ތުރުކީވިލާތުގެ ރައީސް ރެސިޕް ތައްޔިބު އުރުދުގާންގެ އަނބިކަނބަލުން އެމިނެ އުރުދުގާން، ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާ ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ކުރައްވައިފައެވެ.
އެމިނެ އުރުދުގާން އެކަމަނާގެ ރަސްމީ "އެކްސް" އެކައުންޓުން މީގެ އިރުކޮޅެއްކުރިން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ފަސްޓްލޭޑީ ސާޖިދާއަށް މެހެމާންދާރީ އަދާކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވުމަކީ އުފަލެއް ކަމަށެވެ.
އެމިނެ ވިދާޅުވި ގޮތުގައި، މެޑަމް ސާޖިދާއާއެކުގައި ބޭއްވި ބައްދަލުކުރެއްވުމުގައި، ތައުލީމާއި ސަގާފަތާއި ތިމާވެއްޓާއި ހުރިހާ ދާއިރާއަކުން އަންހެނުން ބާރުވެރިކުރުވުމާ ގުޅޭ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި އެ ބޭފުޅުން ވަނީ، ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރޭލުން ދެމުންދާ ލާއިންސާނީ ހަމަލާތަކާ ގުޅިގެން ހިތާމަފާޅުކުރައްވައިފައެވެ.
މި ދަތުރުފުޅުގައި މެޑަމް ސާޖިދާ ވަނީ ގްލޯބަލް ޒީރޯ ވޭސްޓް ގުޑްވިލް ޑެކްލަރޭޝަންގައި ސޮއިކުރައްވައިފައެވެ.
ރައީސް ޑރ. މުއިއްޒުގެ ދެކަނބަލުން ރަސްމީ ދަތުރުފުޅެއްގައި ތުރުކީވިލާތަށް ވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ. މިއީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސްގެ ދެކަނބަލުން ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ޚަބަރު
ޚަބަރު
ޚަބަރު