ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ އިސްވެރިންގެ ޓީމެއް، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވައިފިއެވެ.
ޖޭޕީގެ މީޑިއާ ގުރޫޕުގައި އެ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހް މިރޭ ވިދާޅުވީ މަޖިލިސް އިންތިހާބާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއެކު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. އަދި ޖޭޕީގެ ފަރާތުން އެ ބައްދަލުވުމުގައި ބައިވެރިވީ އެ ޕާޓީގެ ކައުންސިލުން ނަގާފަައިވާ ކޮމިޓީގައި ހިމެނޭ މެންބަރުން ކަމަށާއި އެ ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންނެވި ކަމަށް ވިދާޅުވިއެވެ. ރައީސް މުއިއްޒަކީ ޕީއެންސީގެ ރައީސެވެ.
ނަމަވެސް އެ ބައްދަލުވުމާ ގުޅޭގޮތުންް އިތުރު ތަފްސީލު ހާމަކުރެވެން ނެތް ކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ.
އެ ބައްދަލުވުމުގައި ޖޭޕީގެ ފަރާތުން ވަޑައިގެންނެވި ޓީމުގެ ތެރޭގައި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާއި ކުރީގެ މަޖިލިސް މެންބަރު އަދި ޖޭޕީގެ ރައީސް ގާސިމް އިބްރާހިމްގެ އެޑްވައިޒަރުން ނިހާން ހުސެއިން އާއި ރިޔާޒް ރަޝީދު ހިމެނިވަޑައިގަންނަވައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިންއާއި ކުރީގެ ހޯމް މިނިސްޓަރު އަދި ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު އަޒްމީން ވެސް ހިމެނިވަޑައިގަންނަވައެވެ.
ޕީއެންސީގެ ފަރާތުން ރައީސްގެ އިތުރުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ އެ ޕާޓީގެ ޗެއާޕާސަން އަދި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)އާއި ލޯޗަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހިމެނިވަޑައިގަންނަވައެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ދައުރުގައި ޖޭޕީން ވަކި ބަޔަކަށް ތާއީދު ނުކުރަން ނިންމި ނަމަވެސް އެ ޕާޓީގެ ގިނަ މެންބަރުން ޑރ. މުއިއްޒުއަށް ތާއީދު ކުރިއެވެ. އަދި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްފަހު ޖޭޕީން ވަކިވި ބައެއް މެންބަރުން މި ސަރުކާރުގެ މަގާމުތަކަށް ވެސް ވަނީ އައްޔަންކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު