ކުރިން ލިވަޕޫލާއި ރެއާލް މެޑްރިޑް އަދި ބަޔާން މިއުނިކަށްވެސް ކުޅެފައިވާ ސްޕެއިންގެ ލެޖެންޑަރީ މިޑްފީލްޑަރު ޒަބީ އެލޯންސޯ ކޯޗުކަން ކޮށްދެމުންދާ ބަޔާން ލެވަކޫސަންއިން، އަނެއްކާވެސް ލީގު ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ރޭ ލެވަކޫސަންއިން ވާޑާ ބްރެމަން ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. އެޓީމު މިވަގުތު ލީގު ތާވަލުގެ އެއްވަނައިގައި އޮތީ 12 މެޗުން 34 ޕޮއިންޓާއެކުގައެވެ. ބަޔާން މިއުނިކް ދެވަނައިގައި އޮތީ 12 މެޗުން 32 ޕޮއިންޓާއެކުގައެވެ. ބަޔާން ލެވަކޫސަންއިން މި ސީޒަނުގެ ލީގުގައި ކުޅުނު 12 މެޗުގެ ތެރެއިން 11 މެޗުން މޮޅުވެފައިވާ އިރު، އަދި ބަލިވެފައެއް ނުވެއެވެ.

މީގެ ކުރިން ޖަރުމަނު ލީގުގައި އެންމެ ރަނގަޅަށް ފެށުމުގެ ރެކޯޑު އޮތް ޓީމަކީ ބަޔާން މިއުނިކެވެ. އެއީ މިވަގުތު ލެވަކޫސަން އަތުގައި އޮތް ރެކޯޑެވެ. ބަޔާނުން އެ ރެކޯޑު ހެދީ 2015-16 ވަނަ އަހަރުއެވެ.

ލެވަކޫސަންއިން ރޭ ލީޑު ނެގީ އޮލިވިއާ ޑެމަން އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. ލެވަކޫސަންގެ ދެވަނަ ގޯލު ޖެރެމީ ފްރިމްޕޮންގެވެ. އަދި ތިންވަނަ ގޯލެއް ޖަހައި މޮޅު ޔަގީންކުރީ އެލެކްސް ގްރިމާލްޑޯއެވެ.