އެމްއެޗް 370ގެ މައްސަލައިގައި ބަދަލުދިނުމުގެ އަޑުއެހުންތައް ކޯޓުގައި ފަށައިފިއެވެ.

ޗައިނާގެ ބެއިޖިންގެ ކޯޓެއްގައި ހޯމަ ދުވަހު ވަނީ އެމްއެޗް 370 ގެއްލުމުގެ ހާދިސާގައި ބަދަލު ހޯދުމަށް ޗައިނާގެ އާއިލާތަކުން ހުށަހެޅި މައްސަލަތަކުގެ އަޑުއެހުންތައް ފަށައިފައެވެ.

މިހާތަނަށް 40 އަށްވުރެ ގިނަ އާއިލާއިން ވަނީ ކޯޓުގައި މައްސަލަ ފައިލްކޮށްފައެވެ. އެމީހުން ވަނީ މެލޭޝިއަން އެއާލައިންސް އިން ބަދަލު ހޯދުމަށް އެދި ހުށަހަޅައިފައެވެ. އަދި މީގެ އިތުރުން ފްލައިޓު އުފައްދާ ބޯއިންގްގެ އިތުރުން ފްލައިޓު އިންޖީނު އުފައްދާ ރޯލްސް ރޯއީސްއާ ދެކޮޅަށްވެސް ވަނީ މައްސަލަ ހުށަހަޅައިފައެވެ.

ޗައިނާއިން އަޑުއެހުންތައް ފަށާފައިވާ އިރު އެކަމުގައި އެއްވެސް ކޮމެންޓެއް ނުކުރުމަށް މެލޭޝިއާގެ ޓްރާންސްޕޯޓު މިނިސްޓްރީ އާއި މެލޭޝިއަން އެއާލައިން އިން ވަނީ ނިންމައިފައެވެ.

ދެހާސް ސާދަވަނަ އަހަރުގެ މާޗް މަހު 239 މީހުންނާއެކީ މެލޭޝިއާގެ ކުއަލަލަމްޕޫރުން ޗައިނާގެ ބެއިޖިންއަށް ދަތުރުކުރި މެލޭޝިއަން އެއާލައިންސްގެ ފްލައިޓް އެމްއެޗް 370 ވަނީ ވީނުވީއެއް ނޭންގި ގެއްލިފައެވެ.