ކުރީގެ ރަައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރި ކަމުގައި ގޯއްޗާއި ފްލެޓަށް ހޮވުނު ފަރާތްތަކަށް ވީއެންމެ އަވަހަކަށް އެ ތަންތަން ހަވާލު ކުރުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައި ބަހުސް ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ، އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން މީކާއީލް ވިދާޅުވީ، ކުރީގެ ސަރުކާރުން ދީފައިވާ ގޯއްޗާއި ފްލެޓް، ދީފައިވާ ތަނަކުން ދީފައިވާ މިންވަރަށް ދެއްވާނެ ކަމަށާއި އަތު ނުލައްވާނެ ކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ޕީޕިއެމް/ޕީއެންސީގެ ކެނޑިޑޭޓް އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި ކަމަށެވެ.

"ނަމަވެސް ސަރުކާރާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ބިންވެރިޔާ ސްކިމްގެ ދަށުން ކުރީގެ ސަރުކާރުން ދޫކޮށްފައިވާ ބައެއް ގޯތިތަކުގެ ރަޖިސްޓްރީ ދެވިގެން ނުވާނެ ކަމަށް ވިދާޅުވެ ރަޖިސްޓްރީގެ ސައްހަ ކަމާމެދު ސުވާލު އުފައްދަވާފައިވާތީ އާއި ގޯތިތަކުގެ ލޮކޭޝަން އެހެންތާކަށް ބަދަލު ކުރަންޖެހިދާނެ ކަމުގެ އިންޒާރު ދީފައިވާ އިރު، އަދި ގެދޮރުވެރިޔާގެ ދަށުން ފްލެޓް ދޫކޮށްފައިވާ ފަރާތްތައް އަލުން ފޯމު ހުށަހަޅަން ޖެހިދާނެ ކަމަށް ވަނީ ވިދާޅުވެފައި،"

މީކާއީލް ވިދާޅުވީ، ކުރީ ސަރުކާރުން ރައްޔިތުންނަށް ގޯތި ދިނުމަށް ކަނޑައަޅާފައިވާ ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރު ފަޅު ތަރައްގީކޮށް އެތަންތަނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ގާއިމު ކުރުމަށް އެއްވެސް އަދަދެއް އަންނަ 2024 ވަނަ އަހަރަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓްގައި މިސަރުކާރުން ހިމަނާފައިނުވާ ކަމަށެވެ. އޭގެ ބަދަލުގައި ފުށިދުއްގަރު ފަޅު ހިއްކުމަށް 400 މިލިޔަން ރުފިޔާ ހިމަނާފިވާތީ ސަރުކާރުގެ ނިޔަތާމެދު ސުވާލުއުފެދޭ ކަމަށްވެސް ވިދާޅުވިއެވެ.

އަދި ބޯހިޔާވަހި ކަމުގެ މައްސަލައިގައި ވާނުވާ ނޭންގި ހާސްކަމެއްގެ ތެރޭގައި އެތައް ރައްޔިތުންތަކެއް ތިބިކަން ފާހަގަ ކުރައްވައި މީކާއީލް ވިދާޅުވީ، އެގޮތަށް ރައްޔިތުން ބެއިތިއްބުމުގެ ބަދަލުގައި މިކަމާ ގުޅޭ މި ސަރުކާރުގެ ހަގީގީ ސިޔާސަތު ހާމަކޮށް، ބޯހިޔާވަހިކަމުގެ ލިިއުން ލިބިފައިވާ ފަރާތްތަކަށް ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި އެތަންތަން ހަވާލު ކުރުމަށްވެސް ވަނީ ގޮވާލައްވައިފައެވެ.

މި ކުއްލި މައްސަލައަށް ބަހުސް ކުރަން ފާސްކުރީ، ޖަލްސާގައި ތިއްބެވި 31 މެންބަރުންގެ ތެރެއިން 29 މެންބަރުން ވޯޓު ދެއްވައިގެންނެވެ.