ބޮޓްސްވާނާގައި ކުރިއަށްދިޔަ ބޮޓްސްވާނާ އިންޓަނޭޝަނަލް 2023 އިން ރާއްޖޭން ރިހި މެޑަަލަކާއި ދެ ލޯ މެޑަލް ހޯދައިފިއެވެ.

އިއްޔެ ނިމިގެން ދިޔަ މުބާރާތުގައި ރާއްޖޭން ރިހި މެޑަލް ހޯދީ އަންހެން ޑަބަލްސް އިވެންޓުންނެވެ. އެ އިވެންޓުން ރިހި މެޑަލް ހޯދީ އައިމިނަތު ނަބީހާ (ނަބީ) އާއި ފާތިމަތު ނަބާހާ (ނަބާ) ގެ ޕެއާއިންނެވެ. ދެން ލިބުނު ދެ ލޯ މެޑަލް ހޯދީ ފިރިހެން ޑަބަލްސް ދެ ޕެއާ އިންނެވެ. އެއީ، ނިބާލް އަހުމަދާއި މުހައްމަދު އަޖުފާންގެ ޕެއާ އަދި ޒަޔާން ޒަކީ އަދި ނަޝްފާން މުހައްމަދުގެ ޕެއާއެވެ.

ނަބާ އާއި ނަބީ އަންހެން ޑަބަލްސްގެ ފައިނަލަށް ދަތުރުކޮށް، އިއްޔެ ވާދަކުރީ އެއްވަނައަށް ސީޑުކޮށްފައިވާ ދެކުނު އެފްރިކާގެ އެމީ އެކަމަން އާއި ޑެއިޑްރޭ ލޯރެންސްގެ ޕެއާއާ ދެކޮޅަށެވެ. އެ މެޗު ވާދަވެރިކޮށް ގޮސް ނަބާ އާއި ނަބީ ބަލިވީ ތިން ސެޓު ކުޅެގެންނެވެ.

ފުރަތަމަ ސެޓު ދެކުނު އެފްރިކާގެ ޕެއާއިން 21-13 އިން ގެންދިޔަ އިރު، ނަބާ އާއި ނަބީ ދެ ވަނަ ސެޓު ގެންދިޔައީ 20-22 އިންނެވެ. ތިންވަނަ ސެޓު އެމީ އާއި ޑެއިޑްރޭ ގެންދިޔައީ 21-18 އިންނެވެ.

ފިރިހެން ޑަބަލްސް އިން ރާއްޖެއަށް މެޑަލް ހޯދައިދިން ދެޕެއާ ވެސް ވަނީ ސެމީ ފައިނަލުގައި ކުޅެގެން ބަލިވެފައެވެ. ނިބާލް އާއި އަޖުފާންގެ ޕެއާ ބަލިވީ ޗެމްޕިއަންކަން ހޯދި މެލޭޝިއާގެ ޕެއާ، ޗޮކް ކެން ވެއި އާއި އެންޑީ ޔޫގެ ޕެއާ އަތުންނެވެ. އެއީ 21-09، 21-09 އިން ސެޓުތައް ގޮސްގެންނެވެ.

ޒަޔާން އާއި ނަޝްފާންގެ ޕެއާ ސެމީގައި ބަލިވީ، ދެވަނައަށް ސީޑްކޮށްފައިވާ މޮރިޝަސްގެ ލޫކަސް ޑޫސް އާއި ކެމްޓީޝް ރާއިގެ ޕެއާ އަތުންނެވެ. އެޕެއާ އިން ސެޓުތައް ގެންދިޔައީ، 22-20، 21-17 އިންނެވެ.