުރެއްވާއެކު އެތާނގެ ވަށައިގެންވަނީ އިންސާނީ ދުނިޔެއެއް އާބާދުވެފައެވެ. އެ މަރްކަޒު ޢިމާރާތްކުރެވުނީއްސުރެ ދުނިޔޭގެ ދުރު ކަންކޮޅުތަކުން އިންސާނުންގެ ޤާފިލާތައް ދަތުރު ހަދައިގެން އަންނަނީ ހުއްޓުމެއްނެތި އެގެޔަށް ޒިޔާރަތް ކުރަމުންނެވެ. އެތާނގެ ޙުރުމަތާއި ދަރަޖަމަތިވެރިކަމުގެ ހެއްކަކީ އެތަނަކީ ރޯކަމެއްނެތް ސަހަރާވީ ވާދީއަކަށް ވުމާއެކުވެސް މިއަދުވެސް އެތާނގެ އަހުލުވެރީންނަށް މޭވާއިން ރިޒުޤު ލިބެމުންދިޔުމެވެ. ދުނިޔޭގައި ފެން ހިއްކަވައިގެންފައިވާ ހުރިހައި ތަނަކުން މޭވާއާއި ރިޒުޤުގެ ރަނގަޅު އެހެނިހެން ވަސީލަތްތައް އެތަނަށްދަނީ އޮހެމުންނެވެ. އެ އަޅުކަމުގެ ގެ ޢިމާރާތް ކުރެއްވިފައިވަނީ ހަނގުރާމަވެރި ޢަރަބި ބަދަވީންގެ ނިމުމެއް ނާންނަ މައުރިކާތަކުގެ ކަނޑުގެ މެދުގައެވެ. އެކަމަކު އެތާނގެ ޙަރަމަށް ވަދެއްޖެ މީހަކީ އެމީހެއްގެ ޖާނާއި މާލަށް އަމާންކަން ލިބިގެންވާ މީހެކެވެ. އެކަކު އަނެކެއްގެ ލެޔަށް ފެންބޮވައިގެންފައިވާ މީހުން އެ ޙަރަމަށް ވަނުމާއެކު ކަނޑިތައް އުރަޔަށް ލައެވެ. ރުޅިވެރިކަމުގެ ޖަޒުބާތުގެ ލަގަނަށް ބާރުކޮށްލައެވެ. ޤާތިލުންނާއި މަގުފޭރޭ މީހުން އެ ޖައްވަށް ނޭވާލުމާއެކު ބަދަލުވަނީ ޞުލްޙަމަސަލަސް ރަށްވެހީންނަށެވެ. އެތަނާ ގުޅިފައިވަނީ އަމަންއަމާންކަމުގެ އެއްދުވަހެއް ދެދުވަހެއްގެ ތާރީޚެއް ނޫނެވެ. އަހަރެއް ދެއަހަރެއްގެ ތާރީޚެއްވެސް ނޫނެވެ. އަދީ ކީއްތޯއެވެ. ހަތަރުފަސްހާސް އަހަރުގެ ދިގު ތާރީޚެކެވެ. އެހެންކަމުން إبــــراهــيـــــم عـلــيـــه الـسّــــلام ގެ ޙަނީފީ ތަހްރީކުގެ މަރުކަޒަކަށް ވުމަކީ އެގެއަށް ލިބިފައިވާ ޙައްޤެކެވެ. އެހެންވީއިރު އެގެއަށް މަރުކަޒީ ހައިސިއްޔަތު ލިބުމުން މަގުމަގާއި ގޯޅިގޯޅީގައި ހޯބޯލަވާންޖެހޭ ދީނާ ޚިލާފު ނުވަތަ ސަލާމަތް ބުއްދިއާ ފުށުއަރާ އެއްވެސް ސަބަބެއްނެތެވެ.
(ނުނިމޭ)
ދީން
ދީން
ދީން
ދީން