އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭންގެ ޖެހި ގޯލާއެކު އެފްސީ ކޮލޮން ބަލިކޮށް، ބަޔާން މިއުނިކުން ޖަރުމަނު ލީގު ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ރޭ ރަށުން ބޭރުގައި ބަޔާނުން ކޮލޮން ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ބަޔާން އެއްވަނައަށް ޖެހިލީ 12 މެޗުން 32 ޕޮއިންޓާއެކުގައެވެ. މި ސީޒަނުގެ ލީގުގައި ބަޔާން އަދި ބަލިވެފައެއް ނުވެއެވެ. ދެވަނައިގައި ޒަބީ އެލޯންސޯގެ ބަޔާން ލެވަކޫސަން އޮތީ 11 މެޗުން 31 ޕޮއިންޓާއެކުގައެވެ. މިވަގުތު ތިންވަނައިގައި ސްޓަޓްގާޓް އޮތް އިރު، ހަތަރު ވަނައިގައި އޮތީ އާރްބީ ލެއިޕްޒިގެވެ.

ރޭގެ މެޗުގެ 20 ވަނަ މިނެޓުގައި ކޭން ޖެހި ގޯލާއެކު ބަޔާނުން ލީޑު ނެގި އިރު، އެ ގޯލަކީ އެރިކް މެކްސިމް ޗުޕޮ-މޮޓިން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ގޯލެކެވެ. ލީގުގައި މިހާތަނަށް ކުޅުނު 12 މެޗުގައި ކޭން 18 ގޯލު ޖަހާފައިވާ އިރު، އެއީ ރެކޯޑު އަދަދެކެވެ. އަދި ރޭގެ މެޗުގައި ޖެހި ގޯލާއެކު ކޭން ވެފައި ވަނީ ޖަރުމަނު ލީގުގައި އެންމެ ގިނައިން ގޯލު ޖެހި އިނގިރޭސި ކުޅުންތެރިޔާއަށެވެ.

މެޗުގައި ބަޔާނަށް ލީޑު ފުޅާކުރުމަށް އިތުރު ފުރުސަތުތަކެއް ލިބި ބޭކާރުވިއެވެ. ޗުޕޮ-މޮޓިން އާއި ލެރޮއި ސާނާ އަދި ކިންގްސްލީ ކޯމަންއަށް ލިބުނު ފުރުސަތުތައް ފާހަގަވިއެވެ. ކޯމަންގެ ހަމަލާއެއް މެޗުގެ ދެވަނަ ހާފުގައި ގޯލުގެ ދަނޑިއަށްވެސް އަމާޒުވިއެވެ.