އަންނަ އަހަރުން ފެށިގެން ރާއްޖެ އަށް ތުރުކީ އިން އިތުރު 30 ސްކޮލަޝިޕްގެ ފުރުސަތު ދޭން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް، ތުރުކީއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ އިއްޔެ ވަނީ ބައްދަލު ކުރައްވައިފައެވެ.
މި ބައްދަލުވުމުގައި ތުރުކީވިލާތުގައި ދިރިއުޅެމުންދާ ދިވެހިން ވަނީ އެމީހުންނަށް ސަރުކާރުގެ އެހީތެރިކަން ބޭނުންވާ ކަންކަމާއި އެގައުމުގައި ކުރިމަތިވާ ގޮންޖެހުންތައް ރައީސްއާ ހިއްސާ ކޮށްފައެވެ. އޭގެތެރޭގައި ތުރުކީވިލާތުގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ނެތުމުން ކުރިމަތިވާ ގޮންޖެހުންތަކާއި ރާއްޖެއިން ބޭރުގައި ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓްތަކުން ފައިސާ ނެގޭ އަދަދު މިހާރު ކަނޑައަޅާފައިވާ މިންގަނޑުގެ ސަބަބުން ދިމާވާ އުނދަގޫތައް ހިއްސާކޮށްފައެވެ.
މީގެ އިތުރުން އެކިއެކި ތަމްރީނުތައް ފުރިހަމަ ކުރުމަށްޓަކައި އެ ގައުމުގައި ތިބި ފަރާތްތައް، ޗުއްޓީގައި ރާއްޖެއަށް އަނބުރާ ދިއުމަށް ކުރިމަތިވާ ގޮންޖެހުންތައް ހިއްސާ ކުރިއެވެ. އަދި ތަމްރީނުގެ ފުރުސަތުތަކާއި ސްކޮލާޝިޕް ފުރުސަތުތައް ދިވެހިންނަށް އިތުރަށް ފަހިކޮށްދިނުމަށްވެސް އެދުނެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ރާއްޖޭގެ އެމްބަސީއެއް ތުރުކީގައި ގާއިމު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މަޝްވަރާ ކުރައްވާނެ ކަމަށާއި އަދި ބީއެމްއެލުން މިހާރު ކަނޑައަޅާފައިވާ ކާޑު ލިމިޓަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ވިދާޅުވެފައެވެ.
ތުރުކީވިލާތުގެ އިސްބޭފުޅުންނާ އެކު އިއްޔެ ބޭއްވި ބައްދަލުކުރެއްވުމަށްފަހު އެބޭފުޅުން ވަނީ އަންނަ ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ހާއްސަކޮށް 30 ސްކޮލާޝިޕް ފުރުސަތު ދެއްވާނެކަން ޔަގީންކޮށް ދެއްވާފައި ކަމަށެވެ. އަދި މި ފުރުސަތުތައް އަންނަ ޖެނުއަރީ މަހު ހުޅުވާލާނެ ކަމަށް ތުރުކީވިލާތުގެ އިސްބޭފުޅުން ވިދާޅުވެފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭން ބޭރުގައި ކިޔަވާ ހުރިހާ ކުދިންނަށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށާއި ކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާކުރައްވައިގެން އެކަންކަން ފަސޭހަކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ. އަދި ސަރުކާރުގެ ފުރިހަމަ ސަޕޯޓް ބޭރުގައި ކިޔަވާ ހުރިހާ ކުދިންނަށް ލިބޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު