ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ސިޔާސަތުތަކާ ގުޅިގެން ގައުމީ ސަލާމަތަށް އަސަރުކުރާ ކަމަށް ބުނެ، އޭރުގެ އިދިކޮޅު ފަރާތްތަކުގެ ދެއްކި ވާހަކަތަކުގެ ހަގީގަތް ރައްޔިތުންނަށް ހާމަކުރުމުގެ ގޮތުން ޕަބްލިކް އިންކުއަރީއެއް ހަދަން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ގަރާރު ހުށަހެޅުއްވީ، ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުގުނީއެވެ.

އެ ގަރާރުގައި ވަނީ، އެމްޑީޕީގެ ނިމިދިޔަ ސަރުކާރުގެ ސިޔާސަތުތަކާއި އެ ސަރުކާރުން ނިންމާފައިވާ ނިންމުންތަކާއި ބޭރު ގައުމުތަކާއެކު ވެފައިވާ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ގައުމީ ސަލާމަތާއި ސިޔާދަތަށް އަސަރުކޮށްފައިވާ ކަމަށް ކޮށްފައިވާ ތުހުމަތުތަކުގެ ސަބަބުން ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ.

"ނިމި ދިޔަ ސަރުކާރުން ރާއްޖޭގެ ސަލަމާތާއި މިނިވަންކަމާއި އިސްތިގްލާލަށް އުނިކަމެއް ނުވަތަ އަސަރެއް ކޮށްފައިވާ އެއްވެސް އަމަލެއް ހިންގާފައިވޭތޯ ނުވަތަ އެފަދަ އެއްވެސް ސިޔާސަތެއް ތަންފީޒު ކޮށްފައިވޭތޯ ދެނެގަނެ، އެކަމުގެ ތެދު ހަގީގަތް ދިވެހި ރައްޔިތުންނަށް ހާމަކުރުމަކީ ދިވެހިރާއްޖޭގެ ހަމަޖެހުމަށާއި ދިވެހިރާއްޖޭގެ މަސްލަހަތު ބައިނަލްއަގްވާމީ ދުނިޔޭގައި ހިމާޔަތްކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް،"

އެތައްހާސް އިންޑިއާ ސިފައިން ހަތިޔާރާ އެކު، ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ރާއްޖޭގައި ބައިތިއްބައިގެން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ނަގާލުމަށް ސަރުކާރުން މަސައްކަތްކޮށްފައި ވާކަމަށް ބުނެ ކޮށްފައިވާ ތުހުމަތުތަކުގެ ހަގީގަތާއި ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އޮންނަ ކަނޑުގެ ފުށުއަރާ ސަރަހައްދުގެ އިން ކަނޑައެޅި މައްސަލަ ނިންމާފައި ވަނީ ރާއްޖެއަށް ގެންލުންވާ ގޮތަށް ކަމަށް ތުހުމަތު ކޮށްފައިވާ ކަމަށްވެސް އެ ގަރާރުގައިވެއެވެ.

"އެގޮތަށް އެކަން ހިނގާފައި ވަނީ ނިމިދިޔަ ސަރުކާރުން ގަސްތުގައި ނުކޮށް ދޫކޮށްލި ކަންތައްތަކަކާއި ގަސްތުގައި ދިވެހި ގައުމަށް ގެއްލުންވާގޮތަށް އަޅާފައިވާ ފިޔަވަޅުތަކެއްގެ ސަބަބުންކަމާއި އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލާފައިވާ ކަމަށް ބުނެ ކޮށްފައިވާ ތުހުމަތުތަކުގެ ހަގީގަތް ބަލައި، އިސްވެ ދެންނެވުނު ކަންކަމުގެ ތެދު ދޮގު ދެނެގަނެ ރައްޔިތުންނަށް ހާމަކޮށްދިނުމުގެ ގޮތުން ޕަބްލިކް އިންކުއަރީއެއް ހިންގުމަށް ހުށަހެޅީ،" ކަމަށް އެ ގަރާރުގައި ވެއެވެ.